އެންމެ ކުރީ ސަފުން ޖާގަ ނުލިބޭނެކަން އެނގުނަސް އޮތީ އެންމެ ފަހަތު ސަފުގަ ހުއްޓެން މަސައްކަތްކުރުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެންމެ ކުރީ ސަފުން ޖާގަ ނުލިބޭނެކަން އެނގުނަސް އޮތީ އެންމެ ފަހަތު ސަފުގަ ހުއްޓެން މަސައްކަތްކުރުމެއް ނޫން!


ބަންގިގޮވުމުން ޖަމާޢަތުގެ ނަމާދަށް މީހަކު ދަނިކޮށް  އޭނާއަށް ގޮވިނަމަވެސް ހުއްޓުމެއް ނެތެވެ. ސަލާމް ގޮވައިފިނަމަ އަތްޖޯޑުކުރަން ނުހުއްޓި އަނގައިން ސަލާމަށް ރައްދުދީފައި ބާރަށް ކުރިއަށްދާށެވެ.

މިހެން މިބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ތިމާ މިދަނީ އެންމެ މުހިންމު ބައްދަލުވުމަށެވެ. ޘަވާބު އިތުރުކުރެވެން އޮތީ ކުރީ ސަފުތަކަށް އެރުނުވަރަކުންނެވެ. ވީމާ އެންމެ ކުރީ ސަފުން ޖާގަ ނުލިބިދާނެކަމަށް ބަލައި އެންމެ ފަހަތު ސަފަށް އެރުމެއް ނެތެވެ. ދެންވެސް މަސައްކަތްކުރަންވީ މީހަކަށް އުނދަގުލެއް ނުކޮށް ލިބެން އޮތް އެންމެ ކުރީ ސަފަކުން ޖާގަހޯދާށެވެ.  

އަހުރެން އިލްތިމާސް މިކުރަނީ ބަންގިގޮވުމުން ޖަމާއަތަށް ނަމާދަށްދާ މީހަކާއި ސަލާމްކުރަންވެސް އޭނާ ނުހުއްޓުވުމަށެވެ. އަނގައިން ސަލާމް ގޮވާލައި އެހިސާބުން އެކަން ނިންމައިލުމެވެ. މިގޮތަށްވެސް ވިސްނައިލާށެވެ! ކުރިއާލައި މިސްކިތަށް އަރައި އެންމެ ކުރީ ސަފުން ޖާގަހޯދައިފިނަމަ އެމީހަކަށް އެލިބުނީ އެންމެ މަތިވެރި ދަރަޖައެވެ. އެމީހަކަށް ދެއްވަވާނެ ޘަވާބު އިތުރުވާނެތީއެވެ. ފަހަތުގައި ހުއްޓެވޭ ވަރަކަށް އެދަނީ ޘަވާބުން އުނިވަމުންނެވެ.  

އެންމެ ރަނގަޅު ގޮތަކީ ބަންގިގޮވަންވާއިރަށް މިސްކިތަށް އަރައިހުރުމެވެ. އެކަން ނުކުރެވުނު މީހާއަށް އޮތީ ވީހާއަވަހަކަށް މިސްކިތަށް އަރައި އެއިރަކު ޖާގަލިބެން އޮތް އެންމެ ކުރީ ސަފަކުން ޖާގަހޯދުމެވެ.

މިވާހަަކކޮޅު ބުނެލަން މިޖެހުނީ ބަންގިގޮވުމުންވެސް މިސްކިތަށް ނުއަރައި ފޯނުން ވާހަކަދައްކަން ނުވަތަ މީހުންނާއި ވާހަކަދައްކަން ތިބޭތަން ފެންނާތީއެވެ. އެއީ އެއްގޮތަކަށްވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ. އޮތީ މިބުނި މަގުން އަވަހަށް މިސްކިތަށް އަރައި ޖާގަ ލިބެން އޮތް އެންމެ ކުރިއަކުން ޖާގަހޯދުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން