ދެމަފިރިންކުރެ އެކަކުވެސް ޚިޔާނާތްތެރިވާނަމަ އަނެކާއަށް އެކަން ނުއެނގުނަސް އެމީހަކަށް ހުރެވޭނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާސްވެ ކަންބޮޑުވެފައެވެ. އަދި އަނެކާގެ މަތިން ފޫހިވެސްވެވޭނެއެވެ. އެހެންވެ މިރޭގެ ދަރުސް މިފަށަނީ ކުޑަކުޑަމިސާލަކުންނެވެ. މިއީ ޢާއިލާތަކުގައި އޮންނަ ކަމަކަށްވުމުން މިދައްކަން އުޅޭ ވާހަކަ ޤަބޫލުކުރަން ފަސޭހަވާނެތީއެވެ. ގިނަ ޢާއިލާތަކުން ތަޖުރިބާ ކުރަމުން އަންނަ ކަމަކަށްވާތީއެވެ.
އެމީހާގެ އަމިއްލަ ޢާއިލީ ދިރިއުޅުމަށް ބަލާށެވެ! ދެމަފިރިންކުރެ އެކަކު ދަނީ ޚިޔާނާތްތެރިވަމުންނެވެ. އެހެންކަމަށް ވެއްޖެ ނަމަ ޚިޔާނާތްތެރިވާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ ތިމާ ކުރާކަންކަން ބައިވެރިޔާއަށް އނގިދާނެ ކަމުގެ ބިރަށެވެ. މިހާރުވެސް އެނގިފައި އޮވެދާނެ ކަމުގެ ބިރަށެވެ.
މިފަދަ ޙާލަތުގައި ތިބޭނަމަ ދެމީހުން ބައްދަލުވާ ހިނދުގައާއި އެކުގައި ހޭދަކުރާ ވަގުތުތަކުގައި މޫނުމައްޗަށް ގެންނަން ޖެހޭ އުފާވެރިކަމާއި ހިނިތުންވުމެއް ނުގެނެވޭނެއެވެ. ދެމީހުންގެ މެދުގައި ލޯބިން ކަންކަން ކުރުން ވާނީ ވަރަށް ދަތި ކަމަކަށެވެ. އެއީ ކުރާ ވައްކަން އަމިއްލައަށް އިޙްޞާޞް ކުރެވޭތީއެވެ. އެކަމުގެ ހިތްހަމަ ނުޖެހުން ތިމާގެ ހިތުތެރޭގައި އޮންނަލެއް ބޮޑުވުމުންނެވެ.
ހަމައެފަދައިން ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަވެއްޖެނަމަ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ތިމާއަށް މީހަކު ދީފާނެ ގެއްލުމަކާއިމެދުގައެވެ. ބައަކު ކޮށްފާނެ ކަމަކާއިމެދުގައެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަވެއްޖެނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ އެންމެހައި މީސްތަކުންނަށް ބިރުންނެވެ. އެއީ ތިމާއަށް ކުރެވޭ ކަންކަން އެހެން މީހުންނަށް އެނގި ފަޟީޙަތްކޮށްފާނެ ކަމުގެ ބިރަށެވެ. އެއިރުން ލިބޭނ އަދަބަކަށް ބިރުންނެވެ. ލިބޭނެ ނިކަމެތިކަމަށް ބިރުންނެވެ.
މިހިސާބުން ފުރަތަމަ ފަށަމުން ދެއްކި ވާހަކަކޮޅަށް އެނބުރިލާނަމެވެ. ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރާނަމަ ދެބިރު އެބަ އޮތެވެ. ފުރަތަމަ ބިރަކީ ﷲ ތަޢާލާ ދެއްވަވައިފާނެ ޢަޛާބަށް އޮތް ބިރެވެ. ދެވަނަ ބިރަކީ ޢާއިލާ ރޫޅިދާނެ ކަމުގެ ބިރެވެ. މިފަދަ ހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެ ހުރުމަށްވެސް އޮތް މަގަކީ ހަމަ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން