ޤުރްއާނުގަ އޮތް އެންމެ އުންމީދީ އާޔަތާ ކުރަން އެންމެ ފައިދާހުރި ދުޢާ! ކަންބޮޑުވުންތައް ފިލައި ހަމަޖެހުން ލިބެން އޮތް މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޤުރްއާނުގަ އޮތް އެންމެ އުންމީދީ އާޔަތާ ކުރަން އެންމެ ފައިދާހުރި ދުޢާ! ކަންބޮޑުވުންތައް ފިލައި ހަމަޖެހުން ލިބެން އޮތް މަގު!

ފުރަތަމަވެސް ބަލައިލަންވީ މިއާޔަތަށެވެ. މިއާޔަތަކީ ކޮންމެ މުސްލިމަކަށްވެސް އޮތް އެންމެ އުންމީދީ އާޔަތެވެ. މިއާޔަތުގައިވަނީ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންވަން އޮތް އެންމެ ޔަޤީން ދުޢާއެވެ. 

"އެދެކަނބަލުން ދެންނެވިއެވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިނބަރސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވަވައިފި ނަމަ، އަޅަމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ!"

(އަޢްރާފް ސޫރަތުގެ 23) 

މިއީ އިބިލީހުގެ ބަހަށް ހެއްލެވި އާދަމްގެފާނަށް  މަނާކުރެއްވެވި ގަހުން ފަރިއްކުޅުއްވެވުނު ހިނދު އެ ބޮޑު ކުށުން ތައުބާވެވަޑައިގަތުމަށް އެދި ކުރައްވަވަން ﷲ ތަޢާލާ އާދަމަގެފާނަށް އުނގަންނަވައި ދެއްވެވި ދުޢާއެވެ. އެ ބޮޑު ކުށުގެ ފާފަ ފުއްސަވައި ދެއްވެވީ އާދަމްގެފާނު މި ދުޢާ ކުރެއްވެވުމުންނެވެ. ފުރަތަމަ ދުޢާ އުނގަންނަވައި ދެއްވެވީއެވެ. އެއަށްފަހު އެ ދުޢާ ކުރެއްވެވުމުން ތައުބާ ޤަބޫލުފުޅުވެސް ކުރެއްވެވީއެވެ. ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމަށް ﷲ ތައާލާ ލޯބިވެވޮޑިގަންނަވާ މިންވަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ޝުކުރުވެރިވެ ތައުބާވުންމަތީގައި ތާއަބަދު ދެމިތިބެން ނުޖެހޭ ހެއްޔެވެ؟ 

އިބިލީހުގެ ކިބައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ! އެހެންކަމާއިއެކުވެސް އިބިލީހުގެ ބަހަށް ހެއްލެވި ފާފައެއް ކުރެވުނު ނަމަވެސް މާޔޫސް ނުވެ އަވަހަށް ތައުބާވާށެވެ! އަހަރެމެންނަށް ފާފަތައް ކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަހަރެމެންނަށް ފާފައެއް ކުރެވުމުގެ މާކުރިން އެ ފާފަ އަހަރެމެން ކުރާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ފާފައެއް ކުރެވުމަކީ ހަތަރު އުދަރެސް ފެނުޖެހެންވީ ކަމެއް ނޫނެވެ. ގޮތް ހުސްވާންޖެހެންވީ ކަމެއް ނޫނެވެ. 

ފާފައެއް ކުރެވޭއިރަށް އަވަހަށް ތައުބާވާށެވެ! އަދި އެފަދަ ފާއެއް އަލުން ނުކުރުމަށް އަޒުމް ކަނޑައަޅާށެވެ. ހަމައެކަނި އަޒުމް ކަނޑއެޅުމަކުން ވެސް ނުފުދޭނެ އެވެ. އަލުން ފާފައެއް ނުކުރުމަށް ގަދަ އަޅައި މަސައްކަތްވެސް ކުރަންވާނެއެވެ! އަދި އެކަމަށް ސަބިތުކަން ދެއްވެވުނަ އެދި ދުޢާވެސް ކުރަންވާނެއެވެ! 

ތިބާއަށް ފާފައެއް ކުރެވިއްޖެނަމަ ކުރަން ވަރަށް މުހިންމު ކަމެއް ބުނެދެން ހެއްޔެވެ؟ ކުރިން ބުނި ފަދައިން އިޚްލާޞްތެރިކަމާއިއެކު ތައުބާވުމަށްފަހު ހެޔޮ އަމަލުކުރުން އިތުރުކުރާށެވެ! ހެޔޮ އަމަލުކުރުން އިތުރުކުރާވަރަކަށް ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން ދާނީ ބަދަހިވަމުންނެވެ. އެ ގުޅުން ބަދަހިވާނަމަ ޝައިޠާނާއަށް ޖެހޭނީ ތިބާ އާއި ދުރަށް ޖެހޭށެވެ. 

ތައުބާވުމަށް ﷲ ލޯބިވެ ވޮޑިގަންނަވާ މިންވަރު އެނގޭނަމަ ތައުބާވުން ހުއްޓައިވެސް ނުލާނެއެވެ.  ތައުބާވުމަށް ﷲ ތަޢާލާ ލޯބިކުރައްވަވާ މިންވަރު އެނގޭހެއްޔެވެ؟ ހަމައެކަނި މިހާދިސާއަށް ވިސްނައިލާށެވެ! ކޮންމެވެސް މިންވަރެއް އެނގިގެންދާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން