ބައިވެރިޔާގެ ސިއްރުތައް ހާމަކުރުމަކީ ޚިޔާނާތެއް! ސިއްރުތައް ހޯދަން އުޅޭނީ މަކަރުވެރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ބައިވެރިޔާގެ ސިއްރުތައް ހާމަކުރުމަކީ ޚިޔާނާތެއް! ސިއްރުތައް ހޯދަން އުޅޭނީ މަކަރުވެރިން!

ދިރިއުޅުމުގައި ކުރިމަތިވާ މައްސަލައަކާއި ގުޅިގެން ޓިލްމްވެރިއެއްގެ ނުވަތަ ތަޖުރިބާކާރު މީހެއްގެ ލަފާ ހޯދަން ބޭނުންވިނަމަވެސް ކުރިމަތިވެގެން އުޅޭ ކަމެއްގެ ވާހަކަ ކިޔައިދިނުމުގައި ވިސްނަންވާނެ އެއްކަމަކީ ކިޔައިދޭންޖެހޭނީ އެންމެ މަދުމިންވަރަށް ކަމެވެ. އިތުރަށް ކިޔައިދޭން އުޅެފިނަމަ އޮންނާނީ އިތުރު ވާހަކަތައް ކިޔައިދެވިފައިކަމަށްވާތީއެވެ.  

ބައެއް މީހުން މިކަމަށް ވިސްނައިލަނީވެސް ހަމައެކަނި އަނެއް ޖިންސުގެ މީހަކަށް ކިޔައިދޭއިރުގައެވެ. އެއީވެސް އެކަން ކުރަން އޮތްގޮތެއް ނޫނެވެ. އަނެއްޖިންސުގެ މީހަކަށް ކިޔައިދޭނަމަ އިތުރަށް ސަމާލުވާންޖެހޭނެއެވެ. ނަމަވެސް އެއިގެ މާނައަކީ ތިމާއާއި އެއްޖިންސުގެ މީހަކަށް ކިޔައިދޭނަމަ އިތުރަށް ކިޔައިދިނުން ހުއްދަވުމެއް ނޫނެވެ.  

ކިޔައިދޭން ނުވާނެ މިންވަރަށް އަންހެނުން އަންހެނުންނަށް އަދި ފިރިހެނުން ފިރިހެނުންނަށް ކިޔައިދިނުމުން ޖެހޭ މައްސަލަތައްވެސް ބައިވަރެވެ. އެކަން އެންމެންނަށްވެސް އެނގޭނެއެވެ. މިވަޤުތު އެކަމުގެ މާބޮޑު ތަފްޞީލަކަށް ނުދާނަމެވެ. މިބަލައިލަނީ އެކަމުން ފާފަވެރިވާ މައްސަލައަށެވެ.  

ކައިވެނިކުރުމަށްފަހު ދެމީހުންވެސް ވާންޖެހެނީ އަނެކާއަށްޓަކައި ފޭރާމަކަށެވެ. އެއީ ޤުރްއާނުން އެނގެން އޮތް ގޮތެވެ. އެއިގެ މާނައަކީ އަނެކާގެ އަޢިބުތައް ފޮރުވައިދޭ މީހަކަށް ވާންޖެހޭނެ ކަމެވެ. އެކަން ނުކުރާނަމަ އެވެވެނީ ފާފަވެރިއެވެ. އެކަން ހިމެނިގެންދާނީ ވެވޭ ޚިޔާނާތަކަށެވެ.  

ވިސްނާށެވެ! ބައިވެރިޔާއަކީ ދީނުގެ ކަންކަމަށް ދަރުވާކުޑަކުރާ މީހަކުނަމަ އެކަމުގެ ވާހަކަ ދައްކަން ޖެހޭނީ ދީނީ ޢިލްމުވެރިއެއްގެ ގާތުގައެވެ. ނޫންނަމަ ބައިވެރިޔާއަށް ވިސްނައިދީ ތެދުމަގަށް އަޅުވަން މަސައްކަތްކޮށްދޭނެ އެކުވެރިން، ޢާއިލާގެ މީހުންގެ ފަދަ މީހުންގެ ގާތުގައެވެ. ޑޮކްޓަރުންގެ ގާތަކު ނޫނެވެ.

ދެން އޮތީވެސް ބޮޑު މައްސަލައެކެވެ. އެއީ ޖިންސީ ބަލިކަށިކަމުގެ ވާހަކައެވެ. އެފަދަ ވާހަކައެއް ދައްކަންޖެހޭނީ އިތުބާރުކުރެވޭ ޑޮކްޓަރެއްގެ ގާތުގައެވެ. ދައްކަންވާނީވެސް ދެމަފިރިން އެކުގައި ތިބެގެންނެވެ.  

ގިނަ ފަހަރު އިތުރުވާހަކަތައް ދެކެވެނީ އަނެކާގެ ސުވާލުތައް ގިނަކުރާތީއެވެ. ވީމާ ޖެހިގެން އުޅޭ މައްސަލަޢާއި ގުޅުންނެތް ސުވާލުތައް ކުރާނަމަ ޖަވާބުނުދޭށެވެ. އެފަދަ ސުވާލުތައް ނުކުރަންވެސް ބުނާށެވެ. އެގޮތަށް ބުނުމުންވެސް ސުވާލުތައް ކުރާނަމަ އެމީހަކާއި އަވަހަށް ދުރަށްދާށެވެ. އެހެނީ އެކަމުން އެނގެނީ އޭނާގެ ނިޔަތް ރަނގަޅުނޫން ކަމެވެ.  

މިވާހަކަ މާގިނައިންވެސް އެބަދެއްކެއެވެ. ދައްކަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. މިކަމުގެ ނުރައްކާ ބޮޑުކަމުންނެވެ. ވިސްނާނުލައި ހުރެ ދެއްކޭ ވާހަކަތަކުން ކައިވެނި ރޫޅޭ މީހުން ގިނަކަމުންނެވެ. ކައިވެނި ރޫޅުން ގިނަވުމަކީ މުޅި އުންމަތްވެސް މުޞީބާތުގެ ވެއްޓިގެންދާ ކަމަކަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން