ކޮންމެ ޙާލަތެއްގައިވެސް ﷲ ގެ މަގުގައި ޘާބިތުވެއްޖެނަމަ ލައްވަވާނެ ބޮޑު ރަޙްމަތާއިމެދު ވިސްނައިނުލެވޭ މީހުން ނިކަން މިޙަޤީޤަތާއިމެދު ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ކޮންމެ ޙާލަތެއްގައިވެސް ﷲ ގެ މަގުގައި ޘާބިތުވެއްޖެނަމަ ލައްވަވާނެ ބޮޑު ރަޙްމަތާއިމެދު ވިސްނައިނުލެވޭ މީހުން ނިކަން މިޙަޤީޤަތާއިމެދު ވިސްނާލަބަލަ!

އަހުރެމެން އެންމެންވެސް މިތިބީ ﷲ ތަޢާލާގެ ދީނުގައެވެ. އިން ޝާ ﷲ. ހަމައެކަނި މައްސަލައަކަށްވަނީ ކަންކަން ކުރިމަތިވުމުން ޘާބިތުވެ ހުރެވޭ މިންވަރެވެ. މޮޅު ގޮތެއް މެދުވެރިވެދާނެކަމަށް ބަލައި ﷲ ތަޢާލާގެ މަގުން އެއްކިބާވެވޭކަމެވެ. މިގެނެސްދެނީ އެފަދަ މީހުން ވިސްނައިލަން އޮތް މުހިންމު ޙާދިސާއެއްގެ ވާހަކައެވެ.  

އީމާން ކަމުގައި ޘާބިތުވާންޖެހެއެވެ. ދުނިޔެއިން ކިތަންމެ ބޮޑު މަންފާއެއް، ޢިއްޒަތެއް ލިބެން އޮތްނަމަވެސް އީމާންކަން ޤުރްބާންކޮށްގެން ނުވާނެއެވެ. އެގޮތުގައި ޘާބިތުވެ ހުރެވޭނީ މިފަދަ ވާހަކަތައް ގިނަގިނައިން ކިޔައިގެންނެވެ. ޢިބްރަތް ޙާޞިލްކޮށްގެންނެވެ.   

މިޢްރާޖްގެ ދަތުރުފުޅުގައި އުޑަށް (މައްޗަށް) އަރައިވަޑައިގަންނަވަމުން ވަޑައިގެންނެވިއިރު ކައު އިތުރު ރަސުލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވަރަށް މީރުވަހެއް ދުވިއެވެ. އެވަހާއިމެދު ސުވާލުކުރެއްވުމުން ޖިބްރީލްގެފާނު ވިދާޅުވީ އެއީ ފިރުޢައުނުގެ އަންހެން ދަރިއެއްގެ ފުނާއަޅަން އުޅުއްވި ކަމަނާ އާއި އޭނާގެ ދަރިންގެ ޤަބުރުގެ ވަސް ކަމަށެވެ. އެކަމުގެ ތަފްޞީލް ޖިބްރީލްގެފާނު ބަޔާންކޮށްދެއްވެވިއެވެ. 

އެކަމަނާއަކީ ފިރުއައުނެގެ ދަރިކަނބަލުންގެ ބޮލުގައި ފުނާއަޅަން އުޅުނު ކަމަނާއެކެވެ. އެކަމަނާ ހުންނެވީ އިސްލާމްވެވަޑައިގެން އެކަން ވަންހަނާ ކުރައްވައިގެންނެވެ. 

އެއްދުވަހަކު އެމަނާގެ އަތްޕުޅުން ބިންމައްޗަށް ފުނާވެއްޓުނެވެ. އެވަގުތު ބޭއިޚްތިޔާރުގައި އެކަމަނާއަށް "ބިސްމިﷲ" ވިދާޅުވެވުނެވެ. އެހިނދު ތިމަންނާގެ ބައްޕަ ނޫން ކަލަކު ވޭތޯ ފިރުއައުނުގެ ދަރި ސުވާލުކުރިއެވެ. ޖަވާބުގައި އެކަމަނާ ވިދާޅުވީ ތިމަން ކަމަނާއާއި، ކަމަނާގެ ބައްޕައާއި ހުރިހާ އެންމެންގެ ވެރި ރައްބެއް ވެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. 

އެކަން ފިރުއައުނަށް އެނގުމުން އެކަމަނާ ހާޒިރުކޮށް ފިރުއައުނު ނޫން ރައްބަކު ނުވާކަމަށް ބުނުމަށް އަމުރުކުރިއެވެ. ނަމަވެސް އެ ކަމަނާ އެކަމަށް ދެކޮޅު ހެއްދެވިއެވެ. އެހިނދު ފިރު އަޢުނުގެ ރުޅި އިންތިހާއަށް ގޮސް ތެއްޔެއް ގެނެސް އެއަށް އެއްޗެތި އަޅައި ހޫނުކުރުމަށްފަހު ފިރުއައުނަކީ ކަލަކު ކަމަށް ނުބުނެފިނަމަ އެތެއްޔަށް ލައި އެކަމަނާ އާއި އެކަމަނާގެ ދަރިން އަނދައިލާނެ ކަމުގެ އިންޒާރުދިނެވެ. 

އެކަމަނާ އެވަރުންވެސް އެކަން ޤަބޫލު ނުކޮށް ސާބިތުވެވަޑައިގަތުމުން ފިރުއައުނުގެ ސިފައިން އައިސް އެކަމަނާގެ ދަރިން، ފަހަރަކު ދަރިއެއް ތެއްޔަށް ވައްޓާލައި އަނދަމުން ގެންދިއައެވެ. ނަމަވެސް އެކަމަނާ ކެތްރިވެ ސާބިތުވިއެވެ. "އެންމެފަހުން އެކަމަނާގެ އުރުގައި އޮތް ތުއްތު ތުއްތު ކުއްޖާ އަތުލައި ތެއްޔަށް ވައްޓާލަން އުޅުމުން އެކަމަނާއަށް ފަސްޖެހިވަޑައިގެންނެވެނީ. އެވަގުތު ﷲ އަކީ ކުޅަދުންވަންތަކަން އިންތިހާއަށް ގޮސްފައިވާ އިލާހަކަށްވީހިނދު އެކަލާނގެ "ކުން ފަޔަކޫން" ވަޙީކުރެއްވުމުން، އެއީ މުޅި އިންސާނީ ޠަބީޢަތާއި ދުނިޔޭގެ ޠަބީޢަތާއި ޚިލާފް ކަމެއް ނަމަވެސް ލަހެއް ފަހެއް ނުވެ އެކަމެއްވެ ނިމިގެންދާނެ. އެކަމަނާގެ އުނގުގައި އޮތް ތުއްތު ތުއްތު ކުއްޖާ، ވާހަކަ ނުދެއްކޭ ތުއްތު ތުއްތު ކުއްޖާއަށް ވާހަކަ ދެއްކުމަށް ﷲ މިންވަރު ކުރައްވަވަނީ. އެކުއްޖާ މިބުނަނީ އޭ މަންމާއޭ. ފަސް ނުޖެހޭށޭ! މަންމަ ތިހިރީ ޙައްޤުގެ މަގުގައޭ. ﷲއަކްބަރު! ﷲއަކްބަރު! ސުބްޙާނަﷲ!. އެއަށްފަހު އެ ކުއްޖާ އާ އެކަމަނާ ތެއްޔަށް ވައްޓާލައި އަނދާލަނީ!"  

މިއީ އެކަނބަލުން ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ތިއްބެވި މިންވަރެވެ! މިއަދު އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯއެވެ!

 

- ޝައިޚް ޢަލީ ޒައިދުގެ ޚުޠުބާއަކުން

 

 

މިއަދު އޮންލައިން