ޢިބްރަތްތެރި ވާހަކަ: ލިބުނު މާމަދަރިފުޅާއިމެދު ޝައްކުކޮށް ޑީއެންއޭ ހެދީމާ މާމަގެ ކުށް ފަޅާއެރި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢިބްރަތްތެރި ވާހަކަ: ލިބުނު މާމަދަރިފުޅާއިމެދު ޝައްކުކޮށް ޑީއެންއޭ ހެދީމާ މާމަގެ ކުށް ފަޅާއެރި ޙާދިސާއެއްގެ ވާހަކަ-

އެއީ މާލޭގެ ތަނަވަސް ޢާއިލާއެކެވެ. ހުރީ އެންމެ ދަރިއެކެވެ. އެއީ ފިރިހެން ދަރިއެކެވެ. ބޮޑުވެ ކައިވެނިކުރިތަނުން ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅު ޢާއިލާގެ އެއްވެސް މީހަކާއި ވައްތަރެއް ނޫނެވެ. މިއީ ބައެއް ފަހަރަށް ދިމާމާވާކަމެއް ނަމަވެސް އެކަން މައިދައިތަ ނެގީ ވަރަށް ހޫނުކޮށެވެ. އެހެންވެ ޅީދަރިފުޅު ބޭރުން ގެނައި ކުއްޖެއްކަމަށް ބުނަންފެށިއެވެ.  

އަނބިމީހާ އެދުނީ ޑީއެންއޭ ޓެސްޓް ހެދުމަށެވެ. އެހެންވެ ޢާއިލާއިން ނިންމީ ބޭރަށްގޮސް ޓެސްޓްޖެދުމަށެވެ. މައިދައިތަ ނިންމައިގެންހުރީ ލިބުނު ދަރިފުޅުގެ އެކަނި ޓެސްޓް ހެދުމަށެވެ. ނަމަވެސް ޅީދަރިފުޅުގެ ހުޝިޔާރުކަމުން އެންމެންގެ ހުރިހާ ޓެސްތް ހެއްދުވިއެވެ.  

ނަތީޖާ ލިބުނުއިރު ލިބުނު ދަރިފުޅުވީ ފިރިމީހާގެ ދަރިއަކަށެވެ. އެކަމަކު ފިރިމީހާއަކީ އޭނާގެ  ބައްޕަގެ ދަރިއަކަށް ނުވިއެވެ. އެހިސާބުން ބޮޑު ހުޅުގަނޑެއް ރޯވެ އަނދައިގަތެވެ. ޙަޤީޤަތްހާމަވެ ބާޒާރުވިއެވެ. މަންމަ އާއި ބައްޕަގެ ކައިވެނިކުރެވުނީ މަންމަ ބަލިވެ އިނދެއެވެ. އެކަން މިއަދާއި ހަމައަށްވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ.  

ދަރިފުޅު ކަންބޮޑެއް ނުވެއެވެ. އެކަމަކު ވަރަށް ދެރަވިއެވެ. އަދި އުފާވެސް ވިއެވެ. ދެރަވީ އަޞްލު ބައްޕަ އޮޅިފައި އޮތުމުންނެވެ. އުފާވީ ޙަޤީޤަތް އެނގުމުންނެވެ. އެހިސާބުން ޢާއިލާއިން މަޝްވަރާކޮށްފައި އެއްބަސްވީ ޢާއިލާގެ ޢަބުރު ހިފެހެއްޓުމަށެވެ. އިތުރަށް އެވާހަކަ ނުދެއްކުމަށެވެ.  

އެއީ ބައްޕަކަމަށް ޤަބޫލުކޮށްގެން އުޅެވުނު ބައްޕަ އެކަން ޤަބޫލުކުރީ އިތުރަށް ހެދި ޓެސްޓްތަކުން އޭނާއަށް ދަރިއަކު ނުލިބޭނެކަން އެނގުމުންނެވެ. އިތުރު ކައިވެންޏެއް ކުރިނަމަވެސް ދަރިއަކު ނުލިބޭނެތީއެވެ. އެހެންވެ ދަރިއަކު ކަމަށް ޤަބޫލުކޮށްގެން ގެންގުޅެވުނު ދަރިފުޅަށް ދަރިއެއްގެ މަޤާމްދިނީއެވެ.

އަޅުގަނޑު ބުނެލަންބޭނުންވަނީ ދުނިޔެއަށް އެމީހުންގެ މައްސަލަ ސިއްރުކުރެވިއްޖެއެވެ. އެކަމަކު ޤިޔާމަތްދުވަހު ހަދާނީ ކިހިނަކުން ހެއްޔެވެ؟ ދަރިފުޅުގެ ނަޞްލާއި އަޞްލު އޮޅުވައިލި ކަންތަކުން ސަލާމަތްވެވޭނެ ހެއްޔެވެ؟ ވީމާ މިހުރީ ހާދަބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ.

އެބައްޕަގެ ރަނގަޅުކަމުން ހުރިހާ ކަމެއް ޤަބޫލުކޮށް އެދަރިފުޅު ބަލައިނުގަނެ ހުއްޓައި އެބައްޕަ ނިޔާވެ އޭނާގެ ތަނަވަސްކަން އެދަރިފުޅަށް ފުރޮޅިގެންދިއަނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ޤިޔާމަތް ދުވަހު އެމަންމައަށް ސަލާމަތްވެވޭނެ ގޮތަކީ ކޮބައިހެއްޔެވެ؟ ކުރި ފާފައަށް ތައުބާވުމުން ނިމުނީއެވެ. ނަމަވެސް މިފާހަގަކުރިގޮތަށް ކަންކަން މެދުވެރިވިނަމަ އެމުދަލުގެ ޙަޤީޤީ ވާރުތަވެރިންގެ މައްސަލަ ޙައްލުކުރެވޭނެ ހެއްޔެވެ؟  

އަހުރެންނަކީ ދީނީ ޢިލްމްވެރިއެއް ނޫނެވެ. އެހެންކަމާއިއެކުވެސް އަހުރެން މިބުނި ކަންކަމަކީ ކޮންމެ މުސްލިމަކަށްވެސް ރަނގަޅަށް އެނގޭނެ ކަންކަމެވެ. ވީމާ މިފަދަ ބޮޑެތި ފާފަތައް ކުރާމީހުން އިތުރަށް ވިސްނައިލުމަށް ވަރަށް ބޮޑަށް އެދެމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން