ތަނަވަސްކަން ނެތުމުން ދޭނެ އެއްޗެއް ނެތް މީހާ ފާފައެއް ނުކޮށްހުރުމަކީވެސް އަމިއްލަ ނަފުސަށް ކުރެވޭ ޞަދަޤާތެކެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 52ސ
ތަނަވަސްކަން ނެތުމުން ދޭނެ އެއްޗެއް ނެތް މީހާ ފާފައެއް ނުކޮށްހުރުމަކީވެސް އަމިއްލަ ނަފުސަށް ކުރެވޭ ޞަދަޤާތެކެވެ!: ޙަދީޘް

ދަތިޙާލުގައި އުޅެންޖެހޭތީ ޞަދަޤާތްކުރެވޭނެ ގޮތެއް ނެތްމީހާ ޞަދަޤާތްކުރާނީ ކިހިނަކުންތޯ؟ ގިނަބައަކު ސުވާލުކުރެއެވެ. އެސުވާލަށް ދޭންމިޖެހެނީ އެއްޖަވާބެކެވެ. އެޖަވާބަކީ މީހަކަށް ކަމެއްކޮށްލައި ދިނުމާ، ހިނިތުންވެލުމާ، ޟުޙާނަމާދުކުރުމާ، މިހެން ގޮސް ޞަދަޤާތުގެ ގޮތުގައި ކުރެވެންހުރި ހެޔޮ ޢަމަލުތައް ބައިވަރެވެ. އަދި ފާފައެއް ނުކޮށްހުރުމަކީވެސް އަމިއްލަ ނަފްސަށް ކުރެވޭ ޞަދަޤާތެކެވެ. ވީމާ ދޭނެ އެއްޗެއް އަތުގައި ނެތުމަކީ ޞަދަޤާތްކުރިކަމުގެ ޘަވާބު ހޯދަން އޮތް ފުރުޞަތު ބަންދުވުމެއް ނޫނެވެ.  

ގުޅުންހުރި ލިޔުމެއް-:   

ކީރިތި ރަސޫލާ ޞަލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.  

(عَلَى كُلِّ مُسْلِمٍ صَدَقَةٌ). قَالُوا: يَا رَسُولَ اللهِ، فَإِن لَّـمْ يَسْتَطِعْ أَوْ لَـمْ يَفْعَلْ؟ قَالَ: (يَعْتَمِلُ بِيَدَيْهِ فَيَأْكُلُ مِنْهُ وَيَتَصَدَّقُ). قَالُوْا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يُعِيْنُ ذَا الْـحَاجَةِ الْمَلْهُوْفَ)، قَالُوا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يَأْمُرُ بِالْـخَيْرِ). قَالُوْا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يُـمْسِكُ عَنِ الشَّرِّ، فَإِنَّـهَا لَهُ صَدَقَةٌ)[1]  

މާނައީ:"ކޮންމެ މުސްލިމެއްގެ މައްޗަށް ޞަދަޤާތެއް ވެއެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭނާ އެކަން ކުރުމަށް ނުކުޅެދުންތެރިވެ ނުވަތަ އެކަން ނުކޮށްފިނަމަ، ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އަމިއްލައަށް މަސައްކަތްކޮށް ލިބުނު އެއްޗެއް އޭނާ ކައި އަދި ޞަދަޤާތް ކުރާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އޭނާ އެކަން ވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ބޭނުންޖެހި އެކަމަށް އެދޭ މީހާއަށް އެހީތެރިވާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އެކަންވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ހެޔޮކަންތަކަށް އަމުރުކުރާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އެކަން ވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ނުބައި ކަންތައްތަކާ ދުރުހެލިވާށެވެ! ހަމަކަށަވަރުން އޭރުންވާނީ އޭނާގެ ނަފްސަށްވެވޭ ޞަދަޤާތަކަށެވެ!" 

ދުނިޔޭގަ ހޭދަކުރާ ދުވަސްތަކުގެ ފައިދާ ލިބިގަނެވޭނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެންނެވެ.  

- ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވާށެވެ!  

- ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވާށެވެ! ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެކަމެވެ.  

މާތް ﷲ ގެ ރަޙްމަތާއި ފުއްސެވުން ލިބެންއޮތީ މާތް ﷲ އަށް تَقْوَى ވެރިވެ، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަމުރުފުޅުތަކަށް ކިޔަމަން ވެގެންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ----- މާނައީ: "އޭ إِيـْمَان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން الله އަށް تَقْوَى ވެރިވާށެވެ! އަދި އެކަލާނގެ رَسُوْل އާއަށް إِيْـمَان ވާށެވެ! އޭރުން އެކަލާނގެ رَحْـمَةُ ން އެކަލާނގެ ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެކަލާނގެ ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. الله އީ، ގިނަގިނައިން ފާފަފުއްސަވާ، رَحِيْم ވަންތަ ރަސްކަލާނގެއެވެ."

 

- ޚުޠުބާއަކުން

މިއަދު އޮންލައިން