ރަމަޟާންމަހަށް ފަހުގައިވެސް މުޅިރޭ އަޅުކަންކުރިކަމުގެ ޘަވާބު ހޯދަން ވަރަށް ފަސޭހަގޮތެއް! ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ރަމަޟާންމަހަށް ފަހުގައިވެސް މުޅިރޭ އަޅުކަންކުރިކަމުގެ ޘަވާބު ހޯދަން ވަރަށް ފަސޭހަގޮތެއް! ޙަދީޘުން

ގިނަބައަކު ތަމަޟާންމަހުގެ ތަރާވީޙް ނަމާދު އިމާމާއެކުކޮށް ވިތުރިކޮށް ނިންމައެވެ. އެހެންވެ އެމީހުންނަށް މުޅިރޭ އަޅުކަންކުރުމުގެ ޘަވާބު ދެއްވަވާނެތެވެ. އިތުރަށް ހޯދަން އިތުރު އަޅުކަންކުރުމަކީ ބޯނަސްއެކެވެ.  

ރަމަޟާންމަސް ނިމުމުން އެފުރުޞަތުގެއްލިގެންދާނެއެވެ. ނަމަވެސް މާފަސޭހައިން އެފުރުޞަތު ހޯދެން އެބައޮތެވެ. ތަރާވީޙް ނަމާދާއި ވިތުރި ޖަމާޢަތުގައި ކުރުމުގެ ބަދަލުގައި ކޮށްލަން އޮތް ކަމަކީ ޢިޝާނަމާދާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމެވެ.  

މިބަހުގެ މާނަ އޮޅުވައިނުލާށެވެ! މިބުނަނީ ތަހަޖުދްނަމާދުނުކުރުމުން ފުދޭނެވާހަކައެއް ނޫނެވެ. ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ޖަހައްޖުދް ނަމާދެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފުރަތަމަ ކަމަކަށްވެސް ވިސްނައިލަންވީ ހަމަ ކުޑަކުޑަ ހިތްވަރެއް ލުމުން ޙާޞިލްކުރެވެން އޮތް މަތިވެރި ނިޢުމަތަށެވެ.  މާތް ރަސްކަލާނގެ ރުއްސުން ލެއްވި ޢުޘްމާނު ބިން ޢައްފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ» [رواه مسلم

(260 – (656))]

މާނައީ: "ސަލާމާއި ޞާލަވާތްލެއްވި ރަސޫލުﷲގެ ފާނު ޙަދީޘްކުރައްވަނިކޮށް ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. ޖަމާޢަތުގައި ޢިޝާނަމާދުކޮށްފިމީހާ ރޭގަނޑުން އެއްބައިގައި އަޅުކަންކުރިފަދައެވެ. އަދި ޖަމާޢަތުގައި ފަތިސްނަމާދު ކޮށްފިމީހާ މުޅި ރޭގަނޑު އަޅުކަން ކުރިފަދައެވެ." 

ޖަމާޢަތުގައި ޢިޝާނަމާދުކުރުމަކީ އެހައި ބޮޑު ބުރައެއް އުފުލަންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ޢިޝާނަމާދު ވަޤުތުވަނީ ދުވާލުގެ ކަންކަމުގައި ޙަރަކާތްތެރިވަމުން އަންނިަނިކޮށް ކަމުގައިވާތީއެވެ. އަދި ގިނަ މީހުން ދުވާލުގެ މަސައްކަތް ނިންމާލައި ފެންވަރާލައި ރީތިވެގެންވެސް ތިއްބައެވެ. އެހެންވެ ޢާންމު ގޮތެއްގައި ޖަމާޢަތުގައި ޢިޝާ ނަމާދުކުރާ މީހުންގެ ޢަދަދު ބޮޑުތަނުން ގިނަކަން ފާހަގަކުރެވެއެވެ.  

އެހެންކަމާއިއެކުވެސް ޖަމާޢަތުގައި ޢިޝާނަމާދުކުރުމުން އެމީހަކާއިމެދު ޙަދީޘްފުޅުގައި މިއޮތީ އެމީހަކީ " ރޭގަނޑުން އެއްބައިގައި އަޅުކަންކުރިފަދަ" މީހަކު ކަމަށެވެ.  

ދެން މިބުނެލަނީ އެންމެ މުހިންމު ވާހަކައެވެ. އެއީ |"ޖަމާޢަތުގައި ފަތިސްނަމާދު ކޮށްފިމީހާ މުޅި ރޭގަނޑު އަޅުކަން ކުރިފަދަ" މީހަކު ކަމަށް ޙަދީޘްފުޅުގައި އޮތުމުން ވިސްނައިލަންޖެހޭ ކަންތަކުގެ ވާހަކައެވެ. ޙަދީޘްފުޅުގައި ވަރަށް ސާފުކޮށް އެނގެން އެއޮތީ "ޖަމާޢަތުގައި ފަތިސްނަމާދު ކޮށްފިމީހާ މުޅި ރޭގަނޑު އަޅުކަން ކުރިފަދައެވެ."  

ދެން ބަލައިލަންވީ މިހައި ބޮޑު ތަފާތެއް މިއަންނަ ސަބަބަށެވެ. އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ. ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަކީ ﷲ ތަޢާލާއަށް ބިރުވެތިވާ، ވަރަށް ކިޔަމަންތެރި އަޅުންނަށް ނޫނީ ކުރަން ފަސޭހަކަމެއް ނޫނެވެ. ފަތިސްނަމާދުގެ ޖަމާއަތަށް ޙާޒިރުވާ މީހުންގެ ޢަދަދު އެހައި ބޮޑަށް މަދުވެގެން އެދަނީ އެފަދަ މީހުން މަދުކަމުންނެވެ.  

ކޮންމެ މީހަކުވެސް ވިސްނާލުން މުހިންމު ކަމަކީ ހިތްވަރުކޮށްލާފައި ތެދުވެ ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުން ދެއްވަވާނެ ނިޢުމަތްތަކަށެވެ. ލައްވަވާނެ ބޮޑު ރަޙްމަތަށެވެ. ޚާއްޞަކޮށް ފަތިސްނަމާދުގެ އިހުސުންނަތް ދޫނުކުރަން މިފުރުޞަތުގައިވެސް ހަނދާންކޮށްދެމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން