އަހުރެމެންގެ މުޖުތަމަޢުގައި ކައިވެންޏާއި ވަރީގެ މައްސަލަތައް މިހައި ލުއިކޮށް އޮތްނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެކަން މުޅިން ތަފާތެވެ. މިޘާލަކަށް އަނބިމީހާއަށް ކުށެއްކުރެވިގެން ވަރިކުރަން ކޯޓަށް ދިއުމުން ކުށްކުރެވެންޖެހުނު ސަބަބު މައްސަލައެއްގެ ގޮތުގަ އެބަ ބަލައެވެ. އެކަމުގައި ފިރިމީހާގެ ކުށެއްވާނަމަ އެކުށަށް އެބަ އަދަބުވެސްދެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގައިވެސް އެގޮތަށް އެބަ ޢަމަލުކުރެއެވެ. އެޙާލަތުގައި އަދަބެއްގެ ގޮތުން ނުވަތަ ބަދަލުގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ އަނބިމީހާއަށް ދޭން އެބަ ޖައްސުވައެވެ.
ލޮބުވެތި އެކުވެރިންނޭވެ! އަނބިމީހާއަށް ދޭންޖެހޭ ވަޤުތު ނުދޭނެނަމަ، އަޅައިނުލާނެނަމަ، އޭނާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދޭނެނަމަ ކައިވެނިކުރީ ކީއްކުރަން ހެއްޔެވެ؟ ކައިވެނިކުރަނީ އެހުރިހާ ކަންކަން ކޮށްދޭނެ ކަމަށް އެއްބަސްވެފައި ނޫންހެއްޔެވެ؟ އެކަންކަން ކޮށްދިނުމަށް ކައިވެނީގެ ޚިޠުބާގައި ޝަރުޠު ނުކުރޭ ހެއްޔެވެ؟
އަހުރެން މިވާހަކަ މިދައްކަނީ އަންހެނުންނަށް މޮޅުކުރާކަށް ނޫނެވެ. ފިރިހެނުންނަށް ރަނގަޅަކަށެވެ. މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ޤިޔާމަތްދުވަހުވެސް އެކަމަށް ކުރިމަތިލާންޖެހޭނެތީ އެކަމުން ފިރިހެނުން ސަލާމަތްކުރެވޭތޯއެވެ.
ކައިވެނީގެ ހަނީމޫން ނިމޭއިރަށް ޢުޛުރުތައް ދައްކައި ރޭގަނޑު ދަންވާފަހުން ގެއަށްދާން ފެށުމަކީ އަނބިމީހާއަށް ކުރެވޭ އެންމެ ބޮޑުއަނިޔާއެވެ. އެއީ އަހުރެމެންގެ ދީނުގައި ކަންކަން ކުރަން އޮތްގޮތެއް ނޫނެވެ. މައިންބަފައިންގެ ޙައްޤުތަކަށްފަހު އެންމެ މުހިންމުކަމަކީ އަނބިދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމެވެ.
ރަނގަޅަށް ތަރުތީބުކޮށްލަމާ ހިނގާށެވެ! ﷲ ތަޢާލާގެ ޙައްޤުތަކަށްފަހު އެންމެ މުހިންމީ މައިންބަފައިންގެ ޙައްޤުތަކެވެ. އެއަށްފަހު އަނބިދަރިންގެ ޙައްޤުތަކެވެ. މިއީ ބަދަލުގެނެވެންހުރި ކަންކަމެއް ނޫނެވެ.
އެކަމުގައިވެސް ވިސްނަން އޮތްކަމަކީ މައިންބަފައިންނާއިއެކުވެސް މުހިންމު ކަމެއް ޖެހިގެން ނޫނީ ރޭގަނޑު އަނބިމީހާ އެކަނިކޮށްފައި ވަޤުތުހޭދަކުރުމެއް ނެތެވެ. އޮތީ ކޮށްދޭންޖެހޭ ކަމެއް ކޮށްދީފައި އަވަހަށް އަނބިމީހާގެ ގާތަށް ގެއަށް ދިއުމެވެ. އެހެންކަމަށްވާއިރު ރޭގަނޑު އަނބިމީހާ އެކަނިކޮށްފައި އެކުވެރިންނާއިއެކު ވަޤުތުހޭދަކުރަން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟
ވީމާ ކައިވެނިކުރުމަށްފަހު ދެމަފިރިންވެސް އަނެކާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ގެންދާށެވެ. އެއިރުން ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އުފާވެރިކަން ދެއްވަވާނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން