ކިތަންމެ ގޯސްކޮށް އުޅެވިފައިވާ މީހަކުވެސް ތައުބާވެއްޖެނަމަ އެމީހަކަށް ޤަދަރާ އިޙްތިރާމް ކުރާށެވެ! އެދަ ކިތަންމެ މީހަކު ވަރަށް ހެޔޮލަފާ މީހުންނަށްވެސް ބަދަލުވެފަވަނީ މަދަކުން ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ކިތަންމެ ގޯސްކޮށް އުޅެވިފައިވާ މީހަކުވެސް ތައުބާވެއްޖެނަމަ އެމީހަކަށް ޤަދަރާ އިޙްތިރާމް ކުރާށެވެ! އެދަ ކިތަންމެ މީހަކު ވަރަށް ހެޔޮލަފާ މީހުންނަށްވެސް ބަދަލުވެފަވަނީ މަދަކުން ނޫން!

ކުރިން ގޯސްކޮށްއުޅެފަ ފަހުން ބަދަލުވާ މީހުންނަށް އިތުބާރުކުރަންވާނެތަ؟ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. ވަރަށް ގިނައިން ކުރެވޭވެސް ސުވާލަކަށްވާތީ ޖަވާބަކަށް ފުދޭނެ ޙާދިސާއެއްގެ ވާހަކަ ގެނެސްދޭނަމެވެ. އިން ޝާ ﷲ  

އެއިގެ ކުރިން ބުނެލާނަމެވެ! މީހަކަށް ބުނެވިފައި އޮންނަ ބަހަކުން ނުވަތަ ކުރެވިފައި އޮންނަ ޢަމަލަކުން އެއީ އަބަދުވެސް ނުބައި ޢަމަލުކުރުނަމަތީގައި ދެމިހުންނާނެ މީހަކު ކަމުގައި ނުދެކޭށެވެ! ކޮންމެ މީހެއްގެ ހިތަކީވެސް ކޮންމެ ވަޤުތަކުވެސް ބަދަލުވެދާނެ އެއްޗެކެވެ.  

އިސްލާމް ދީން ކުރިއަރައިގެން އައުމުގެ އެންމެ ބޮޑު ބާރަކަށްވި އެއްސަބަބަކީ ކުރިން ބޮޑެތި ފާފަތަކެއް ކުރެއްވެވުނު ޞަޙާބީން އިސްލާމްވެވަޑައިގަތުމަށްފަހު އިސްލާމްދީނަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީއެވެ. އެކަން ވަރަށް ރަނގަޅަށް އެނގިތިބެވެސް މިއަދު މިއުޅެނީ މީހަކަށް ފާފައެއް ކުރެވިފައިވާކަން އެނގިއްޖެނަމަ އެމީހަކު ބަލައިގަންނަން އުނދަގޫކަމަކަށްވެގެންނެވެ.  

އެމީހާ ތައުބާވުމުން އެމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެކަން އެނގޭއިރުވެސްމެއެވެ. އަދި ވަންހަނާވެފައި އޮތްނަމަވެސް ތިމާއަށްވެސް ފާފަތައް ކުރެވޭކަން ތިމާއަށް އެނގޭއިރުވެސްމެއެވެ.  

ތިރީގައިވާ ޙާދިސާއިން ޢިބްރަތް ޙާޞިލްކުރައްވާށެވެ!

ޢިޝާ ނަމާދުކުރައްވައިގެން އިމާމް ގެއަށް ވަޑައިގަންނަވަނީއެވެ. ވިއްސާރަވުމުގެ ސަބަބުން އުޑުމަތި ވަރަށް ބަނަ ރެއެކެވެ. އެހެންކަމުން މަގުތައް އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ވަޅިއެއް ހިފައިގެން ހުރި މީހަކު ކުއްލިއަކަށް އިމާމްގެ ކުރިފުޅުމަތީގައި ހުއްޓިފައި ބުންޏެވެ.  

"އިމާމްގެ ފަތުވާގެ ސަބަބަބުން އަހަރެންގެ 2 ކޮއްކޮ އިސްލާމް ވެއްޖެއެވެ. އަހަރެން ޤަޞްދުކުރަނީ އިތުރު މީހުންނަށް ވަސްވާސްދީގެން އިމާމްގެ ދީނަށް ވެއްދުމުގެ ފުރުޞަތު އިމާމަށް ނުދީ އިމާމްގެ ކަންތައް ނިންމައިލާށެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އެޅިނަމަވެސް ކަރު ބުރިކޮށްލާނަމެވެ." 

އެވަގުތު އިމާމް ކޮންމެވެސް އެއްޗެއް ކިޔަވައިވިދާޅުވަން ފެށްޓެވިއެވެ. އެކަން އެނގުމުން އެމީހާގެ ހިތަށް ކޮންމެވެސް ބާވަތެއްގެ ބިރުވެރިކަމެއް ވަނެވެ. އޭނާއަށް ޤަބޫލުކުރެވުނީ އިމާމް ސިހުރުގެ ކޮންމެވެސް އިސްމެއް ކިޔަވައި ވިދާޅުވަނީ ކަމަށެވެ. އެހެންކަމުން އިމާމް ޤަތުލުކޮށްލިނަމަވެސް އެ ސިހުރު އޭނާއަށް ޖެހިދާނެތީ ކަންބޮޑުވެ ސުވާލުކުރިއެވެ. "އިމާމް ސިހުރުހަދަނީހެއްޔެވެ؟ މީހަކު އެއްޗެއް ބުނާއިރަށް ތިއަ ފެންވަރުގެ ބޮޑެތި ޢިލްމުވެރިން އެމީހަކަށް ސިހުރު ހަދާހެއްޔެވެ؟ ތިއައީ ކޮންކަހަލަ އިމާމެއްހެއްޔެވެ؟" 

އިމާމް ވިދާޅުވިއެވެ. "އަހަރެން އެއްވެސް ބާވަތެއްގެ ސިހުރަކަށް ނުކިޔަވަމެވެ. ސިހުރު ހެދުމަކީ އަދި އެއްވެސް ގޮތަކުން މީހުންނަށް ގެއްލުން ދިނުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫނެވެ. އަހަރެން މިކުރާ ކަމަކީ ކަލޭގެ ކިބައިން ސަލާމަތްކޮށްދެއްވެވުމަށް އެދި ދުޢާކުރަނީއެވެ. އަހަރެން މިކުރާ ދުޢާއަކީ  حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ އެވެ. ތިއައީ އެންމެ މީހެއް ނޫންހެއްޔެވެ؟ މިދުޢާއަކީ ބޮޑު އުންމަތެއްގެ މީހުން އެއްވެ ބޮޑު އަލިފާން ގަނޑެއް ރޯކުރުމަށްފަހު އުމުރުފުޅުން އެންމެ 13 ވަރަކަށް އަހަރުގެ ކުޑަކުއްޖަކު (އިބްރާހީމްގެފާނު) އެ އަލިފާންގަނޑަށް އެއްލާލައި 3 ދުވަސް ވަންދެން އެންދުމުން ވެސް އެކުއްޖާ އަށް އެއްވެސް އަނިޔާއެއް ނުވެ ﷲ ތަޢާލާ ސަލާމަތްކޮށްދެއްވެވި ދުޢާއެވެ. މިދުޢާގައި މިބުނެވެނީ ތިމަން އަޅާއަށް އިނބަ ﷲ ގެ ޙަޟްރަތުން ފުދެއެވެ. މިއަޅާގެ ހުރިހާ ކަމެއް އިނބަ ﷲ އަށް ވަކީލުކޮށްފީމެވެ.  

އެއިގެ އިތުރުން އަހަރެން ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދެންނެވީ ތިބާއަށް ތެދުމަގު ދެއްކެވުމަށެވެ. މީހަކު އަހަރެން މަރައިލުމަކީ އަހަރެން އެއްވެސް ވަރަކަށް ބިރުގަންނަ ކަމެއް ނޫނެވެ."  

ޖަވާބުގައި އެމީހާ ބުނީ "އިމާމް އަވަހަށް ގެއަށްދާށެވެ. ފަހުން ބައްދަލުކުރާނަމެވެ." 

އެރޭގެ ފަތިސް ނަމާދަށް ބަންގިގޮވަން ދާދި ގާތްވެފައި ވަނިކޮށް އެމީހާ މިސްކިތައް ވަދެގެން އަންނަތަން ފެނުނެވެ. އޭނާގެ މިޒާޖު އެނގޭތީ އެ އަންނަނީ ކަތިލަން ކަމަށް ހީކޮށް އޭނާގެ ދެ ކޮއްކޮ ދުވެ ފިލަން ވެސް އުޅުނެވެ. ނަމަވެސް އިމާމް ވިދާޅުވީ މަޑުން ތިބުމަށެވެ.  

ވަދެގެން އައި ގޮތަށް އައިސް އިމާމް ކައިރީގައި އިށީނދެފައި ބުންޏެވެ. "އިމާމްގެ ދުޢާއަކީ ސިހުރަށްވުރެ މާބާރުގަދަ އެއްޗެކެވެ. އިސްލާމްވާ ހިތުން ރޭ ނުވެސް ނިދުނެވެ. އިމާމް ކުރައްވާނެ އަމުރެއް ކުރައްވާށެވެ! ފުރިހަމައަށް ކިޔަމަންވާނަމެވެ."  

މީސްތަކުންނޭވެ! މިހިރީ ކަންތައްތައް މެދުވެރިވާ ގޮތެވެ. އެރޭގެ އިރާކޮޅު އޭނާ ހުރީ އިސްލާމް ދީން ދެކެ އަންނަ ރުޅީގައި އިމާމް ޤަތުލުކުރަން ވަޅި ހިފައިގެންނެވެ. ފަތިސްވީއިރު އެހުރީ ﷲ ތަޢާލާއަށް އީމާންވެގެން މިސްކިތުގައެވެ. ވީމާ މީހަކު އިސްލާމް ދީން ދެކެ ރުޅިއައިސްގެން އުޅުނު ނަމަވެސް ރިވެތި ގޮތުގައި ރައްދުދޭށެވެ. އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަހަރެމެން ތިބީ ﷲ ތަޢާލާގެ މަގުގައި ކަމަށްވާނަމަ ﷲ ތަޢާލާ އަހަރެމެންނަށް ކުރިމަތިވާ ހުރިހާ މުޞީބާތްތަކުންވެސް ސަލާމަތް ކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން