ގިނައިން ލިބުނީމަ ޞަދަޤާތްކުރަން މަޑުނުރާށެވެ! މަރުވާނީ ކޮންއިރަކު ކަމެއް ނުއެނގޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ގިނައިން ލިބުނީމަ ޞަދަޤާތްކުރަން މަޑުނުރާށެވެ! މަރުވާނީ ކޮންއިރަކު ކަމެއް ނުއެނގޭނެއެވެ!

 

ޞަދަޤާތް ކުރުމަކީ ހަމައެކަނި ތަނަވަސްމީހުން ނުވަތަ ތިމާއަށް ބޮޑު ތަނަވަސްކަމެއް ލިބުމުން ކުރަން އޮތް ކަމެއްކަމަށް ދެކެގެން ޞަދަޤާތް ނުކޮށް ނުހުންނާށެވެ. ޙަޑީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމަށެވެ.  

"ޞަދަޤާތްކުރުން ގިނަކުރަން އެންމެ ރަނގަޅީ ކޮން ޢުމުރެއްގަ؟ ޞަދަޤާތް ކުރެވޭނެ އެންމެ މަދު މިނަވަރަކީ ކޮބާ؟" މިއީ ގިނަ ބައަކު މިހާރުވެސް ކުރަމުން ގެންދާ ބައެއް ސުވާލެވެ.  

ފުރަތަމަ ސުވާލުގެ ޖަވާބަކީ ޞަދަޤާތް ކުރުމަކަށް ނުވަތަ ޞަދަޤާތްކުރުން ގިނަކުރުމަކަށް ވަކިއުމުރެއް ނެތެވެ. ސަބަބަކީ މަރުވާނެ ވަކިއުމުރެއް ނުއެނގޭތީއެވެ. ކޮންމެ ޢުމުރެއްގައި މަރުވިނަމަވެސް ޞަދަޤާތް ކުރިކަމުގެ ޘަވާބު ދެއްވަވާނީ ޞަދަޤާތްކޮށްފައިވާނަމައެވެ.  

ދެން ބުނެލަން އޮތީ ތަނަވަސްކަން ދެއްވަވައިފިނަމަ ޞަދަޤާތްކުރުން ގިނަކުރާށެވެ! އެނިޢުމަތް ކޮންމެވަޤުތަކުވެސް އަތުން ބީވެގެން ހިނގައިދާނެއެވެ. އެއިރުން އޮންނާނީ ކުރިން ޞަދަޤާތް ނުކުރެވުނީތީ ހިތާމަކުރަން ޖެހިފައެވެ. އަދި ޞަދަޤާތްކުރުން ގިނަކުރުމަކީ ނިޢްމަތް އިތުރުކުރައްވަވާ ކަމެކެވެ.  

ދެވަނަ ސުވާލުގެ ޖަވާބަކީ ޞަދަޤާތް ކުރަން ވަކި ޢަދަދެއް ނެތެވެ. ކުރެވެން އޮތް މިންވަރަކުން ކުރަންވީއެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިސާލަކަށް މީހަކު 100 ރުފިޔާ ޞަދަޤާތްކުރަން ބޭނުންވެ ވީހާގިނަ މީހުންނަށް ފޯރުވުމަށްޓަކައި 20 މީހުންނަށް މީހަކަށް 5 ރުފިޔާ ދިނުމަށްވުރެ ރަނގަޅީ އެއްއިރު މީހަކަށް ހައިހޫނުކަން ފިލުވައިލެވޭނެ މިންވަރަށް ދިނުމެވެ.  

އަތުގައި ތަނަވަސްކަން ނެތްނަމަ ދެވެން އޮތް ޢަދަދު މަދުވެގެން ކަންބޮޑުވުމެއް ނެތެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ ނަރަކައިން ސަލާމަތްވުމަށްޓަކައި ކަދުރު އޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތް ކުރުމަށެވެ. 

ދެން ތިރީގައިވާ ލިޔުންވެސް ވިދާޅުވާށެވެ! ސާފުވާވަރަށް މައުލޫމާތު ލިބޭނެކަމަށް އުންމީދުކުރަމެވެ.   

މަރުވުމަށްފަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްބައަކީ ޞަދަޤާތް ކުރަން ލިބުނު ފުރުޞަތުތައް ދޫކޮށްލާ މީހުންނެވެ!  

އުމުރުން ދުވަސްވެ ބަލިޙާލުގައި ޖެހުމުން ތިބާގެ އަތުން އޮންނާނީ ޞަދަޤާތް ނުކުރެވިފައެވެ. ޞަދަޤާތް ކުރަން ވެސް އޮންނާނީ އެހެން މީހެއްގެ އެހީތެރިކަމަށް އެދެން ޖެހިފައެވެ. އެކަން ފުރިހަމަވެގެންދާ މިންވަރުވެސް އޮންނާނީ ޔަޤީން ނުކުރެވިފައެވެ.

މަރުމަތީގަ ޞަދަޤާތްކުރަން އެހެން މީހުންނަށް ވަޞިއްޔަތްކުރަން މަޑުނުކުރާށެވެ! އެ ފުރުޞަތު ނުލިބި މަރުވެސް ވެދާނެއެވެ! ވީމާ ގައިގައި ބާރުހުރެ، ސަލާމަތް ޞިއްޙަތުގައި ހުރެ ޞަދަޤާތްކޮށް ނިންމައިލާށެވެ! އެންމެ އިތުރުކަން ބޮޑީ އެމީހާގެ އަތުން ސިއްރިޔާތުގައި ކުރާ ޞަދަޤާތެވެ!  

މީހަކު ކަމަކަށް އެދުމުން އެމީހާގެ ބޭނުން ފުއްދައިދީފިނަމަ ތިމާއަށް ދަތިވެދާނެކަން އެނގިހުރެވެސް ޞަދަޤާތްކުރާށެވެ! އެއިރުން ތިބާގެ އަމިއްލަ ބޭނުންތަކަށްވުރެ އިސްކަން އެދެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ދުނިޔޭގައި ތިބާއަށް ހުރި ދަތިތައްވެސް ފިލައިގެންދާނެއެވެ! އަދި ތިބާ ވާނީ އާޚިރަތުގައިވެސް ބާއްޖަވެރިއަކަށެވެ!  

ބަލަންވީ ޞަހާބީން ޢަމަލުފުޅު ކުރެއްވެވި ގޮތަށެވެ! ގެކޮޅުތަކުގައި ތުއްޕުޅު ބޭފުޅުންނަށް ދެއްވަވަން ހުރި އެންމެ ފަހަރެއްގެ ފުރާޤުވެސް ޞަދަޤާތް ކުރެއްވެވިއެވެ. އެބޭކަލުން ހުރިހާ ސަމާލުކަމެއް ދެއްވެވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށެވެ! އަހަރެމެން މިއަދު ފަސް މިޖެހެނީ ކީއްވެގެން ހެއްޔެވެ؟

 

- މަޢުލޫމާތާއި ލިޔުން: އިސްލާމީ ތިލަފަތުގެ ދަރުސްތަކުން

މިއަދު އޮންލައިން