ﷲ ތަޢާލާ ކުޑަކުދިންނަށް ލޯބިވެވޮޑިގަންނަވާ
މިންވަރާއިމެދު ވިސްނައިލާށެވެ. ބާލިޣްނުވާ ޢުމުރުގައި ދުނިޔެޢާއި ވަކިވެގެންދާ ކުޑަކުދިންގެ ފުރާނަތައް މިހާރުވެސްވަނީ ސުވަރުގޭގައެވެ. ރަސޫލް ޞައްލަﷲ ޢލައިހިވަސައްލަމަ މިޢްރާޖްއަރާވަޑައިގެންނެވިރޭ އިބްރާހީމްގެފާނު ފެނިވަޑައިގަތީ މަރުވެފައިވާ ކުޑަކުދިންތަކާއިއެކުގައެވެ. ހަމައެކަނި މިކަންކަމަށް ވިސްނާ މީހަކުވެސް ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާނެއެވެ. އެކުދިންނަށް ދެރަވާނެ ކަމެއް ނުކުރާނެއެވެ.
ދަންނާށެވެ! ދަރިންނަށް ޚަރަދުނުކުރާނަމަ އެމީހަކާއިމެދު ﷲ ތަޢާލާ ފިޔަވަޅު އަޅުއްވަވާނެތެވެ. އެހެނީ ދަރިން ލިބިފައިވަނީ ދެމަފިރިންނަށް ނަމަވެސް ދަރިންނަކީ ދެމަފިރިންގެ އެކަނި ޙައްޤެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ އަޅުންނެވެ. ﷲ ތަޢާލާގެ އަޅުން، ޚާއްޞަކޮށް ދަރިން ނިކަމެތިކޮށްފިނަމަ އެމީހަކާއިމެދު ﷲ ތަޢާލާ ފިޔަވަޅުއަޅުއްވަވާނެކަން އެއީ ޔަޤީންކަމެކެވެ. އެމީހަކަށް ޖެހޭނީ އެކަމަށް ކުރިމަތިލާށެވެ!
ދަރިންނަށް ޚަރަދުނުކުރާ މީހުންނަށް ދުނިޔޭގައި އުފަލުގައި އުޅެވޭ ދުވަސްވަރު ތިމާއަށް މިހުރެވެނީ ސަލާމަތުންކަމަށް ހީވެސްނުކުރާށެވެ! އެމީހެއްގެ ކިބައިން ބަދަލު ހިއްޕަވާނެތެވެ. ނުއެނގެނީ އެކަން ކުރިމަތިވާނެ ވަޤުތާއި ދުވަހެވެ.
ފަހަރެއްގައި ޒުވާން ޢުމުރުގައި ދޫކޮށްލައްވަވާފައި ހުރެދާނެއެވެ. ޢުމުރުން ދުވަސްވުމުންވެސް މުޞީބާތްތައް ކުރިމަތިކުރައްވަވައިފާނެތެވެ. އަތްމަތިދަތިވުން، ބަލިޙާލުގައި އުޅެންޖެހުން ފަދަ އެތައް ގޮތަކުންނެވެ!
ދަންނާށެވެ! ކައިވެނި ރޫޅުނީ ކޮންމެ މީހެއްގެ ސަބަބުން ކަމުގައިވީނަމަވެސް ދެމަފިރިންކުރެ އެކަކުވެސް އަނެކާގެ ނުބައި ވާހަކަތައް ދައްކައިގެންނުވާނެއެވެ. އަނެކާ އިތުރު ކައިވެންޏެއް ކުރަންބޭނުންވެގެން އުޅޭތީ ކައިވެނިކުރެވޭ މީހާގެ ފަރާތުން ސުވާލުކޮށްފިނަމަ ޖެހުނު މައްސަލަތައް ބުނެދިނުން ހުއްދައެވެ. ނަމަވެސް މާދުރުވާހަކަތައް ދައްކައި ބޭކާރު ގޮތުގައި ވާހަކަތައް ގިނަނުކުރާށެވެ!
އަދި ކައިވެނި ރޫޅުނީ ކީއްވެގެންތޯ މީހަކު ސުވާލުކޮށްފިނަމަ "ދެމީހުންނަށް އެކުގައި ނުއުޅެވުނީ" ކަމަށްބުނެ ވާހަކަ ކުރުކޮށްލާށެވެ! އެހެނީ މައްސަލަތައް ޖެހުނީ ޝައިޠޯނާ އުފެއްދި ފިތުނައިގެ ސަބަބުންކަމަށްވުމަކީވެސް އެކަންވެދާނެ ގޮތެކެވެ.
ކައިވެނި ރޫޅުނަމަވެސް އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރާށެވެ! ވަރިކޮށް ޢިއްދަ ހަމަވުމުން ދެމީހުން ދުރުގައި ތިބިނަމަވެސް އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ! ނަމަނަމަ ބަދު ދުޢާ ނުކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން