ﷲ ތަޢާލާ އިރާދަކުރައްވަވައިފި އަޅަކަށް ޝިފާ
ދެއްވަވައެވެ. ޙައިރާންވާންޖެހޭ ފަދަ ގޮތްތައްވެސް މެދުވެރިވެފައި އެބަހުއްޓެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ކީރިތި ޤުރްއާނަކީ ޝިފާއެއް ކަމަށެވެ. އަހުރެމެންނަށް އޮތީ އެކަން ޤަބޫލުކުރުމެވެ.
ކީރިތި ޤުރްއާނަކީ ދުނިޔޭގައިވާ އެންމެ ބޮޑު މުޢްޖިޒާތެވެ! އެކަން އެނގި ޤަބޫލުކުރެވޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ. ﷲ ތަޢާލާ ދައްކަވާ މުޢްޖިޒާތްތަކަށް ވިސްނައި ޢިބްރަތް ޙާޞިލްކުރަން މަސައްކަތްކުރާ މީހަކަށެވެ.
ޔަޤީންކޮށްލައްވަން މިޙާދިސާ ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ
ކެންސަރު ބަލީގައި އިންޑޮނޭސިޔާގެ ހޮސްޕިޓަލެއްގައި އޮތް ބަލި މީހެއްގެ ފައި ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ބުރިކޮށްލަން ނިންމިއެވެ. ޑޮކްޓަރުން ބުނީ އޭނާގެ ފުރާނަ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ ފައިގެ ކަކުލުހުޅުގެ މަތިން ބުރިކޮށްލުން ކަމަށެވެ.
އެކަމާއި ދެރަވެ އެނދުމަތީގައި ރޯން އިންދައި މުސްލިމް ނަރުސް ކުއްޖަކު އައިސް ކީރިތި ޤްރުއާނަކީ ހުރިހާ ބަލިތަކަށް އޮތް ޝިފާއެއް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށްބުނެ ކީރިތި ޤްރްއާން ކިޔަވަން އޭނާއަށް ހިތްވަރު ދިނެވެ. އަދި އޭނާ ފެންވަރުވައި ނަރުސް ކުއްޖާގެ އަޑުދަށުން އޭނާ ލައްވައި ކީރިތި ޤްރްއާން ކިޔުއްވިއެވެ. އިޚްލާޞްތެރިކަމާއިއެކު އޭނާ ކީރިތި ޤްރްއާން ކިޔެވިއެވެ. އޭނާއަކީ މުސްލިމަކަށް ވެސް ނުވާ ޙާލުގައެވެ. އަދި މިކިޔެވެނީ ކޮން އެއްޗެއްކަން ނުވެސް އެނގޭ ހާލުގައެވެ.
އެއިގެ އެއް ހަފްތާ ފަހުން ޑޮކްޓަރުން އައިސް ޓެސްޓްތައް ހެދުމަށްފަހު ސުވާލުކުރީ އޭނާ ބޭނުންކުރި ބޭހާއިމެދުގައެވެ. އެއީ އޭނާގެ ބަލި ފަސޭހަވެފައިވާތީއެވެ. ކެންސަރު ބައްޔަކީ އެގޮތަށް ފަސޭހަވެގެންދާ ބައްޔަކަށް ނުވާތީއެވެ. އޭނާ ހޮސްޕިޓަލުން ނުކުމެ މިސްކިތަކަށް ގޮސް އިސްލާމްވިއެވެ.
މިއީ ޙައިރާން ވާންވީ ކަމެއް ނޫނެވެ. ކުއްތާއަކަށް ފެންދިން ކާފަރު އަންހެނަކު ސުވަރުގެ ވެސް ވެއްދެވި ނޫން ހެއްޔެވެ؟ މީހަކަށް ލައްވަވާނެ ރަޙްމަތަކީ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ! ބޭނުންވަނީ އިޚްލާޞްތެރިކަމެވެ.
މިއީ އޭނާ އިސްލާމްވި ސަބަބު ކަމަށް އޭނާ ހާމަކޮށްފައިވާ ގޮތެވެ.-
ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން