ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އަބަދުވެސް އުފަލުގައި ހުރެވުމެވެ. ނަމަވެސް އެއީ ހަމަ އެއްވެސް މީހަކަށް މިދުނިޔޭގައި ޙާޞީލުކުރެވޭނެ ކަމެއް ނޫނެވެ. އެއީ ދުނިޔޭގައި އިންސާނުން އުޅެން ލައްވަވާފައިވާ ނިޒާމުން މުޅިން ބޭރުގައިވާ ކަމެކެވެ.
ކަންކަން ކުރިމަތިވުމުން ޤަބޫލުނުކުރެވުނަސް ޙަޤީޤަތަކީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ހިތްދަތިވެ، ދަތިޙާލުގައި ހުންނަން ލިބޭ ފުރުޞަތަކީ ތިމާއަށް އެންމެ ފައިދާހުރި ފުރުޞަތުކަމެވެ. އެހެންކަމާއިއެކުގައިވެސް ހިތްދަތިކަމާއި ކަންބޮޑުވުމުގައި ހުންނަން ލިބޭ ފުރުޞަތަކީ ތިމާއަށް އެންމެ ފައިދާހުރި ފުރުޞަތުކަން ވިސްނެނީ ނުވަތަ އެކަން ޤަބޫލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ
ފުރަތަމަ ކަމަކީ ހިތްދަތިކަމާއި ކަންބޮޑުވުމުގައި ހުންނަ މީހާ، ﷲ ތަޢާލާއަށް ވަކީލްކޮށްގެން ހުރިނަމަ އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާ ކަމެވެ. އެޙާލަތުގައި ހުރެ އޭނާކުރާ ދުޢާ ޢިޖާބަކުރެއްވެވުން އަވަސްކަމެވެ.
އެގޮތަށް އެކަން މެދުވެރިކުރައްވަވަނީ އެފަދަ ޙާލުގައި ހުރެ ދުޢާކުރުމުން އޭނާއަށްޓަކައި މަލާއިކަތުން އާމީން ވިދާޅުވާތީއެވެ. ވީމާ އެފަދަ ޙާލެއްގައި ހުންނަން ޖެހިއްޖެނަމަ އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވެވުން އެދި ދުޢާކުރަންވީވަގުތެވެ.
ވީމާ އެއީ ދުނިޔޭގެ ޙަޔާތާއި އާޚިރަތުގައި ތިމާއަށް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވީ ވަގުތެވެ. އެފަދަ ޙާލަތެއްގައި ހުންނައިރު ލިބިފައިވާ ކަންބޮޑުވުމުގެ ސަބަބުން ބައެއް މީހުން ނުބައިބަސްތައް ބުނެއެވެ. ނުބައި ދުޢާތައް ކުރެއެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
ވަކިން ޚާއްޞަކޮށް އެމީހަކަށްް އެ ނިކަމެތި ޙާލަތު ކުރިމަތިވީ މިވެނި މީހަކު ކުރި ކަމެއްގެ ސަބަބުންކަން އެނގުނު ނަމަވެސް އެމީހަކަށް ބަދުދުޢާކޮށްގެން ނުވާނެއެވެ. އެމީހަކަށް ދެރަވާނެ ކަންކަންވެސް ނުކުރާށެވެ. އެއިރުން ތިބާވެސް އެވެއްޓެނީ އެމީގެ ދަރަޖައަށެވެ.
އަދިވެސް ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ތިމާގެ ހިތްދަތިވެގެން ނުވަތަ ތިމާއަށް ހިތްދަތިކަމެއް ކުރިމަތިވެގެން އެކަމުގެ ޝަކުވާ ކުރަމުންގެންދާ މީހާ ވިސްނާލަންޖެހޭނެ ކަމެކެވެ. އެއީ އެޝަކުވާ ތިމާކުރާއިރު ތިމާ ވަނީ ކިތައް މީހުންގެ ހިތަށް އަނިޔާދީފައިހެއްޔެވެ؟ ކިތައް މީހުންގެ ހިތް ކަތިލާފައިހެއްޔެވެ؟ މިފަދަ ކަންކަމަށްވެސް ވިސްނަންވާނެއެވެ. އެހެނީ އެއްވެސް މީހެއްގެ ހިތަދަތިކޮށްފައި އަބަދު އުފަލުގައި ހުރެވޭނެކަމަށް ހީވެސްކޮށްގެން ނުވާނެއެވެ.
މިތަނުގައި އަހުރެން މިމާނަކުރަނީ ލޯބިވެރިންގެ ހިތްކަތިލުން އެކަންޏެއް ނޫނެވެ. ކިތައް މީހުންގެ ދިރިއުޅުމަށް ގެއްލުންދީފިން ހެއްޔެވެ؟ ކިތައް ހުންނަށް، ކިތައް ޢާއިލާއަށް ތިބާގެ ސަބަބުން ހިތްދަތިކަން މެދުވެރިކޮށްފިން ނުވަތަ ހިތްދަތިކުރުވައިފިން ހެއްޔެވެ؟
އިތުރަށް ތިލަކޮށްލަމާ ހެއްޔެވެ؟ ތިބާ ކިތައް މީހުންނަށް ނުބައި، ހަރުކަށިބަސްތައް ބުނެފައިވާނެ ހެއްޔެވެ؟ އަދި މިހާރުވެސް ބުނަން ހެއްޔެވެ؟ އެކަމުގެ ސަބަބުން އެމީހުން ހިތްދަތިވާނެ މިންވަރާއިމެދު ވިސްނާލަން ހެއްޔެވެ؟
ވީމާ ބުނެލަން އޮތީ ﷲ ތަޢާލާގެ ވަޙީބަސްފުޅެކެވެ. އެއީ މީހަކު އެހެން މީހަކަށް އެހީތެރިވުމުގައި ހުރިހާހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންވާކަމެވެ. ހަމައެއާއިއެކު ޔަޤީންކުރަންވީ މީހަކަށް ދަތި އުނދަގޫތައް ކުރިމަތިކުރުވާނަމަ ، ހިތްދަތިކުރުވާނަމަ ހަމަ އެކަންކަން ކޮންމެވެސް ސިފައެއްގައި އެމީހަކަށް ﷲ ތަޢާލާ މެދުވެރިކުރައްވަވާނެ ކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން