އެއީ ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންނެވެ. ކައިވްނަޏަށް އަންހެން ދަރިއަކު ލިބި ދަރިފުޅަށް 10 އަހަރުގައި ދެމަފިރިންގެ މެދުގައި ޖެހުނު ބައެއް ކަންކަން ޙައްލުނުކުރެވި ދިގުލައިދަމުންގޮސް ކައިވެނިރޫޅުނީއެވެ.
ފިރިމީހާއަކީ ގޯސް މީހެއް ނޫނެވެ. ދެމައިންގެ ޙާލުބަލައެވެ. ޚަރަދުވެސް ކުރެއެވެ. ދަރިފުޅު ނިންދަވަން ބާއްވާ ގަޑީގައި ބައްޕައަށްގޮސް ވަދެވުނުއިރު:
"މަންމާއެވެ! މަންމާއެވެ! ދެންވެސް މަންމަ ކައިވެނިކުރާނީ ބައްޕައާއި ހެއްޔެވެ؟"
"ދަރިފުޅާއެވެ! ތިއަ ސުވާލު ތިއަކުރީ ކީއްވެގެން ހެއްޔެވެ؟ މަންމައަށް ތިއަ ލޯބިލޯބި ދަރިފުޅު ލިބުނީވެސް ދަރިފުޅުގެ ބައްޕައާއި ކައިވެނިކުރީތީ ނޫންހެއްޔެވެ؟"
"މަންމާއެވެ! ރޭވެސް މަންމަ ރުއި އަޑު އިވުނެވެ. މަންމަ ރޮނީ ކީއްވެގެންކަން އަޅުގަނޑަށް އެނގެއެވެ. މަންމަ ރޯއަޑު އިވުނީމާ ވަރަށް ދެރަވެއެވެ. އެއިރު ބައްޕަ މަންމަ ދެކެ ވަރަށް ލޯބިވިއެވެ. އެކަމަކު މިހާރު މަންމަ ދެކެވެސް އަދި އަޅުގަނޑުދެކެވެސް ލޯތްބެއް ނުވެއެވެ. ލޯބިވާނަމަ މަންމައެއް ނުރޮއްވާނެއެވެ."
އަޑުއަހަން ހުންނަން ކެތްނުކުރެވިގެން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ރޮނީ މަންމަ އެކަންޏެއް ނޫނެވެ. ބައްޕަވެސް ރޮމެވެ. ބައްޕަ ރޯއަޑު ދަރިފުޅަށް ނުއިވެނީއެވެ."
ދަރިފުޅު ބުންޏެވެ. "މަންމައާއި ބައްޕަ އެކުގައި އުޅުނުއިރު އެކަކުވެސް ނުރޮއެވެ. އެހެންވީމާ ދެންވެސް ނުރޮއި އުޅެންވީނޫންހެއްޔެވެ؟" ބައްޕަ ދަރިފުޅުގެ ގައިގައި ބައްދައިލިއެވެ. ޖެހިގެން އައި ދުވަހު ދެމީހުން އަލުން ކައިވެނިކުރީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއަދުގެ ކުޑަކުދިންނަކީ ހޭލުންތެރި ބައެކެވެ. ކޮންމެ ކުއްޖަކު މިފަދަ ވާހަކަތައް ނުދައްކައިފާނެއެވެ. ނަމަވެސް ހަމަ މިއިޙްޞާޞްތައް ހުންނާނެއެވެ. ވީމާ ދަރިން ލިބުމަށްފަހު ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދެމަފިރިން ވަކިނުވާށެވެ. ވަކިވުމުން ދަރިންނަށް ލިބޭ ހިތްދަތިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ލިބޭ ގެއްލުމަކީ ފޫބެއްދޭނެ އަނިޔާއެއް ނޫނެވެ.
- މިއަދުނޫސް