އިސްލާމް ދީނުގައި ވަރިކުރުން ހުއްދައެވެ. ދެމަފިރިން ވަކިވިޔަސް ސުލްޙަވެރިކަމާއިއެކު ވަކިވުން އެއީ އެންމެ ހެޔޮ ގޮތެވެ. ދެމަފިރިއަކު ވަކިވުމަށްފަހު އެދެވިގެންވާ ގޮތް ނޫނެއް ކަމަކު ގިނަ ބަޔަކު ދެމީހުންގެ ދެމެދު ރުޅީގެ ބަސްތަކާއި އުދަނގޫތައް ބަދަލުކޮށް އުޅެއެވެ. އެއީ ޒަމާނުންސުރެން އެކަން ހިނގަމުން އައި ގޮތެވެ.
އަހަރުމެންގެ މުޖުތަމައުގައިވެސް ގިނައިން މިކަން ހިނގަނީ މިމަގުންނެވެ. އެތައް އަހަރުތަކަކަށް ރުޅިވެރިކަމުގެ ސިލްސިލާ ކުރިއަށް ދެއެވެ. އެއް އަތް ތެޅިޔަސް އަޑެއް ނުކިޔާނެކަމަށް ހަރު މީހުން ބުނާތީ އިވެއެވެ. ނަމަވެސް މިކަމުގައި އެއް އަތް ތެޅީމަ އަޑު ކިޔައެވެ. އެއީ އެކަކު ނަމަވެސް ދޮގުވާހަކަތައް ދައްކައި ފެތުރަމުން ހިނގާނަމަ އެކަމުގެ އަސަރު އަނެކާގެ ދިރިއުޅުމަށްކުރާތީއެވެ. ހާއްސަކޮށް ދަރިން ތިބޭ ހާލަތްތަކުގައި ކުދިންނަށް ދެވޭ ގެއްލުން އިންތިޙާއަށް ބޮޑެވެ.
ޙައިރާން ވަނީ މީހެއް ދެކެ އަންނަ ރުޅިއެއްގެ ސަބަބުން އަމިއްލައަށް އަނެކާ އާއި ބެހޭގޮތުން ދެކެވޭ ދޮގު ވާހަކަތެކެވެ. ދޮގު ހަދާ މީހަކަށް ވަކި ހިސާބަކުން އެއީ ފާފައެއް ނޫންކަމަށް ޤަބޫލުކުރެވެއެވެ. އެނާގެ ޝައިތާނީ ޙިޔާލުތައް އޭނާގެ މައްޗަށް ވެރިވަނީކަމަށް އަހަރެން ޤަބޫލުކުރަމެވެ.
ދަރިންނަކީ މާތްﷲ ހަވާލުކުރައްވާފައިވާ ބޮޑު އަމާނާތެކެވެ. އަޅުގަނޑުމެން އެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވުމަށް ވަނީ އަންގަވާފައެވެ. އަޅުގަނޑުމެންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަން ޖެހެއެވެ. އެއީ އާޙިރަތް ދުވަހުން ސުވާލު ކުރެވޭނެ ކަމެކެވެ. ގިޔާމަތް ދުވަހު ސުވާލު ކުރެވޭނެ 4 ކަމެއް ތެރޭގައި އޭނާގެ އުމުރާއި ބެހޭގޮތުންނާއި، އޭނާ މުދާ ހޯދި ގޮތާއި، އެ މުދާ ހޭދަ ކުރި ގޮތާއި އަދި އޭނާގެ ޒުވާންކަން ހޭދަކުރި ގޮތާއި ބެހޭ ގޮތް ހިމެނެއެވެ.
މިހާދިސާގައި ދެމަފިރިން ވަކިވެފައި ވަނީ ކުދިންގެ މަންމަ އެކި ފަހަރު މަތީން އެހެން މީހުންނާއި ގުޅުން ބަދަހިކޮށްގެން ކުދިންގެ ބައްޕައަށް އެވޭނަށް ކެތް ނުކުރެވިގެންނެވެ. ކުދިންގެ ބައްޕައަކީ ދީންވެރި، މަޑުމައިތިރި، އަޙްލާޤް ރަނގަޅު މީހެކެވެ. ކުދިންނަށް ބޭނުންވާ ހުރިހާ ޙަރަދެއް ކުރެއެވެ. ދުވަހަކުވެސް ކުދިންގެ މަންމައަށް ބަދު ބަހެއް ބުނެފައެއް ނުވެއެވެ. އަބަދުވެސް މަސައްކަތް ކުރަނީ ސުލްޙަވެރިކޮށް އުޅޭށެވެ. ދަރިންނަށް ކިޔައިދެނީ މަންމައަށް އިޙްތިރާމް ކުރުމަށެވެ.
ކުދިންގެ ބައްޕަދެކެ އަންނަ ރުޅިއަކުން ތިމާގެ އަމިއްލަ ދަރިންނަށް މާތްﷲ ދެއްވާ ރިޒްޤް ނުލިބޭކަމަށް ގާތް މީހުން ގާތު ބުނެ އެކި މީހުން އަތުން ފައިސާ ހޯދައެވެ. އެކަން އެންމެ ފަހުން ކޯޓަށް ވެސް ުށަހެޅީއެވެ. ޝަރުޢީ ކޯޓެއްގައި އެވަރު ބޮޑު ދޮގެއް ހެދުމަކީ ފާސިދުކަމެވެ. ދަރިންގެ ޙަރަދު ގޮތުގައި ދެވޭ ފައިސާ ނުލިބޭ ކަމަށް ބުނެ އޮޅުވާލާއިރު އެކަމާ ސުވާލު ކުރެވޭނެ ދުވަހާއި މެދު ވިސްނައިލެވޭބާއެވެ؟ ހަމަ ގައިމު އެއީ ކުޑަކޮށް ވެސް މާތް ﷲ އަށް ބިރުވެތިވާ މީހަކު ނުކުރާނެ ކަމެކެވެ. ރިޒްޤް ދެއްވާ ފަރާތުން އެ ރިޒްޤް އަބުރާ ގެންދިއުމަށް ކުޅަދުންވަނަތްވެ ވޮޑިގަންނަވައެވެ. މި ދުނިޔޭގައި ކިތައް މީހުން އެ ރިޒްޤުން މަޙްރޫމް ވެފައިވޭ ހެއްޔެވެ؟
މިފަދަ ބޮޑެތި ޙަސަދަތައް ހިތުގައި ލައިގެން އުޅޭ މީހުންނަށް ނުވިސްނޭ ކަމަކީ މީހަކުދެކެ ރުޅިއައިސް ހަސަދަވެރިވެގެން ހުރުމަކީ އެމީހަކުކުރާ ހެޔޮޢަމަލުތައް ޤަބޫލުފުޅުކުރެއްވެވުން ﷲ ތަޢާލާ މަޑުޖައްސަވައިލައްވަވައިފާނެ ކަމެއްކަމެވެ. އެޙާލުގައި އެމީހަކަށް ކަންކަން މެދުވެރިވާނެގޮތަށް ވިސްނައިލަމާހެއްޔެވެ؟
މީހަކު ދެކެ އަންނަ ރުޅިން ތިމާއަށް ލިބިފައިވާ ނިޢުމަތް ނުފެންނަ އަދިރި ކަނު މީހަކަށް ނުވަމާތޯއެވެ. އެފަދަ ހިތްތަށް މައިތިރިކުރަށްވާ ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން
- މިއަދުނޫހުގެ ކިޔުންތެރިއެއް