ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނިވާވާން ދީނުގައި އޮތް މިންވަރަށް ނިވާވެ ނުވެ ތިބެފައި ﷲ ތަޢާލާ އަންގަވާފައިއޮތީ ބެލުންތައް ތިރިކުރަން ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ފުރަތަމަވެސް ވިސްނައިލާށެވެ! ފިރިހެނުންނަށް ބެލުންތައް ތިރިކުރަން އެންގެވީވެސް ﷲ ތަޢާލާއެވެ. އަދި ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނިވާވާންޖެހޭނެ މިންވަރާއި އެމިންވަރަށް ނިވާވެގެން ތިބެން އެންގެވީވެސް ﷲ ތަޢާލާއެވެ. ކޮންމެ މުސްލިމަކަށްވެސް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ.
މިޙަޤީޤަތް ބައެއް މީހުން އޮޅުވައިލައެވެ. އަންހެނުންނަށް ނިވާވެގެން ތިބެން ހިތްވަރުދިނުމުގެ ބަދަލުގައި ދީނުގެ ޙުކުމް އޮޅޭގޮތަށް ބައެއް މީހުން ނަޞޭޙަތްތެރިވެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ދީނުގެ ޙުކުމަކަށް އިންކާރުކުރުމަކީ އެޙުކުމަށް ޢަމަލުނުކުރުމަށްވުރެ މާބޮޑު ފާފައެކެވެ. ކިޔަމަންތެރި ނުވެވުމާއި ޖަދަލުކުރުމުގެ ހުރި ތަފާތު މާބޮޑެވެ.
ލޮބުވެތި ފިރިހެނުންނޭވެ! ބެލުންތައް ތިރިކުރާށެވެ! ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވާށެވެ! ނަޒަރު ސީދާވުމަކުން ފާފަވެރިއެއް ނުވެއެވެ. ނަމަވެސް ބެލުން ތިރިނުކޮށް ބެލުމަކީ އެމީހަކު ﷲާފަވެރިވާނެ ކަމެކެވެ. ހަމައެފަދައިން ލޮބުވެތިކަނބަލުންނަށް ބުނެލަން އޮތީ މަޙްރަމުން ނޫން މީހުންގެ ކުރިމައްޗަށް ނުކުންނަ ނަމަ ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާވެގެން ނުކުންނާށެވެ. ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެ ޖަވާބުދާރީވާންޖެހޭނެ މީހަކުކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! އެދުވަހަކީ ދެރަވެ ރޮއި ކަރުނައެޅުމަކުން އެއްވެސް ފައިދާއެއް ކުރާނެ ދުވަހެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ޖެހޭނީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ އެންމެހައި ޢަމަލުތަކުގެ ޒިންމާ އުފުލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން