އާދަމްގެފާނުގެ ދެދަރިކަލުންގެ މެދުގައި ހިނގި ލޭއޮހޮރުވުން- އެދުވަހުވެސް މިއަދުވެސް ލޭއޮހޮރުވުންތައް ހިންގުވަނީ ޝައިޠޯނާ!

މިއަދު
ކިޔުމަށް ހޭދަވާނީ 11މ 13ސ
އާދަމްގެފާނުގެ ދެދަރިކަލުންގެ މެދުގައި ހިނގި ލޭއޮހޮރުވުން- އެދުވަހުވެސް މިއަދުވެސް ލޭއޮހޮރުވުންތައް ހިންގުވަނީ ޝައިޠޯނާ!

آدم عليه السّلام ޙައްވާގެފާނުގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ފާހަގަކޮށްލެވޭކަމަކީ، އެކަލޭގެފާނުގެ ދެ ދަރިކަލުންގެ ދެމެދުގައި ހިނގައި ދިޔަ ފިތުނަވެރިކަމެވެ. އެކަމުގެ ތެރޭގައި އެތަނުން އެއްބޭފުޅަކު އަނެއް ބޭފުޅަކު ޤަތުލުކުރެއްވުމެވެ. މިވާހަކައިގެ ތަފްސީލު ކީރިތި ޤުރްއާނުގެ މާއިދާ ސޫރަތުގައި ވަރަށް ތަފްސީލުގޮތެއްގައި ބަޔާންކުރައްވައިފައިވެއެވެ، އެ ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖقَالَ إِنَّمَا يَتَقَبَّلُ اللَّـهُ مِنَ الْمُتَّقِينَ ﴿٢٧﴾

މާނައީ: "آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ." 

ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހާއި، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. آدم عليه السّلام އަށް ޤާބީލާއި ހާބީލު ލިބިވަޑައިގެންފުމަށްދާންދެން، ކާވެނިކޮށްދެއްވަމުން ގެންދެވީ، އެއް ބަނޑުފުޅުގެ ފިރިހެން ބޭފުޅަކާއި، އަނެއް ބަނޑުފުޅުގެ އަންހެން ބޭފުޅެކެވެ. ޤާބީލަކީ، ދަނޑުވެރިއެކެވެ. ހާބީލަކީ، ބަކަރިގޮތްވެކެވެ. އެ ދެ ބޭފުޅުންކުރެ ދޮށީ ޤާބީލެވެ. ޤާބީލުގެ އެއްމާބަނޑު އުޚުތަކީ، ހާބީލުގެ އެއްމާބަނޑު އުޚުތަށްވުރެ ބުރުސޫރަ ރިވެތި އަންހެން ބޭފުޅެކެވެ. ހަމަޖެހިފައިވާ އުޞޫލުގެ މަތިން، ޤާބީލުގެ އުޚުތާ ކާވެނި ކުރެއްވުމަށް، ހާބީލު އެދިވަޑައިގަތެވެ. އެހިނދު، ޤާބީލު އެކަމާ ދެކޮޅުހެއްދެވިއެވެ. އަދި ވިދާޅުވިއެވެ. 

"މިއީ ތިމަންގެ އުޚުތެވެ. އެކަމަނާ އަކީ، ތިމަންނައާއެކު އުފަންވި އުޚުތެކެވެ. ތިބާގެ އުޚުތަށްވުރެ އެކަމަނާގެ ބުރުސޫރަ ރީތިވެފައި ފުރިހަމައެވެ. އެކަމަނާއާ ކާވެނިކުރުން ޙައްޤުކަން ބޮޑީ ތިމަންނާ އެވެ." 

ހަމަޖެހިފައިވާ އުޞޫލުގެމަތިން، ޤާބީލުގެ އެއްމާބަނޑު އުޚުތާ، ހާބީލު ކާވެނިކުރެއްވުމަށް آدم عليه السّلام އެންގެވިއެވެ. ނަމަވެސް ޤާބީލު އެކަމާމެދު ދެކޮޅު ހެދިއެވެ. ދެން آدم عليه السّلام އެންގެވިއެވެ. "ދެ ދަރިކަލުން މާތްﷲ ގެ ޙަޟުރަތަށް ޤުރުބާނެއް ކުރާށެވެ! އެ ދަރިކަނބަލުންނާ ކާވެނިކުރުން ޙައްޤުކަން ބޮޑީ، އެކަލާނގެ އެ ދަރިކަލެއްގެ ޤުރުބާން ޤަބޫލުފުޅުކުރައްވައިފި ދަރިކަލެކެވެ." 

ދެން އާދަމުގެފާނު އެ ދެ ދަރިކަލުންނާއި ދުރަށް މައްކާއަށް ޙައްޖަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދެދަރިކަލުންގެ މައްސަލަ މާތްﷲ އަށް ވަކީލުކުރައްވާފައެވެ. آدم عليه السّلام މައްކާއަށް ޙައްޖަށް ވަޑައިގަތުމުން، ޤާބީލާއި ހާބީލު، މާތްﷲ ގެ ޙަޟުރަތަށް ޤުރުބާން ހުށައެޅުއްވިއެވެ. ޤާބީލު ހުށަހެޅުއްވީ ހުއިބޮނޑިއެކެވެ. ހާބީލު ހުށަހެޅުއްވީ މަސްފަލަ ސަމައްތަރު ހެޔޮ ބަކަރިއެކެވެ. ދެން އުޑުން ފޭބި އަލިފާނެއް އައިސް ހާބީލުގެ ޤުރުބާން އަންދާލިއެވެ. އެ ގޮތުގެމަތިން، މާތްﷲ ޤަބޫލުފުޅުކުރެއްވީ، ހާބީލުގެ ޤުރުބާންކަން ބަޔާންވެގެން ދިޔައެވެ. ޤާބީލު އެކަމާމެދު ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. "އަހަރެންގެ އުޚުތާ ތިބާ ކާވެނިކުރުން މަނާކުރެއްވުމަށްޓަކައި، އަހަރެން ކަލޭ ޤަތުލުކުރާނަމެވެ." ހާބީލު ވިދާޅުވިއެވެ. މާތްﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިންނެވެ."

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު} 

ދެން ކަންތައް ހިނގައިދިޔަގޮތް ބަޔާން ކުރައްވައި މާއިދާ ސޫރަތުގެ 28 ވަނަ އާޔަތާއި 29 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّـهَ رَبَّ الْعَالَمِينَ ﴿٢٨﴾ إِنِّي أُرِيدُ أَن تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ ﴿٢٩﴾

މާނައީ: "ހަމަކަށަވަރުން، ތިމަން قتل ކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ قتل ކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، عالم ތަކުގެވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ. ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (اللَّه ގެ حضرة އަށް) ކަލޭ رجوع ވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ." 

އިބްނު ޖަރީރު އައްޠަބަރީ ރަޙިމަހުﷲ، ވިދާޅުވެފައިވާ ކަމަށް އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ އޭނާގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. ޤާބިލު އޭނާގެ އަޚް ހާބީލު ޤަތުލުކުރުމަށްޓަކައި އޭނާގެ ކަރުގައި ހިފައިގެން އުޅުނެވެ. އެތަން ޝައިޠާނާ ދެކެގެން ޖަނަވާރެއް ހިފައިގެން އައިސް ހިލައެއްގެ މަތީގައި ބާއްވައި، އޭގެ ބޮލުގައި ހިލަޔަކުން ޖަހައި މަރައިލައިފިއެވެ. އެތަން ޤާބީލު ދެކެގެން އޭނާވެސް އޭނާގެ އަޚް ހާބީލު ޤަތުލުކުރީ އެހެންނެވެ. ހިލައެއްގެ މަތީގައި ބާއްވައި ހިލަޔަކުން ޖަހައިގެންނެވެ.

{އިބްނު ކަޘީރު، ތަފްސީރު، ތިންވަނަ ޖިލްދު ޞަފްޙާ 154} 

ހާބީލު ޤަތުލުކުރުމަށްފަހު ޤާބީލަށް އޭނާގެ އަޚާގެ ފުރާނަނެތް ހަށިގަނޑު ނިވާ ކުރާނެގޮތެއްވެސް ނޭނގުނެވެ. ދެން މާތްﷲ ކާޅެއްފޮނުއްވައިގެން ހާބީލުގެ ހަށިކޮޅު ވަޅުލައްވާނެ ގޮތުގެ މިސާލެއް ދެއްކެވިއެވެ. މިކަން ބަޔާން ކުރައްވައި މާއިދާ ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. 

فَبَعَثَ اللَّـهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِ ۚ قَالَ يَا وَيْلَتَىٰ أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِي ۖ فَأَصْبَحَ مِنَ النَّادِمِينَ ﴿٣١﴾

މާނައީ: "ދެން އޭނާގެ أخ އާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް اللَّه ފޮނުއްވިއެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ." 

އައްސުއްދީ ވިދާޅުވެފައިވެއެވެ. ޤާބީލު އޭނާގެ އަޚް ޤަތުލުކުރުމަށްފަހު އޭނާ ބިންމައްޗަށް ދޫކޮށްލެއްވިއެވެ. އޭނާ ވަޅުލާނެ ގޮތެއް ޤާބީލަކަށް ނޭނގުނެވެ. އެ ވަޤުތު މާތްﷲ ދެ ކާޅު އެތަނަށް ފޮނުއްވިއެވެ. އެ ދެކާޅު އެތަނުގައި އެކަތި އަނެކެއްޗާއި ތަޅައިފޮޅައި އެތަނުން އެކެތި މަރުވެއްޖެއެވެ. ދެން މަރުނުވާ ކާޅު އެތަނުގައި ހޮރެއްކޮނެފައި މަރުވެފައިވާ ކާޅު އެތަނަށް ލައި ފަސްއަޅައިފިއެވެ. މިތަން ދެކެފައި ޤާބީލު ބުންޏެވެ. "އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟"

{އިބްނު ކަޘީރު ތަފްސީރު، ތިންވަނަ ޖިލްދު، 155} 

ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

"‏ لاَ تُقْتَلُ نَفْسٌ ظُلْمًا إِلاَّ كَانَ عَلَى ابْنِ آدَمَ الأَوَّلِ كِفْلٌ مِنْ دَمِهَا لأَنَّهُ كَانَ أَوَّلَ مَنْ سَنَّ الْقَتْلَ ‏"‏ { صحيح مسلم/ كتاب القسامة والمحاربين والقصاص والديات/ باب بَيَانِ إِثْمِ مَنْ سَنَّ الْقَتْلَ/ ޙަދީޘް ނަންބަރު 1677}

މާނައީ: "އެއްވެސް އިންސާނަކު އަނިޔާވެރިގޮތުގައި ޤަތުލުކޮށްލެވިއްޖެނަމަ، އެމީހާގެ ލެއިން (އެބަހީ: ޙައްޤަކާނުލައި އޭނާ މަރައިލެވުނު ކަމުގެ ފާފައިން) ބައެއް އެންމެ ފުރަތަމަ އާދަމުގެ ދަރިޔާއަށް ނުލިބި ނުދާހުއްޓެވެ. އެހެނީ އޭނާއަކީ އެންމެ ފުރަތަމަ ޙައްޤަކާނުލައި މީހަކު މަރާލި މީހާއެވެ.

{އެބަހީ: ޙައްޤަކާނުލައި އެންމެ ފުރަތަމަ މީހަކު މަރައިލުމުގެ ނުރަގަނޅުކަންތައް ފެށިމީހަކީ އޭނާއެވެ.}"

 

- ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން