ޒަވާޖީ ޙަޔާތަށްފަހު އެއްގޮތަކަށްވެސް ގުޅުން ބާއްވައިގެން ނުވާނެ އެކުވެރިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޒަވާޖީ ޙަޔާތަށްފަހު އެއްގޮތަކަށްވެސް ގުޅުން ބާއްވައިގެން ނުވާނެ އެކުވެރިން-

ބައެއް އެކުވެރިންނަކީ ކއިވެނިކުރުމަށްފަހުވެސް އެމީހުންގެ ކުރީގ ދިރިއުޅުމުގައި ތިބެން ބޭނުންވާ ބައެކެވެ. އެއީ ހިލޭ މީހުންނާއިއެކު އުފާކޮށް މަޖާކުރުމެވެ. އެކަންކަންކުރާއިރު ތިމާ މިހުރީ ކައިވެނިކޮށްގެންކަމާއި ތިމާ މިއުޅޭ ގޮތަށް ތިމާގެ ބައިވެރިޔާ އުޅޭނަމަ ރުޅިއައުދެވޭނެ މިންވަރާއިމެދު ވިސްނައިވެސް ނުލެވެއެވެ.  

ކައިވެނީގެ މައްސަލަތަކުގައި ކައުންސިލިންގދޭތާ 30 އަހަރުވީއެވެ. ތަޖުރިބާއިން އެނގެނީ ކުރިން މިބުނި ފަދަ ކަންކަމުގެ ސަބަބުން ދިރިއުޅުން ބަރުބާދުވެގެންދާ މީހުން ގިނަކަމެވެ. އެމީހުންނަށް އުޅެވުނު ގޮތާއިމެދު ފަހުން ހިތާމަކުރަންޖެހޭ ކަމެވެ.  

ބައެއް މީހުން ބުނަނީ ބައްދަލުވުންތަކަށް ދިއަ ނަމަވެސް ގުޅުން ނުހިންގާ ކަމަށެވެ. ހަމައެކަނި މަޖާކުރަނީ ކަމަށެވެ. އެމީހުންނަށް ނުވިސްނޭ ކަމަކީ ހިލޭ އަންހެނުންނާއި ފިރިހެނުން ބައްދަލުވެ މަޖާކުރާނަމަ ބައިވެރިޔާގެ މުހިންމުކަން ކެނޑިގެންދާ ކަމެވެ. ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމެވެ. މަޖާކުރުމުގައި ބައިވެރިވާ ކޮންމެވެސް މީހަކަށް ހިތްދެވި ކައިވެނި ރޫޅިގެންދާ ކަމެވެ.  

ވީމާ އެންމެ މުހިންމު ކަމެއްކަމަށް އަހުރެން ފާހަގަކުރާނީ ކައިވެނިނުކޮށް ތިބެގެންވެސް، ޚާއްޞަކޮށް ކައިވެނިކުރުމަށްފަހު މިބުނި މަގުން އުޅޭ މީހަކާއި އެކުވެރިކަން ނުބޭއްވުމެވެ. އެފަދަ މީހަކާއި އެކުވެރިކަން ބާއްވާނަމަ ޒަވާޖީ ހަޔާތް ކާމިޔާބުނުކުރެވޭނެތީއެވެ.  

ދީނުގައި އޮތްގޮތުގެ ވާހަކަ ދެއްކީމާ ސަމާލުކަންދޭން ބޭނުންނުވާ މީހުން ތިބެއެވެ. ދީނުގެ ވާހަކަ ނުދައްކައި ދިރިއުޅުމުގެ ކަންކަން މެދުވެރިވާގޮތަށް ވިސްނިނަމަވެސް ޔަޤީންކުރެވޭނެ ކަމަކީ އެންމެ ފައިދާހުރި ގޮތަކީ ދީނުގައި އޮތްގޮތް ކަމެވެ.  

ހިލޭ މީހުންނާއި ބައްދަލުކޮށް މަޖާކުރަން ބޭނުންވާ މީހުން ކައިވެނިނުކުރާށެވެ. އެއިރުން އެހެން މީހެއްގެ ދިރިއުޅުން ގެއްލުވައިލިކަމުގެ ފާފައިން ސަލާމަތްވެވޭނެއެވެ. ކައިވެންޏަށްފަހު ދިރިއުޅުމަށް ސަމާލުކަންނުދީ އަނެކާ ހިތްދަތިކުރުވުމަކީ ކުރެވޭ ފާފައެކެވެ. އެއީ އެކަމުގެ ސަބަބުން ތިމާގެ ދިރިއުޅުމަށްވެސް ބޮޑެތި ދެރަތައް ލިބޭނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން