ނޯކަރުންނަށް އެމީހުން ކުރަންޖެހޭ މަސައްކަތްތައް އެނގޭއިރު ގެއަށް ގެނެވޭ އަނބިމީހާއަށް އޭނާ ކުރަންޖެހޭ މަސައްކަތްތަކުގަ ޙައްދެއް ނެތީމަ އެއީ އިންޞާފެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނޯކަރުންނަށް އެމީހުން ކުރަންޖެހޭ މަސައްކަތްތައް އެނގޭއިރު ގެއަށް ގެނެވޭ އަނބިމީހާއަށް އޭނާ ކުރަންޖެހޭ މަސައްކަތްތަކުގަ ޙައްދެއް ނެތީމަ އެއީ އިންޞާފެއްތަ؟

މިވާހަކަ ދައްކަން ދެރަވެސްވެއެވެ. އެކަމަކުވެސް ކޮންމެވެސް ބައަކު މިވާހަކަ ދައްކައިގެން ނޫނީ އެއްވެސް ޙައްލެއް ނުހޯދޭނެއެވެ. އަދި ވާހަކަދެއްކިނަމަވެސް މިއީ ޙަޤީޤަތް ކަމާއި މިކަންކަން އިޞްލާޙްކުރަންޖެހޭކަން ޤަބޫލުކުރެވެންވެސް އެބަޖެހެއެވެ. 

ގެއަށް ނޯކަރަކު ގެނައިނަމަވެސް އޭނާއަށް ކުރަންޖެހޭނެ މަސައްކަތްތަކާއި މަސައްކަތްކުރަންޖެހޭނެ ވަޤުތުތައްވެސް އަންގައިދެވެއެވެ. އެކަމަކު ގެއަށް ގެނެވޭ އަނބިމީހާއަށް އެވަރުވެސް ކޮށެއް ނުދެވެއެވެ. ކުރަން ނުޖެހޭ މަސައްކަތެއް ނުއޮވެއެވެ. މަސައްކަތްކުރަން ނުޖެހޭ ގަޑިއެއްވެސް ނުއޮވެއެވެ. އަދި ކުރަންޖެހެނީ ފިރިމީހާގެ އެކަނި މަސައްކަތެއްވެސް ނޫނެވެ. ގޭގެ އެންމެންގެ މަސައްކަތެވެ. 

މިއާދަތައް ބަދަލުކުރަން އެބަޖެހެއެވެ. އެއްވެސް މީހަކީ އަބަދު މަސައްކަތްކުރެވޭނެ މީހެއް ނޫނެވެ. އަދި ކޮންމެ މީހަކީވެސް ވަރުބަލިވާނެ މީހެކެވެ. ވަރުބަލިވެގެން ތަނެއްގައި އިށީނދެލާއިރަށް ކޮންމެވެސް ކަމެއް ކުރަން ބުނީމާ ކޮންމެ މީހަކަށްވެސް އުނދަގޫތަކެއްވާނެއެވެ. 

އަދިވެސް ވިސްނައިލާށެވެ! އަބަދު މަސައްކަތުގައި އުޅެންޖެހޭނަމަ މަސައްކަތްކުރުންމަތިން ފޫހިވެސްވާނެއެވެ. ކުރަންހުންނަ ކަންކަން ގިނަވާނަމަ ހަނދާން ނެތުމުގެ މައްސަލަތައްވެސް ބޮޑުވާނެއެވެ. 

އަހުރެން އެދެނީ މިބުނި ކަންކަމަށް އެންމެންވެސް ވިސްނައިލުމެވެ. ގެއަށް ގެންދެވޭ އަނބިމިހާއަށްވެސް ހެޔޮކޮށް ހިތުމެވެ. އަބަދު މަސައްކަތްކުރަން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމެވެ. އުފާވެރި ޢާއިލީ ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން