ފާފަކުރުން ހުއްޓާލަން ބޭނުންވެގެން ތައުބާވީމަވެސް ފާފަކުރެވޭނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ
ފާފަކުރުން ހުއްޓާލަން ބޭނުންވެގެން ތައުބާވީމަވެސް ފާފަކުރެވޭނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ތައުބާވެވުނުލެއް ގިނަކަމުން މިހުންނަނީ ލަދުންނެވެ. އެއީ އަޅުގަނޑު އެތައް ފަހަރަކު ތައުބާވީމަވެސް ފާފަކުރެވޭތީއެވެ! ފާފަ ތަކުރާރުކުރެވޭއިރުވެސް ތައުބާވެވޭނެތޯ؟" މިއީ އެންމެ ބޮޑެތި ޢިލްމްވެރިންނާއިވެސް އެންމެ ގިނައިން ކުރެވޭ އެއްސުވާލުކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.  

ގިނަ ބައެއްގެ ކަންބޮޑުވުން އޮންނަ މިމައްސަލައިގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ.  

މީހަކު ނިޔާވެގެން ކަށުނަމާދަށްގޮސް ހުރި ޢިލްމު އުނގެނޭ ކުއްޖެއް ކައިރީ މީހަކު ވަރަށް މާޔޫސްކަމާއެކު ސުވާލެއް ކުރަމުން ބުންޏެވެ. ތިމަންނަ މިހާރު ތައުބާއެއް ނުވަމެވެ. ހައިރާންކަމާއެކު އެކުއްޖާ އޭނާއާ ސުވާލުކުރީ އެއީ ކީއްވެ ހެއްޔެވެ؟ އޭނާ ބުނީ އެއީ ތިމަންނަ ތައުބާވެފަ އަނެއްކާވެސް ފާފަ ކުރެވޭތީކަމަށެވެ. އަދި އެގޮތަށް ކޮންމެ ފަހަރަކު ފާފަކުރެވި ދެން ތައުބާވުން އެއީ ކަމުދާކަމަކަށް ނުފެންނާތީ ކަމަށެވެ. 

އެކުވެރިންނޭވެ! މި ޚިޔާލު ދޫކޮށްލާށެވެ. ޝައިޠާނާ ތަފާތު އެކި ޚިޔާލުތައް ވައްދައިގެން އިންސާނާ މާޔޫސްކުރުވައެވެ. ވިސްނަންވީ ކަމަކީ އަހަރެމެން ޚަލްޤުކުރެއްވީ ﷲ ކަމެވެ. އަދި އެކަލާނގެ އަހަރެމެންނަށް ހެޔޮ މަގު ބަޔާންކޮށްދެއްވާފައި ވާއިރު ނިކަމެތިވެގެންވާ ޝައިޠާނާ ކުރިމަތިކުރުވާ މަޅިތަކުގައި އަހަރެމެން ޖެހެންވީ ކީއްވެ ހެއްޔެވެ؟ ބިން ފުރޭހާ ފާފަކޮށްފައިވާ މީހެއްކަމުގައި ވިއަސް، އަދި އޭނާގެ ޙަޔާތަކީ ފާފައިން ފުރިގެންވާ ޙަޔާތަކަށްވިޔަސް ﷲ ގެ މަގަށް ރުޖޫޢަވެ ތައުބާވާން ފަސް ނުޖެހޭށެވެ. ﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލާށެވެ. އެކަލާނގެ ރަޙުމަތުން އުންމީދު ކަނޑާލާނީ އަބާއްޖަވެރިންނެވެ. 

ހިތްވަރު ކުރާށެވެ. ޝައިޠާނާއާ ހަނގުރާމަކުރާށެވެ. ތައުބާވެ ކުރިއަށްދާށެވެ. ތައުބާވެފައި ހުއްޓާ އަނެއްކާވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާ ވާށެވެ. އެފުރުޞަތު އެބައޮތެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. 

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ޙަޟްރަތަށް ތައުބާ ވާށެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަފަހަރު އެކަލާނގެ ޙަޟްރަތަށް ތައުބާވެވަޑައިގަންނަވަމެވެ."  (މުސްލިމް)

އަހަރެމެންގެ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަކީ ސުވަރުގެ ވަންނަވާނެ ކަމުގެ  ޔަޤީންކަން ލިބިފައިވާ ބޭކަލެކެވެ. އެފަދަ ޔަޤީންކަމެއް އަހަރަމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިފައިވޭ ހެއްޔެވެ؟ ފަހެ އަޅުގަނޑުމެން ތައުބާވެ އެކަމަށް ތައްޔާރުވުން މާ ޙައްޤުކަން ބޮޑެވެ. އަބަދު ފާފަ ތަކުރާރުވަނީ އޭ ކިޔާފަ ތައުބާ ނުވެ ހުއްޓާ ނުވަތަ ތައުބާ ލަސްކޮށްފައި ހުއްޓާ ތިބާގެ ގާތަށް މަރު އަތުވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟

ފާފަތަކަށް ދާންހުރި ދޮރުތައް ހިތްވަރުކޮށްފައި ބަންދުކުރާށެވެ. ގިނަގިނައިން استغفر الله މިކަލިމަ ކިޔާށެވެ. ތިބާއަށް ކުރިން ކުރެވިފައިވާ ފާފަތައް ހަނދާން ނެތްކަމުގައި ވަނީނަމަ ހަނދާންވާ ބޮޑެތި ފާފަތަކުން ތައުބާ ވާށެވެ. ދެން ހެޔޮކަންކަން އިތުރު ކުރުމުން ކުދި ފާފަތައް  إن شاء الله ފުހޮވިގެންދާނެއެވެ. އަހަރެމެން އިންސާނުންނަކީ ފާފަކުރުން ގިނަބަޔަކަށް ވީހިނދު ކޮންމެ ދުވަހަކުވެސް ހެޔޮޢަމަލުކުރުން އިތުރުކުރާށެވެ. އަޅާ ކުރާ ހެޔޮކަންކަމުގެ ސަބަބުން ކުދި ފާފަތައް ފުހޮވިގެންދާނެއެވެ. ނަމާދާއި، ރޯދައާއި، ވުޟޫ އަދި ޞަދަޤާތްފަދަ އަޅުކަންތަކުން އަދި މިނޫނަސް އަޅުކަންތަކުން އެފާފަތައް ފުހެވިގެން ދާނެއެވެ. ތައުބާވެ އިސްތިޣްފާރު ކުރަންޖެހޭނީ ހަމައެކަނި ފާފައެއް ކުރެވުނީމައެއް ނޫނެވެ.  އަބަދުވެސް  ތައުބާވެ އިސްތިޣްފާރު ކުރަން ޖެހޭނެއެވެ. 

استغفرالله އަކީ މާތް ކަލިމައެކެވެ. އޭގެ މާނައަކީ: "މިއަޅާ ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވަމެވެ." ގިނަގިނައިން އިސްތިޣްފާރުކޮށް މިކަލިމައިގެ މާނައަށް ވިސްނުމާއެކު ކިޔާ މީހާއަށް ގިނަކަންކަން ފުރިހަމަވެގެންދާނެ އެވެ. އޭގެ ތެރޭގައި ފާފަތައް ފުއްސެވުމާއި، ވާރޭ ވެއްސެވުމާއި، ރިޒްޤު އިތުރުކޮށްދެއްވުމާއި، ދަރިންނާއި މުދާ އިތުރުވުން ހިމެނެއެވެ. ނޫޙު ސޫރަތުގައި ވާފަދައިންނެވެ. 

﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا﴾ [سورة نوح ١٠]

މާނައީ: "ފަހެ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ."  

﴿يُرْسِلِ السَّمَاء عَلَيْكُم مِّدْرَارًا﴾ [سورة نوح ١١]

މާނައީ: "(އެރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފުނުއްވާނެތެވެ." 

﴿وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا﴾ [سورة نوح ١٢]

މާނައީ: "އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ."   

ފާފަކުރުން ހުއްޓާލާށެވެ. އެކަމަށް ދެރަވެ ހިތާމަކުރަށެވެ. އެފާފައަށް އެނބުރި ރުޖޫޢަނުވުމަށް ޢަޒުމު ކަނޑައަޅާށެވެ. އަދި ފާފަ ފުސެއްވުންއެދި ރައްބުގެ ޙަޟްރަތުގައި ދަންނަވާށެވެ. ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

 

- އަލްއަޚް މިދުޙަތު އިރުފާން

މިއަދު އޮންލައިން