ބަޔެއްމީހުންގެ ميزان ގެ ތިލަފަތް އެއްވަރުވެގެން ވަނިކޮށް އެމީހާގެ ބަފަޔާ ދިމާއަށް އެއްދުވަހަކު ދެއަކުރަކުން ބުނެވިފައިއޮތް ކުޑަކުޑަ ނުބައިބަހެއް ގެންނަވައި ނުބައި عَمَل ތަކުގެ ތެރެއަށް ލައްވައިފާހުއްޓެވެ. ދެން އެތިލަފަތް ބުރަވެ އެމީހާ ނަރަކައަށް ގެންދިއުމަށް އަމުރު ކުރެއްވިދާހުށި.
ދެން އެމީހާ ގެންދެވޭން ފެށުމުން ރޮއި، ހަޅޭލާގޮވާނެޔޭ. އަދި އެއްފަހަރު ތިމަން އެކަލާނގެ حضرة އަށް ގެންދަވާށެވެ. އަދި ދަންނަވަންވީ އެއް އެދުމެއް އެބައޮތެވެ. ދެން މާތްރަސްކަލާނގެ އަމުރުފުޅަށް އެމީހާ حاضر ކުރައްވައި وحى ކުރައްވާހުއްޓެވެ. އޭނުބައި މީހާއެވެ. ކަލޭގެ އެދުމަކީ ކޮބައިހެއްޔެވެ.
އެމީހާ ދަންނަވާނެއެވެ. يَارَبِّ މިއަޅާވީ ނަރަކައަށް ދާށެވެ. އެހެން ގޮތެއް ދެނެއް ނެތެވެ. މިއަޅާވީ ބަފަޔަށް ނުބައި އަޅަކުކަމުގައެވެ. އެހެންވީމާ، ބަފައިގެ ހުރިހާ ފާފައެއްވެސް މިއަޅާގެ މައްޗަށް ލައްވައިފައި، އެބަފައި މިންޖުކުރައްވާފައި މިއަޅާ ނަރަކައަށް ފޮނުއްވާށެވެ.
އެމީހާއަށް وَحِى ކުރައްވާނެއެވެ. ކަލޭގެ ދުނިޔޭގައި ނުބައިވެފައި މިތާގައި ބަފައަށް ހެޔޮވީތާއެވެ. ކަލޭގެ ބަފާ ގޮވައިގެން ސުވަރުގެއަށް ދާށެވެ. ދެން ދެބަފައިން އެކުގައި ސުވަރުގެއަށް ހިގައިދާހުއްޓެވެ.
މިއީ މިމީހާ އެކަންޏެއްނޫނެވެ. ނަރަކައަށް ގެންދެވުމަށް އަމުރުކުރެވޭ ކޮންމެ މީހަކުމެ އެތައްތަނަކަށް ހުއްޓި، އެތައް سُؤَال އެއްކޮށް އެތައް އެދުމެއްއެދި އުޅޭނެތެވެ. އެއުރެން އެދުނުހާވަރަކަށް ހުއްޓިތިބުމަށާއި، ވާހަކަދެއްކުމަށް ملائكة ން ތަންދެއްވަވާނެތެވެ. އެއީ آخرة ގެ حكم ތަކާ ކަލާނގެ رحمة ގެ ތަނަވަސްކަން އެބެއިކަލުން ދެނެލައްވައިގެން ތިއްބަވާ ބޮޑުކަމުންނެވެ. މިހެންމިހެން ގޮސް އެންމެފަހުން އެ ނަރަކައިގެ ކައިރިއަށް އެއްވާމީސްތައްއެއްވެ جمع ވުމުން އެނަރަކައިގެ ކައިރީގައިވެސް އެއެންމެނާއި سُؤَال ވެވި އެއުރެންގެ ދުލުންވެސް ތިމައުރެންނީ ނަރަކައަށް ވަނުން حقّ ވެގެންވާ ފާފަވެރީންކަމުގައި إقرار ވެއްޖައުމަށް ދާންދެން މިމަގަށް ކަންތައް ހުންނަހުއްޓެވެ.
މިއީ މާތްރސްކަލާނގެ وَحِى ކުރެއްވި މި آية ގައިވާ ފަދައިންނެވެ. وَقِفُوهُمْ إِنَّهُم مَّسْئُولُونَ ، مَا لَكُمْ لاَ تَنَاصَرُونَ ، بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ، މި آية ގެ مَعْنى އީ، މާތްރަސްކަލާނގެ زَبَانِيَّ ملائكة ންނަށް وحى ކުރައްވަނީއެވެ. އިބުރެމެން އެމީހުން އަދިބައިތިއްބާށެވެ. އެމީހުނާއި އަދިވެސް سُؤال ތައް ވެވޭނެއެވެ. ދެން އެމީހުނާއި سؤال ތައް ކުރައްވައި، އެމީހުން نَصْرُ ހޯދާނޭ ގޮތެއް އޮތްތޯއާއި، ސަލާމަތްވުމަށް ދައްކާނޭ ވާހަކައެއް حُجَّة އެއް އޮތްތޯ އައްސަވައި ހެއްދެވުމުން އެމީހުން އެއިން އެއްވެސްގޮތެއް ނެތްކަމަށް اِعْتِرَاف ވެ ނަރަކައަށް ވަނުމަށް اِسْتِلاَم ވެގެން ވާނެއެވެ.
އަދިވެސް وَحِى ކުރައްވާފައިވެޔޭ فَاعْتَرَفُوا بِذَنْبِهِمْ މި آية ގެ مَعْنى އީ، އެއުރެން އެނަރަކައިގެ ކައިރީގައި ތިބެ مَلاَئِكَةُ ންގެ ކުރިމަތީގައި އެއުރެންގެ ފާފަވެރިކަމަށް اِعْتِرَاف ވާހުއްޓެވެ. ދެން އެންމެން އެއްފަހަރާ އެނަރަކައިގެ ތެރެއަށް ކޮށްޕައި އުކައިލެވިދާހުއްޓެވެ.
- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން