ޢަލީ އިޙްޞާން ފިރާޤް
ހިޖްރައިން 9 ނުވަތަ 10 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަހެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަޙާބީންނާއެކު މަސްޖިދުއް ނަބަވީގައި އިށީންދެވަޑައިގެން މަޖިލިސް ކުރައްވަން އިންނެވިއެވެ. އޭރު ޔަމަނުކަރައިގެ ވަފުދެއް އިސްލާމްވުމަށްޓަކައި މަދީނާއަށް އައިސް ވަންނަނީއެވެ. އެ ވަފުދުގައި 150 މީހުން އައެވެ. އެވަފުދުގެ ވެރިއަކީ އިސްކޮޅުންދިގު، ވަރަށް ރީތީ މީހެކެވެ. ޒުވާން އަސްވާރެކެވެ. ޔަމަނުގެ ޒުވާނާ އައިސް ދަބަހުން ވަރަށް ރީތި ޖުއްބާއެއް ނަގައި އެ ތުރުކުރައްވައިގެން މަސްޖިދުން ނަބަވީއަށް ވަރަށް ފާޑުވެރިކަމާއެކުގައި ވަޑައިގެންނެވިއެވެ.
އެ ޒުވާނާ މަސްޖިދުން ނަބަވީއަށް ވަދެވަޑައިގެންނެވިތަނުން މާތް ރަސޫލާ صلّى اللّـه عليه وسلّم ، ޞަޙާބީންނާ ކޮންމެވެސް ވާހަކައެއް ވިދާޅުވަނިކޮށް ދެކެވަޑައިގަތެވެ. އެ ޒުވާނާ ވަޑައިގެން މާތް ރަސޫލާ އަށް ސަލާމްދެންނެވުމަށްފަހު އިށީންދެވަޑައިގެންނެވިއެވެ. އޭރު މީސްތަކުން އެ ޒުވާނާއާ ދިމާއަށް ބަލަމުން ގެންދިޔައެވެ. މީސްތަކުން ތަކުރާރުކޮށް އެ ޒުވާނާއާ ދިމާއަށް ބަލަމުން ގެންދާން ފެށުމުން އޭނާ، ކައިރީގައިވާ ކޮންމެވެސް މީހަކަށް ވިދާޅުވިއެވެ. [އޭ މާތްﷲ ގެ އަޅާއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަހަރެންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ޙަދީޘް ކުރެއްވި ހެއްޔެވެ؟] އެމީހާ ބުންޏެވެ. [މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މީގެ އިރުކޮޅެއްގެ ތެރޭގައި ޔަމަނުގެ އެންމެ ރަނގަޅު މީހާ މި ދޮރުން ވަދެގެން ތިޔަބައިމީހުންގެ ގާތަށް އަންނާނެއެވެ. އޭނާގެ މޫނުމަތިން ރަސްކަމުން ނިޝާން ފެންނާނެއެވެ.] މި ބަސްތައް އަޑުއައްސަވައިފައި އެ ޒުވާނާ މާތް ﷲ އަށް ޙަމްދުކުރިއެވެ.
{އިބްނު ސަޢުދު، ޠަބަޤާތު، ވޮލިޔުމް 1، ޞަފްޙާ 26}
ރަސްކަމުގެ ޝާހީ އަލާމާތްތައް މޫނުމަތިން ފެންނަމުން ދިޔަ ޔަމަނުގެ އެންމެ މޮޅު އަދި ރީތި ޒުވާނާއަކީ ސައްޔިދުނާ ޖަރީރު ބިން ޢަބްދުﷲ ބަޖަލީ ރަޟިޔަﷲ ޢަންހުއެވެ.
ޖަރީރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހު އަކީ އިންތިހާއަށް ރީތި ބޭފުޅެކެވެ. އެހެންކަމުން އިސްލާމީ އުއްމަތުގެ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެކަލޭގެފާނަކީ [މުޙައްމަދުގެފާނުގެ އުއްމަތުގެ ޔޫސުފު] ކަމުގައެވެ.
{އިބްނު ޢަބްދިލްބައްރު، އިސްތިޢާބު، ވޮލިޔުމް 1، ޞަފްޙާ 309}
ޠާބިޢީ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބިން މުބާރަކު ވިދާޅުވެފައިވެއެވެ. [ތިމަން ޖަރީރު ބިން ޢަބްދުﷲ ގެ ރީތި މޫނުފުޅު ދުށީމެވެ. އެމޫނުފުޅު ހަނދެއް ފަދައިން ވިދަވިދާ ހުއްޓެވެ.]
{ތާރީޚް އިބްނު އަސާކިރު، ވޮލިޔުމް 72، ޞަފްޙާ 80}
ޖަރީރުގެފާނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ކަމޭހިއްތަވާ ހެޔޮފުޅުކޮށް ހިއްތެވިއެވެ. މާތް ރަސޫލާ އިންނަވާ މަޖިލިސަކަށް އެކަލޭގެފާނު ވަޑައިގެންފިނަމަ މާތް ރަސޫލާގެ ރިދާކޮޅު ފަތުރުއްވަވައި އެކަލޭގެފާނު އިށީންދެވަޑައިގެންނެވުމަށް ޖާގަދެއްވައެވެ. އެއްފަހަރަކު މާތް ރަސޫލާ މިދެންނެވި ފަދައިން ކަންތައް ކުރެއްވުމަށްފަހު ޞަޙާބީންނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. [ތިޔަބައިމީހުންގެ ގާތަށް ޤައުމެއްގެ މާތް މީހަކު އަތުވެއްޖެނަމަ އެމީހަކަށް ހެޔޮކޮށް ކަންތައްކުރާށެވެ.]
{ العراقي (ت ٨٠٦)، تخريج الإحياء ٢/٤٤٥ • إسناده جيد}
ذي الخلصة އޭކިޔުނުތަން ހަލާކުކުރެއްވުމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ފޮނުއްވީ ޖަރީރުގެފާނެވެ. އެތަނަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސްވަންހައިގެ މީހުން މާތްކޮށް ހިތާ އަޅުކަންކުރާތަނެކެވެ. ބުޚާރީގެ ރިވާޔަތުގައިވަނީ އެއީ އެބައިމީހުން އަޅުކަންކުރާ ބޮޑު ބުދެއް އެތަނުގައިވާ ކަމަށެވެ. ޖަރީރުގެފާނު ވަޑައިގެން މާތް ރަސޫލާގެ އަރިހުގައި، އެކަލޭގެފާނަށް ރަނގަޅަށް އަހަށް ސަވާރުވެވަޑައިގެން ނީންދެވޭކަމުގައި ވިދާޅުވިއެވެ. އެހިނދު މާތް ރަސޫލާ ދުޢާފުޅު ކުރައްވާ ވިދާޅުވިއެވެ." اللَّهُمَّ ثَبِّتْهُ وَاجْعَلْهُ هَادِيًا مَهْدِيًّا " [ހައްދަވާ ބޮޑުކުރައްވާ ރަސްކަލާކޯއެވެ. އޭނާއަށް ސާބިތުކަން ދެއްވާށިއެވެ. އޭނާއަކީ ތެދުމަގު ލިބިގެންވާ މީހެއްކަމުގައި ލައްވާށެވެ. އޭނާއަކީ ތެދުމަގު ދައްކާ ހާދީއެއްކަމުގައި ލައްވާށިއެވެ.]
{ البخاري (ت ٢٥٦)، صحيح البخاري ٣٠٣٥ • [صحيح}
ޖަރީރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ގޮތުގައި އޭގެ ފަހުން ދުވަހަކުވެސް އެކަލޭގެފާނު އަހަކުން ނުވެއްޓެއެވެ.
އަދިވެސް ޖަރީރުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އިސްލާމްމެވަޑައިގެންނެވުމަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ދުވަހަކުވެސް ތިމަންކަލޭގެފާނަށް އެކަލޭގެފާނުގެ ފައިންޕުޅު ދެއްކެވުން މަނާނުކުރައްވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ތިމަންކަލޭގެފާނާ ބައްދަލު ކުރައްވާނަމަ ބައްދަލުކުރައްވަނީ ހިނިތުންނެވަޑައިގެން ހުންނަވައެވެ.
{ مسلم (ت ٢٦١)، صحيح مسلم ٢٤٧٥ • [صحيح}
ޖަރީރު ބިން ޢަބްދުﷲ ބަޖަލީ ރަޟިޔަﷲ ޢަންހު އަކީ ޢިލްމުވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހުން 100 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އަށް ޙަދީޘްއަކާމެދު ބުޚާރީ އާއި މުސްލިމު އިއްތިފާޤުވެވަޑައިގެންފައިވެއެވެ. މީގެ އިތުރަށް ބުޚާރީގައި އެއް ޙަދީޘް އަދި މުސްލިމުގައި ހަ ޙަދީޘްވެއެވެ.
އެކަލޭގެފާނު އަވަހާރަވީ އަމީރު މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. ހިޖްރައިން 51 ވަނަ އަހަރު ނުވަތަ 54 ވަނަ އަހަރުގެ ތެރޭގައެވެ. قرقيسيا އޭ ކިޔުނު ރަށެއްގައެވެ.