އެންމެ ބޮޑަށް ބިރުގަންނަންޖެހޭ ކަންތަކުގެ އަޑުއިވުމުން ބިރުނުގަނެ އާޚިރަތް ލިބިގަނެވޭނެކަމަށް ހީވެސްނުކުރާތި! އެކަންވާނީ ކުރެވޭ މޮޔަކަމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
އެންމެ ބޮޑަށް ބިރުގަންނަންޖެހޭ ކަންތަކުގެ އަޑުއިވުމުން ބިރުނުގަނެ އާޚިރަތް ލިބިގަނެވޭނެކަމަށް ހީވެސްނުކުރާތި! އެކަންވާނީ ކުރެވޭ މޮޔަކަމަކަށް!

ފުރަތަމަވެސް ބަލައިލަންވީ ހިތަށެވެ! ހިތަށް ބިރުވެރިކަން ލިބެނީ އެކަމަށް ﷲ ތަޢާލާ މިންވަރުކުރައްވަވައި ބިރުގަންނަންވީ ކަންކަމަށް ބިރުގަތުމުގެ ބާރު ﷲ ތަޢާލާ ހިތަށް ދެއްވަވާފައިވާތީއެވެ. އެމަނިތިވެރި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައެވެ.  

ކޮންމެވެސްތަނަކުން ކޮންމެވެސް ކަމެއް ފެނުނު ކަމަށް މީހަކު ބުނެފިނަމަ އެކަމަށް އެބަ ބިރުގަންނަމުއެވެ. މިވެނި އަޑެއް އިވުނު ކަމަށް ބުނެފި ނަމަ އެބަ ބިރުގަންނަމުއެވެ. އެ ސަރަހައްދަކާއި ކައިރިވެސް ނުވާން މަސައްކަތްކުރަމުއެވެ.  

ނަމަވެސް ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަނީ މިވެނި ކަމެއް ޙަރާމް ކުރައްވަވާފައި ކަމަށް، ނުވަތަ މިވެނި ކަންތައްތަކެއް ނުކުރުމަށް އަންގަވާފައި ކަމަށް ބުނުމަކުން އެ ފަދަ ބިރުވަރެއް ކަމެއް އިޙްޞާޞެއް ނުކުރެވެއެވެ. އަދި ކީއްހެއްޔެވެ؟ މިވެނި ކަންތައްތަކެއް ކުރާ މީހާއަށް ދާންޖެހޭނީ ނަރަކައަށް ކަމަށް އަންގަވާފައިވާ ކަމަށް ބުނުމަކުން ވެސް ބިރެއް ނުގަނެއެވެ. އެކަންކަން ބަޔާންކުރާ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ އަޑުއިވުމަކުން ބިރެއް ނުގަނެއެވެ.  

މިއީ ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ބިރު ނުގަނެ އަހަރެމެންނަށް އެއްވެސް ސަލާމަތްކަމެއް ނެތެވެ. މިއަދު އަހަރެމެންނަށް ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރުމުން ﷲ ތަޢާލާ އަހަރެމެން ސަލާމަތްކޮށް ދެއްވަވާނެތެވެ. ނަމަވެސް އާޚިރަތް ދުވަހު އަހަރެމެން ފޭލްވެއްޖެ ނަމަ އަހަރެމެންގެ ޢާދޭސް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. ދާންޖެހޭނީ ނަރަކައަށެވެ. އާޚިރަތް ދުވަހު ފޭލްނުވެ ސަލާމަތް ވެވޭނީ ކީރިތި ޤްރްއާނަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތަށް ޢަމަލުކޮށްގެންނެވެ.  

މިލިޔުމަށް ރަނގަޅަށް ވިސްނަވާށެވެ!  

އެމީހެއްގެ ކަންފަތަށް ބިރުވެރި އަޑެއް އިވުމުން ކޮންމެ މީހަކުވެސް ބިރުގަނެއެވެ. ތެޅި ފޮޅެއެވެ. އަޑު އަންނަ ދިމާ ބަލައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައި ސަލާމަތްވާން ވެސް މަސައްކަތްކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބާވައިލައްވަވާފައިވާ ނަރަކައިގެ ބިރުވެރިކަމާއި ގަދަފަދަ އަޒާބުގެ ވާހަކަ ހަމަ އެކަންފަތްތަކަށް އަޑުއިވުމުން ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ކައްވަޅުގެ އަޒާބުގެ ވާހަކަތައް އަޑު އިވުމުން ބުރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟  

މީސްތަކުންނޭވެ! ބިރުގަންނަންވީ މިއަދު ކުރިމަތިވެދާނެ މުޞީބާތަކަށް ނޫނެވެ. ޖިންނި ފުރޭތައަކަށްވެސް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. މިނިކާވަގާއި ސިންގާއިންނަށް ވެސް ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. މާތްﷲ އެކަމެއް އެގޮތަށް ހިނގަން މިންވަރު ކުރައްވަވާފައިވާނަމަ މެނުވީއެވެ.  

މާތްﷲ ކަމަކަށް މިންވަރު ކުރައްވަވާފައިވާނަމަ އެކަމެއް ހުއްޓުވޭނެ ހަމަ އެއްވެސް މަގެއް ނިކަން ހޯދަބަލާށެވެ! ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތް ކުރިނަމަވެސް އެކަމެއް ނުކުރެވޭނެއެވެ.

އެކަން ކަނޑައެޅިގެން އެނގޭއިރުވެސް ކީރިތި ޤްރްއާނުގެ އާޔަތްތައް އަޑުއިވުމުން ބިރުގަންނަނީ މަދުބައެކެވެ. އަޑުއަހަނީ މަދުބައެކެވެ. ދީނީ ދަރުސެއްގެ އަޑު އިވުނު ނަމަވެސް ގިނަ ބައަކު މަސައްކަތްކުރަނީ އެތަނަކަށް ނުގޮސް ފަރުޖެއްސޭތޯއެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލު ނުކުރުމުން ދެއްވަވާނެ ޢަޒާބުގެ ވާހަކަ އަޑުއަހަން ބޭނުންވަނީ ވަރަށް މަދު ބައެކެވެ.  

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންތައްތައް ކުރަމުން ދަނިކޮށް ޖިންނިއެއް އައިސް ކަމެއް ކުރިއްޔާ އޮތީ ކޮން ބިރެއް ހެއްޔެވެ؟ ސިންގާއެއް ހަމަލަދީ މަރައިލިއްޔާ ވާނީ ކީއްހެއްޔެވެ؟ ހަމަ ޔަޤީނުންވެސް މަރުވާނީ އެމީހަކު ދުނިޔެއަށް ލާން ކަނޑައަޅުއްވަވާފައިވާ ނޭވާގެ ޢަދަދު ހަމަވުމުންނެވެ. މަރުވުމުގެ ވަގުތު ޖެހުމުން މަރުވާނެކަން އެބަ އެނގެއެވެ.  

މަރުވާ ވަގުތުން ފެށިގެން ތިބާވާނީ ﷲ ތަޢާލާގެ މަތިވެރި ނިޢުމަތުގައި ނޫން ހެއްޔެވެ؟  

ދެން އޮތީ ތިބާ އެހެން ހުރިހާ ކަންކަމަށް ބިރުން އުޅެނިކޮށް މަރުވުމެވެ. މިބުނަނީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކަށް ބިރުން އުޅެނިކޮށް މަރުވާ ވާހަކައެވެ. މަރުވާ ވަގުތުން ފެށިގެން ކުރިމަތިލާންޖެހޭނީ މާބޮޑު ބިރުވެރިކަމާ ނޫންހެއްޔެވެ؟ ދުނިޔަވީ ބިރުވެރިކަމުން ސަލާމަތްވެވޭނެއެވެ. މަރުވުމަށްފަހު ބިރުވެރިކަމާއި ކުރިމަތިލާން ޖެހިއްޖެނަމަ އެކަމުން ސަލާމަތް ވެވޭނެ ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަގުތު އޮއްވައި މިކަންކަމަށް ވިސްނާށެވެ! ކީރިތި ޤްރްއާނަށް ބިރުވެތިވާށެވެ! ކީރިތި ޤްރްއާނުގައިވާ މަގުން އަމަލުތައް ބަހައްޓަން ފަށާށެވެ. ހަޤީޤީ ބިރުވެރިކަމުން ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން