ޝައިޠޯނާ ފުރަތަމަ ދޭނީ ސީދާ ޙަމަލާއެއް ނޫނެވެ.
ޙަމަލާދޭނީ އޭތީގެ ދަލުގައި ރަނގަޅަށް ޖައްސުވައި ކަސްތޮޅު އަޅުވައިފައެވެ. އެހެން ގޮތަކަށް ބުނާނަމަ އަނދަވަޅަށް ވައްޓައިލާނީ އެންމެ ހީލަތްތެރި ގޮތުގައެވެ. އެކަމަށް ވިސްނައިވެސްނުލެވި ހުއްޓައެވެ.
އެހެންވެ ފާހަގަކޮށްމިލަނީ ގިނަ ބައަކަށްދޭ އެންމެ ބޮޑު ލަނޑެވެ. އެންމެ ބޮޑު ދެރައެވެ. އެއީ ހެޔޮލަފާ ބައިވެރިޔާއާއި އަދި ހެޔޮލަފާ އެކުވެރިންނާއި ދުރުކުރުވުމެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑުދެރައެވެ.
ވިސްނަންޖެހޭނެ ކަމަކީ އެއްވެސް ކަމެއްގައި ދެމީހެއްގެ ޚިޔާލު އެއްގޮތް ނުވުމަކީ މައްސަލައެއް ކަމަށް ނުހެދުމެވެ. ސަބަބަކީ ކޮންމެ މީހަކަށްވެސް ވިސްނޭ ގޮތް ތަފާތުވާނެތީއެވެ. ވީމާ ޚިޔާލު ތަފާތުވި ނަމަވެސް ހެޔޮލަފާ އެއްވެސް މީހަކާ ދުރުނުވާށެވެ! ރުޅި ނުވާށެވެ!
ރަނގަޅު ހެޔޮލަފާ މީހުންނާއި ރުޅިކުރުވަނީ ޝައިޠާނާއެވެ. ޝައިޠާނާގެ މަސައްކަތަށް އިޖާބަދީ ރަނގަޅު ހެޔޮލަފާ މީހަކާއި ރުޅިވާއިރަށް މާ ހެޔޮއެދޭ މިތުރެއްގެ ގޮތުގައި ޝައިޠާނަކު ދައްކާނެއެވެ. އެހިސާބުން ތިމާގެ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ. މިއީ ރަނގަޅަށް އުޅޭ ގިނަ ބައެއްގެ ދުނިޔެ އާ އާޚިރަތް ގެއްލިގެންދާ އެންމެ ބޮޑު އެއް ސަބަބެވެ.
ހަޔާތުގެ ބައިވެރިޔާއަކީވެސް ހެޔޮލަފާ މީހަކު ކަމުގައިވަނީ ނަމަ ޚިޔާލު ތަފާތު ނަމަވެސް އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! އެމީހަކީ ތަޤްވާވެރއެއް ނަމަ އެމީހާގެ ސަބަބުން ތިބާގެ ޢާޚިރަތަށް ކުރާނީ ފައިދާއެވެ. ހަޤީޤަތުގައި އެންމެ ކާމިޔާބު މީހުންނަކީ ޚިޔާލު ތަފާތު މީހުންނާއިއެކު އުޅުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންނެވެ.
ނަމަވެސް ޚިޔާލުތަފާތުވުން މައްސަލައަކަށްހަދައި ވަކިވެ ޝައިޠާނަކާއި ގުޅެވިއްޖެނަމަ ތިބާގެ އާޚިރަތް ގެއްލިގެން ދިއައީއެވެ. އެހިސާބުން ހުރިހާ ކަމެއް ގެއްލިގެން ދިއައީއެވެ. ދާދި އަވަހަށް ތިބާއަކީ ދުނިޔެއާއި އާޚިރަތް ގެއްލިގެންދާ މީހަކަށްވެވުން އޮންނަނީ ދާދި ގާތުގައެވެ. ވީމާ އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައެވެ.
ޚިޔާލު ކިތަންމެ ތަފާތު ނަމަވެސް ހެޔޮލަފާ ތަޤްވާވެރިއަކާއިއެކު ދުނިޔޭގައި އުޅޭނަމަ ތިބާއަށް ރަނގަޅު މަގު ދައްކައިދޭނެއެވެ. ހަމައެކަނި ޙަޔާތުގެ ބައިވެރިއަކަށްވެސް ނޫނެވެ. އެކުވެރިންގެ ގޮތުގައި ގެންގޫޅޭ މީހުންނާއިމެދު ހަމަ މި ވިސްނުމުން ވިސްނަންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން