އަހުރެން ފަށާނީ މިޘާލަކުންނެވެ.
މިޘާލަކަށް މޫނުގައި އެންމެ ބިއްސެއް ޖެހުމުން އެކަމަށް ފަރުވާކުޑަކޮށްފިނަމަ ދެވަނަ ބިހިޖހާނެއެވެ. ގިނަވަމުން ގޮސް މުޅިމޫނުގައި ބިހިޖަހާނެއެވެ. އެއިރުން މޫނުބަލަންވެސް އުނދަގޫވާނެއެވެ. ނަމަވެސް އެންމެ ބިއްސެއް ޖެހުމުންވެސް ދަރުވާކޮށްފިނަމަ ބިހިޖެހުމުން ސަލާމަތް ކުރެވޭނެއެވެ. މޫނު އެއިގެ ރީތިކަމުގައި އިންނާނެއެވެ.
އެކުގައި ދިރިއުޅެވެން ނެތްކަމަށް ނިންމައި ކައިވެނި ރޫޅާލަން ބޭނުންވެގެން އަންނަ މީހުންގެ ކައިވެނީގެ ޢުމުރަށްބަލާއިރު، 20 އަހަރު، އަދި 40 އަހަރު އެކުގައި އުޅެފައިވާ މީހުންވެސް ހިމެނެއެވެ. އެހެންވެ އެއިރު އެމީހުންގެ ދަރިންވެސް ތިބެނީ ބޮޑެތިވެފައެވެ.
އެހައި ދުވަހު އެކުގައި އުޅުމަށްފަހުގައިވެސް ކައިވެނި ރޫޅާލައި ދެމީހުން ވަކިވާން ނިންމި ސަބަބާއިބެހޭގޮތުން ސުވާލުކުރީމާ ގިނަމީހުން ދައްކަނީ މާބޮޑެތި މައްސަލަތަކެއްގެ ވާހަކައެއް ނޫނެވެ. ވަރަށް އާދައިގެ ކަންކަމުގެ ވާހަކައެވެ. އެކަމަކު އެކަންކަމުގެ ސަބަބުން ފޫހިވަމުންގޮސް ކެތްތެރިކަން ކޮޅުންލަނީއެވެ.
މިކަން މިގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބުވެސް ބުނެލާނަމެވެ. ކައިވެނިކުރާއިރު ދެމީހުން ތިބެނީ އެއްވަތރެއްގައެވެ. ކައިވެނިކުރުމަށްފަހު ކުރިމަތިވާ ވަރަށް ކުދިކުދި ކަންކަންވެސް ޙައްލުނުކުރީމާ މަަޑުމަޑުން ދެމީހުން ގެބެންފަށަނީއެވެ. ގެނބޭވަރު ކުޑަވީމާ ވިސްނައިނުލެވެނީއެވެ. އެހެން ތިބެ އަހަރުތައް ފާއިތުވެގެންދާއިރު ތިބޭނީ ވަރަށް ބޮޑަށް ގެނބެވި ސަލާމަތްވާން ބޭނުންވިޔަސް ސަލާމަތްނުވެވޭ ޙާލުގައެވެ.
އަހުރެން ބުނީތީވެސް ދެމީހުންގެ މެދުގައި އެއްވެސް ވަރެއްގެ މައްސަލައެއް ޖެހިއްޖެނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ނުބަލައި އެކަން ޙައްލުކުރަން އަވަސްވެބަލާށެވެ. އެއިރުން އަޑިއަށް ގެނބުމުގެ ބަދަލުގައި ދިރިއުޅުމުގެ ކަންކަންދާނީ މަތީ ފެންވަރަށް އުފުލެމުންނެވެ. ކައިވެނީގައި ދުވަސްވާވަރަކަށް ލޯތްބާއި އިތުބާރުދާނީ ބޮޑުވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން