ނިދަން ގާތްވުމުން ބަނޑުފުރާ ކެއެމުން ލިބޭ އެންމެ ބޮޑެތި ގެއްލުންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ނިދަން ގާތްވުމުން ބަނޑުފުރާ ކެއެމުން ލިބޭ އެންމެ ބޮޑެތި ގެއްލުންތައް!

އެކެއުމުގެ ސަބަބުން ދުވަހު ލިބެން ﷲ ތަޢަލާގެ ރައްކައުތެރިކަން ނުލިބި ގެއްލިގެންދެއެވެ. އެއީ ފަތިސް ނަމާދަށް ހޭލަން ހުރަސް އަޅާތީއެވެ. އެކެއުމުގެ ސަބަބުން ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ ފައިދާހުރި ނަމާދުކަމުގައިވާ ދަމުނަމާދަށް ހޭލަން ހުރަސް އެޅެއެވެ. އެކެއުމުގެ ސަބަބުން ބަނޑުގައި ޖަހާ އިތުރު ސަރުބީ ޖަހައި ފަލަވެ މީހާގެ ސިފަގެއްލެއެވެ. އެކެއުމަކީ ރޭގަނޑު ނިދަމުން ބަނޑުފުރައި ކާކެއުމެވެ.   

ފަތިސް ނަމާދަށް ނުހެލެވޭ އެއް ސަބަބުގެ ގޮތުގައި ފާހަގަކުރެވޭ އެއް ކަމަކީ ބަނޑުފުރާ ކައިގެން ނިދުމެވެ. ޚާއްޞަކޮށް ރޭގަނޑުގެ ކެއުމުގައި ބަނޑުފުރެންދެން ކެއުމެވެ.  ނަމަވެސް ގިނަ ބައަކަށް މިހާރު ނިދޭކަމަށްވަނީ ގެއިން ކައިބޮއި ހެދުމަށްފަހު ބޭރަށްވެސް ގޮސް ކޮންމެވެސް ތަނަކުން ކޮންމެވެސް އެއްޗެއް ކައިގެންނެވެ. މިއީ ޞިއްޙަތަށްވެސް އެހައިމެ ގެއްލުން ބޮޑު ކަމެކެވެ.  

ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ)ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އަބަދުވެސް ކާންޖެހެނީ ބަނޑުގެ ތިންބައިކުޅަ އެއްބައަށެވެ. އެނެއް ތިންބައިކުޅަ އެއްބައި ޚާއްޞަ ކުރަން ޖެހެނީ ބޯ ފެނަށެވެ. ބާކީ ހުރި ތިންބައިކުޅަ އެއްބައި ބަހައްޓަން ޖެހެނީ ހުސްކޮށެވެ. އެއީ ނޭވާލުމަށް ފަސޭހަކުރުމަށްޓަކައެވެ.  

މީގެ 1400 އަހަރުކުރިން، ސައިންސުގެ އެއްވެސް ހޯދުމެއް ނެތް ޒަމާނެއްގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވާ މިބަސްފުޅުގެ ތެދުކަން މިއަދުގެ ސައިންސްވެރިން ވަނީ ސާބިތުކޮށްފައެވެ. ޑޮކްޓަރުން ގެންދަނީ އެކަމަށް އަމަލުކުރުމަށް އިރުޝާދުދެމުންނެވެ.   

އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ. "ގިނައިން ކެއުމަކީ ކަންނެތް ކަމާއި ސިކުނޑިން މަސައްކަތް ނުކުރެވުމާއި ގިނައިން (ކޮންމެހެން ބޭނުންވާ ވަރަށްވުރެ) ނިދަން ބޭނުންވުން ފަދަ ކަންކަން މެދުވެރިވާ ސަބަބަކަށްވާތީ އެކަންކަމުން ސަލާމަތް ވުމަށް ބަނޑުފުރާ ނުކައި ހުންނަތާ މިހާރު 16 އަހަރުވެއްޖެއެވެ."  

ވީމާ މިއީ ކެއުމާއިމެދު އިސްލާމް ދީނުގެ އެންމެ އިސް އިމާމުން އަމަލުފުޅު ކުރެއްވެވި ގޮތެވެ.  

ދުވާލު ނަމަވެސް ބަނޑުފުރެންދެން ކެއުމަކީ މީހާ ނަމާދުކުރުމަށް އުނދަގޫވާ ކަމެކެވެ. ބަރުހެލިވެ އެތައް ބައިވަރު އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. ވީއިރު މީހާ ކަންނެތްވެ ލޮޑުވާ އަދި މިބަޔާންކުރި އެތައް ބައިވަރު ގެއްލުންތަކެއް ތިމާއަށް ލިބޭކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން