ތިމާއަކީ ﷲ އާ ރަސޫލް ޞޢޥ ދެކެ ލޯބިވާ މީހަކުކަމަށް ބުނުމުގެ ކުރިން ތިމާގެ ޙަޤީޤީ ޙާލު ދެނެގަންނަން ނިކަން މިކަންކަމަށް ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ތިމާއަކީ ﷲ އާ ރަސޫލް ޞޢޥ ދެކެ ލޯބިވާ މީހަކުކަމަށް ބުނުމުގެ ކުރިން ތިމާގެ ޙަޤީޤީ ޙާލު ދެނެގަންނަން ނިކަން މިކަންކަމަށް ވިސްނާލަބަލަ!

މުސްލިމުން ތިމާމެން އިސްލާމް ދީނަށް ލޯބިކުރާ ކަމުގެ ވާހަކަ ދައްކަންވާނެއެވެ. އެއީ އެހެން މީހުންނަށްވެސް ހިތްވަރު ލިބޭނެ ކަމެކެވެ. ހަމައެއާއިއެކު އިސްލާމް ދީނުގައި އޮތީ ހަމައެކަނި ދީނަށް ލޯބިކުރާކަމުގެ ވާހަކަ ދެއްކުމެއް ނޫނެވެ. އެފަދަ ވާހަކަތައް ދައްކަންވާނީ ޢަމަލުން އެކަންކަން ދައްކަމުންނެވެ. ނޫންނަމަ ތިއަ ޢަމަލުކުރެވެނީ ރަނގަޅަކަށް ނޫނެވެ.  

އިސްލާމް ދީނާއި ﷲ ތަޢާލާ އާއި އަދި ރަސޫލް ﷺ އާއިބެހޭ ގޮތުން ވާހަކަދައްކާނަމަ ލޯބިން ޤުރްބާންވާންހުރިކަމަށްބުނާނެއެވެ. ތައްރީފްގެ ބަސްތައްވެސް ބުނާނެއެވެ. ދީނުގެ ކަންކަމަށް މިވެނި މީހާ ޢަމަލުނުކުރާތީ އެމީހަކަށް އެއްޗެތިވެސް ގޮވާނެއެވެ! އެހެންކަމުން ކަމުގެ ޙަޤީޤަތް ބަލައިލަމާހެއްޔެވެ؟  

ނަމާދުކުރުމަށް ލޯބިކުރާ ކަމަށް އެބަ ބުނަމުއެވެ. އެންމެ ރަނގަޅެވެ. ދުވާލަކު ކުރަނީ ކިތައް ނަމާދު ހެއްޔެވެ؟ ފަތިސް ނަމާދަށް ހޭލަން ހެއްޔެވެ؟ ކީރިތި ޤްރްއާނަށް ލޯބިކުރާ ކަމަށްވެސް އެބަ ބުނަމުއެވެ. ދުވާލަކު ކިތައް އާޔަތް ކިޔަވަން ހެއްޔެވެ؟ ތަޖްވީދުމަގުން ކިޔަވަން ދަސްކުރިން ހެއްޔެވެ؟ އެކަމަށް އެބަ މަސައްކަތްކުރަންހެއްޔެވެ؟ އަހަރުދުވަސް ނިމިގެންދާއިރު ހިތުދަސްކުރީ ކިތައް އާޔަތް ހެއްޔެވެ؟  

ނިކަން ވިސްނައިބަލާށެވެ! ތިބާ ކުޑައިރު މައިން ބަފައިން ތިބާއަށް ޤްރްއާނުން މިންވަރެއް ދަސްކޮށްދިނެވެ. މިއަދު ތިބާގެ އުމުރަކީ 30،40، 50 އަހަރު ކަމަށްވެދާނެއެވެ. އިތުރަށް ދަސްކުރީ ކިހައި މިންވަރެއް ހެއްޔެވެ؟ އިތުރަށް ދަސް ނުކުރި ތަނުގައި މައިން ބަފައިން ދަސްކޮށްދިން މިންވަރު ހަނދާން އެބަހުރި ހެއްޔެވެ؟   

ﷲ ތަޢާލާ ގަންދީ ބުނަމެވެ. ތިމާއަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ލޯބިކުރާ ނުވަތަ ލޯބިކުރި މީހެއް ކަމަށް ބުނުމަކުން ނުފުދޭނެއެވެ. އެކަން ދައްކަން ޖެހޭނީ ތިމާގެ އަމަލުތަކުންނެވެ. ޤިޔާމަތް ދުވަހު ހިސާބު ބައްލަވާ ވަގުތު ބޭނުންވަނީ ތިމާ ދުނިޔޭގައި ހުރެ ދެއްކި މޮޅު ވާހަކަތަކެއް ނޫނެވެ. ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެއްވެސް ފައިދާއެއް ކުރާނީ ކުރި އަމަލުތަކުންނެވެ. ދީނަށް ގޮވާލައި ދެއްކި ވާހަކަތަކުގެ ފައިދާވެސް ކުރާނީ ތިމާ ދެއްކި ވާހަކަތަކާ އެއްގޮތަށް ތިމާ ވެސް އަމަލުކުރި ނަމައެވެ. ނޫން ނަމަ ދެއްކި ވާހަކަތަކަށް އަމަލު ނުކުރުމުން ސުވާލު ކުރައްވަވާނެއެވެ.  

ވީމާ ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ލޯބިކުރާކަމަށް ބުނެ ވާހަކަތައް ދައްކާ ފަދައިން މޮޅަށް އަމަލުކުރާ މީހަކަށްވެސް ވާށެވެ! އެންމެ ކުޑަމިނުން ފަރުޟުތައް ބަރާބަރަށް އަދާކުރާ މީހަކަށްވާށެވެ! ފަރުޟު 5 ނަމާދު، ނަމާދުގެ ވަގުތުތަކުގައި ކުރާ މީހަކަށްވާށެވެ. ކޮންމެ ދުވަހަކުވެސް ކީރިތި ޤްރައާން ކިޔަވައި އުނގެނޭ މީހަކަށްވެސް ވާށެވެ! ސަލާމަތްކަމާއި އުފާ ފާގަތިކަން ލިބޭނީ އެއިރުންނެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން 

މިއަދު އޮންލައިން