ރަމަޟާން މަހުގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ނުދީ ހިފެހެއްޓުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންނަނީ ރާއްޖެއަށް އެތެރެކުރާ މުދާ އަވަހަށް ކްލިއަރކޮށް ދޫކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. މިގޮތުން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް އެމްޕީއެލުން ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ކްލިއަރކުރާ މިންވަރު އަންނަނީ އާންމުކުރަމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރޯދަ މަހުގެ ދެވަނަ ދުވަހު އެމްޕީއެލުން ވަނީ ޖުމްލަ 3،260 ޓަނުގެ ތަކެތި ރާއްޖެ އެތެރެކޮށް ކްލިއަރކޮށްފައެވެ. މިއީ ޖުމްލަ 167 ކޮންސައިންމެންޓުގެ މުދަލެވެ. އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން ރޯދައިގެ ފުރަތަމަ އަދި ދެވަނަ ދުވަހުވެސް އެންމެ ގިނަ އަދަދަކަށް ރާއްޖެ އެތެރެކޮށް ކްލިއަރކޮށްފައިވަނީ ކުކުޅު ބިހެވެ. އެގޮތުން ރޯދަމަހުގެ ދެވަނަ ދުވަހު އެކަނިވެސް 3،658 ބިސް ކޭސް ވަނީ ކްލިއަރކޮށްފައެވެ.
ރޯދަ މަހުގެ ދެވަނަ ދުވަހު އެންމެ ގިނައިން ކްލިއަރކުރި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ 3،658 ބިސް ކޭސް- 2،165 ފިޔާ ބަސްތާ- 1،224 ޓޮމާޓޯ ބަސްތާ- 926 އަލުވި ބަސްތާ- 792 އަލަނާސި ބަސްތާ- 600 ކަރާ ބަސްތާ- 224 ދޮންކެޔޮ ގަނޑު- 556 ބަސްތާގެ ކެބެޖު- 170 ބަސްތާގެ މެލަން- 122 ބަސްތާގެ ބަރަބޮލެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ބޭނުމަކީ ބާޒާރުގައި ތަކެތި ލިބުން ދަތިވެ، އަގުތައް އުފުލިގެން ދިޔަ ނުދިނުމެވެ.
މީގެ އިތުރުން، ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެމްޕީއެލުން ވަނީ 3،000 އަކަފޫޓުގެ ޚާއްޞަ ޝެޑެއްވެސް ޤާއިމްކޮށްފައެވެ. މި އިންތިޒާމުގެ ސަބަބުން މުދާ ބޭލުމާއި ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްވުރެ ހަލުވިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.