ﷲ ގެ ރަޙްމަތަށް އެދޭމީހާ ކަނުލައި ޤުރްއާން އަޑުއެހުމުން ފައިދާކުރާނެކަން- ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ ގެ ރަޙްމަތަށް އެދޭމީހާ ކަނުލައި ޤުރްއާން އަޑުއެހުމުން ފައިދާކުރާނެކަން- ޤުރްއާނުން!

ކީރިތި ޤުރްއާނާއި އަހުރެމެންނާއި މިވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ޚާއްޞަކޮށް ޘަވާބުލިބުމާއިއެވެ. ރަޙްމަތް ލެއްވެވުމާއިއެވެ. އާޚިރަތްދުވަހު ނަރަކައިން ސަލާމަތްވެވުމާއިއެވެ. 

އެކަންކަން ވިސްނޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ. ކިޔެވުމުން ކޮންމެ އަކުރަކަށް ޘަވާބު ދެއްވަވައެވެ. އަޑުއެހުމުން ޘަވާބު ދެއްވަވައެވެ. އުނގެނި ދަސްކުރުމުން ޘަވާބު ދެއްވަވައެވެ. އުނގަންނައިދިނުމުން ޘަވާބުދެއްވަވައެވެ. ޢަމަލުކުރުމުން ޘަވާބުދެއްވަވައެވެ.  

ދީނުގެ ކަންކަމަށް ފަރުވާ ކުޑަކުރެވެމުން އައިސް ކީރިތި ޤުރްއާން އަޑުއެހުމަކީވެސް މިއަދު ގިނަ ބައަކު ސަމާލުކަންދޭ ކަމެއް ނޫނެވެ. ޤުރްއާނުގެ އަޑުއިވެމުންދާއިރުވެސް ހުނުމާއި މަޖާކުރުމުގައި ޣާފިލުވެގެން އެބަ ތިބެއެވެ.  

"އަދި ޤުރްއާން ކިޔަވާހިނދު ތިއަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިއަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ." (އަލްއަޢްރާފް: 204)  

މިއާޔަތުން އެނގިގެންދަނީ ކީރިތި ޤުރްއާން ކިޔަވާހިނދު ކަނުލައި އަޑުއަހަން ޖެހޭނެ ކަމާއި ކަނުލައި އަޑު އެހުމުން ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެވެ. އަހަރެމެންނަށް އެންމެ މުހިންމީ ﷲ ތަޢާލާގެ ރަޙްމަތެވެ. ވީމާ މިހައި ފަސޭހައިން އެކަން ޙާޞިލުކުރެވެން އޮއްވައި ﷲ ތަޢާލާގެ ރަޙްމަތުން ލިބެން އޮތް މިންވަރު ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟  

ދަރިން ގާތު ކިޔަވަން ބުނެފައި މައިން ބަފައިން ހެޑްސެޓް އަޅައިގެން ތިބެ ލަވަ އަޑުއެހީމާ މިކުރެވެނީ ކޮންފަދަ ނުބައި އަދި ގެއްލުންހުރި ކަމެއްކަމާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން