ދެއްކުންތެރިކަމުގެ ނިޔަތްނެތި ތަނަވަސްކަންހުރި މިންވަރަކުން ރިވެތިފޭރާންލާ މީހުންނަށް ނުބައިބަސް ބުނުމަކީ ކުރެވޭ ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދެއްކުންތެރިކަމުގެ ނިޔަތްނެތި ތަނަވަސްކަންހުރި މިންވަރަކުން ރިވެތިފޭރާންލާ މީހުންނަށް ނުބައިބަސް ބުނުމަކީ ކުރެވޭ ފާފައެއް!

އަޅުގަނޑުގެ އެކުވެރިންގެ ތެރޭގައި ތިބި ތަނަވަސް މީހުން ރީތި، އަގުބޮޑު ފޭރާންލާތީ އެހެން އެކުވެރިން އެމީހުންނަށް ފާޑުކިޔައި ނުބައި ބަސްތައްވެސް ބުނެއެވެ. އެއީ ކޮންކަހަލަ ކަމެއްތޯ؟

ކިޔުންތެރިޔާ ސުވާލުތިއަކުރެއްވީ ނުއެނގި ތިބެ ނަމަވެސް ގިނަ ބައަކަށް ކުރެވޭ ނުބައި ކަމަކާއިމެދުގައެވެ. އެކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ

މިހާރަކަށް އައިސް މީސްތަކުންނަށް އެންމެ ގިނައިން ކުރެވޭ އެއް ފާފައަކީ މީހަކު ފެންނައިރަށް އެމީހަކާއިމެދު ގޮތް ނިންމައި ބަސްބުނެވޭކަމެވެ. މިއީ ވަރަށް ނުބައި ކަމެކެވެ. މިޘާލަކަށް ރީތި ފޭރާން ލައިގެން ތިބޭނަމަ އެއީ ކިބުރުވެރި، ބޮޑާ، ދެއްކުންތެރިންކަމަށް އެބަ ބުނެވެއެވެ.

ނަމަވެސް އެހައިފަސޭހައިން އެކަމަށް ގޮތް ނިންމައި ބަސް ނުބުނާށެވެ. އިމާމް އިބްން އަލްޤައްޔިމް އަލްޖައުޒިއްޔާ رحمه الله تعالى ވިދާޅުވެފައިވެއެވެ.

"އެންމެހައި ރިވެތިކަމެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ރިވެތިކަމަށް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. އަދި ﷲ ތަޢާލާ އެމީހަކަށް ނިޢްމަތް ދެއްވަވައިފިނަމަ އެކަން އެމީހާގެ ކިބައިން ފެންނަންވާނެކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. ފުރަތަމަ ކަމަކަށް އެތެރެބައި (ނިޔަތާއި ހިތް) ރިވެތިކުރާށެވެ. ދެން ބޭރުފުށް ރިވެތިކުރާށެވެ! މީހާގެ ދަރަޖަ މަތިވެރިވެގެންދާނީ ބޭރުފުށުގެ ރިވެތިކަމަކުން ނޫނެވެ. އެތެރެފުށުގެ ރިވެތިކަމުންނެވެ."

ވީމާ ނުދަރައި، އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ފުއްދަމުން އެމީހަކު ރިވެތިފޭރާންލުމަކީ މައްސލައެއް ނޫނެވެ. މައްސަލައަކަށްވާނީ އެމީހެއްގެ ހިތުގައި ކިބުރުވެރިކަމާއި ބޮޑާކަމާއި ދެއްކުންތެރިކަން އޮތްނަމައެވެ. އޭނާގެ ދިރިއުޅުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ނުކުރެވޭ ޙާލުމ ދަރަނިވެރިވެގެން ރިވެތިފޭރާންލާނަމަ އެއީ ދެއްކުންތެރިއެއްކަމަށް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް އެހާލުގައިވެސް އޭނާއަކީ ދެއްކުންތެރިއެއް ކަމަށް ނުބުނާށެވެ! އޭނާގެ ހިތުގައިވާ އެއްޗެއް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހަރެމެންނަށް އެނގޭނީ އޭނާ ބުނާ އެއްޗެކެވެ.

ހަމައެއާއިއެކު ރީތިވާންވީ މީހުންނަށް ދެއްކޭކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެއިރުން އެކުރެވެނީ ފައިދާކުރާނެ ހެޔޮ ޢަމަލެކެވެ. ކިތަންމެ ފަޤީރު މީހަކުވެސް ރިވެތި، އަގުބޮޑު ފޭރާމެއް ލައިފާނެއެވެ. އެއިރުންވެސް ނުބައިއެއްޗެއް ހިތަށް ނާރުވާށެވެ! އެހެނީ އޭނާ ލައިގެން އެހުރީ މީހަކުކުރި ޞަދަޤާތަކަށްވެސް ވެދާނެއެވެ. * އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން