ދެން އެމީހުންގެ حال ތައް އެކިގޮތްގޮތަށް خِلاَف ވެގެންވާނެއެވެ. ބައެއްމީހުންގެ ނުބައި عمل ތައް ކުއްތާގެ ސިފައިގައި ވެގެން އައިސް ދައިހަފައި عَذَاب ދައްކައި އުޅޭނެއެވެ. قِيَامة ވެއްޖައުމަށް ދާންދެން އެގޮތުގައި ފިލައި ނުދާހުއްޓެވެ.
އެމީސްމީހުންނީ ދީނުގެ ފަރާތުން އެގި ކަށަވަރުވެގެންވާ ކަންކަމާއި މެދުގައި ޝައްކުކޮށް އުޅޭ މީސްމީހުންނެވެ. ކަށްވަޅުގެ أهل ވެރީންނަށް عَذَاب ލިބެނީ އެތައްއެތައް ބާވަތަކުންނެވެ. އަހުރެމެން މިފޮތުގައި ބަސްތައް ކުރުކުޅައުން ކުރިޔަށް ނެރެފައި ވަނީއެވެ.
ކަށްވަޅުގެ عَذَاب ލިބޭގޮތުގެ أصل އަކީ، ކޮންމެމީހަކަށްމެ ކަށްވަޅުގައި عذاب ލިބޭހުށީ އެމީހާ ދުނިޔޭގައި އުޅުނުއިރު އެންމެ ބިރުގަންނަ އެއްޗަކުންނެވެ. ފަހެ މީސްތަކުންގެ ތެރޭގައި ކުއްތާދެކެ ބިރުގަންނަ މީހުންވެއެވެ. خلق ތަކުންގެ طبيعة ތައް ވަނީ އެކިއެކި ގޮތްތަކަށް ވަކިވަކި ވެގެންނެވެ.
ފަހެ އަރަހުށި މާތްރަސްކަލާނގެ އަޅަމެން ސަލާމަތް ކުރެއްވުމާއި، ހިތާމަކުރާން ޖެހުމުގެ ކުރީގައި ފާފަ ފުއްސެވުންއެދި دُعا ކުރަމުއެވެ. آمين
ކިތަންމެ ބަޔަކުގެ ކިބައިން ރިވާވެގެންވެޔޭ އެމީސްމީހުން ހުވަފެނުގައި ފެނި އެހެވިގެން ބުނެފައިވެޔޭ، ތިމަން އެއްދުވަހަކު، وُضُوء ނެތި ނަމާދު ކުޅައީމެވެ. ދެން މާތްރަސްކަލާނގެ އަހުރެންނާއި ހަވާލު ކުރައްވާފައިވަނީ މިނިކާވަގަކާއި އެވެ. އަބަދު އަހަރެންގެ قبر ގައި އޮވެގެން އަހުރެން ބިރުގަންނަވަނީއެވެ. އެވަގާއި އެކުގައި އަހުރެންގެ حال ވަނީ ވަރަށް ނުބައިވެގެންނެވެ.
އަނެކަކު ހުވަފެނުގައި ފެނިގެން އެހެވުނޭ ކަލޭގެ حال އަކީ ކޮބައިހެއްޔެވެ. އެމީހާ ބުނެފިއޭ އަވަހަށް އަހުރެންނާއި ދުރަށްދާށެވެ. އަހުރެންނަށް އެއްދުވަހަކު فرض ހިނެއުމެއް ނުހިނައި ހުރެވިގެން މިހިރީ އަލިފާނުންވާ ފޭރާމެއް ލައްވައިފައެވެ. قِيَامَة ދުވަހަށް ދާނދެން އަހުރެންގެ حال އަކީ މިއެވެ.
އަނެކަކު ހުވަފެނެއްގައި ފެނެވިގެން އެހެވުނޭ ކަލޭގެ حال ކޮބައިހެއްޔެވެ. އެމީހާ ބުނެފިޔޭ އެންމެ ރަނގަޅޭ އެކަމަކު މަހިނެވިމީހާ ހިނަވާން ބާއްވައިފައި އޮތްތާގައި ހުރި މޮހޮރެއްގައި އަހުރެންގެ އަރިކަށި އަޅުވައި ކަނޑައިލައިގެން މިއުޅެނީ އެތާގައި ރިހޭތީ އެވެ. ދެން އެހިނެވިމީހާ ކުރެން އެހެވުނު ހިނދުގައި އެވާހަކަވީ ތެދުވާހަކައަކަށެވެ.
އަނެކަކު ހުވަފެނެއްގައި ފެނިގެން ކަލޭގެ حال އަކި ކޮބައިހޭ އެހެވުނީމާ ބުނެފިއޭ އެންމެ ރަގަޅެވެ. އެކަމަކު އަހުރެންގެ ކަށްވަޅަށް ވެލިއެޅިމީހުން ހެދިގޮތުން ބޮޑުހިލައެއް ވެއްޓުނު ވެއްޓުނުން މިއޮތީ އަރިކަށީގެ ކަށިގަޑެއް ބިންދައިގެން ގޮސްފައެވެ. ދެން އެމީހާގެ أهل ވެރީން އެ قبر ކޮނެގެން ބެލިއިރު އެވީ ތެދަކަށެވެ.
އަނެކަކު އެމީހާގެ ދަރިއަކަށް ހުވަފެނެއްގައި ފެނިގެން ބުނެފިއޭ. އޭ ދަރިފުޅާއޭ، ބަފާގެ قبر އަށް ވާރޭފެންތައް ނޭޅޭނޭ ގޮތެއް ހަދައިބަލާށެވެ. ދެން އެދަރިގޮސް ބެލިއިރު ވާރޭވެހިގެން سَيْلُ އައިސް قبر މަތިން ކޯރުކެނޑި ފެންއެޅި ފެންބޮޑުވެފައި އޮތެވެ. ދެން މިތަން ރަގަޅު ކޮށްފިއެވެ.
بَدَوِى ންގެ މީހަކު މަރުވިފަހުން އެމީހާގެ ދަރިއަކަށް ހުވަފެނުގައި ފެނުނެވެ. އަހައިފިޔޭ ބައްޕާގެ حَال އަކީ ކޮބައިހެއްޔެވެ. އެމީހާ ބުންޏޭ حال އެންމެ ރަގަޅެވެ. އެކަމަކު އަހުރެން ވަޅުލެވިފައި މިއޮތީ ނުލަފާ ފާފަވެރިއެއްގެ ކައިރީގައި ވިއްޔާއޭ. އެމީހާއަށް އެހެރަލިބޭ عَذَاب ތަކުން ވަރަށް އުދަގޫ ލިބެއެވެ.
މިފަދަ خبر ތަކާއި މެދުގައި ރިވާވެގެންވާ ވާހަކަތަކީ ވަރަށް ގިނައެއްޗެކެވެ. އެއިން ބަޔާންވެ އެނގޭކަމަކީ، ކަށްވަޅުތަކުގެ أهل ވެރީންނަކި، އުދަގުލާއި އަރާމާއި عذاب އާއި نعمة ލިބިލިބި ތިބޭ ބަޔަކު ކަމެވެ. މިކަންތައްތަކުގެ މައްޗަށް دَليل އެއްކަމުގައި شريعة ގެ ވެރި سلام އާއި صَلَوات ލެއްވި رَسُول الله ގެފާނު حديث ކުރެއްވި މި حديث ން ފުދެއެވެ. "ހަމަ ކަށަވަރުން ميّت އާއަށް އެމީހާގެ قبر ގައި ދިރި ތިބޭމީހުން އެމީހުންގެ ގޭގައި ތިބޭއިރު ވޭންލިބޭ ފަދައިން ވޭން ލިބެއެވެ."
އަދި ސަލާމާއި صلوات ލެއްވި އިތުރު رَسول الله ގެފާނުން ميّت ންގެ ކަށިމުގުރައި އުޅުންވެސް ވަނީ، ނަހީކުރައްވާފައެވެ.
- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން