އަޅުގަނޑުމެން ދެމަފިރިން ކާނެ އެތިކޮޅު ގެއަށްވައްދައިދިނީމާ މަންމައާބައްޕައަށްް ހެޔޮކޮށްހިތިކަމަށްވާނެތޯ؟ ބައެއް ދަރިން ލޮލަށްވެސް ނުފެނި މަސްދެމަސްވެސްވޭ!
މިފަދަ ސުވާލުތައް މައިންބަފައިންގެ ފަރާތުން ކުރެވޭކަން އެއީ ވަރަށް ދެރަވަރު ކަމެކެވެ. ދުނިޔެއާއި އާޚިރަތްވެސް އެމީހަކަށް ގެއްލިދާނެ ކަމަކަށްވާތީ އެދެނީ ތިރީގައިވާ ދަރުސް ވިދާޅުވެލެއްވުމެވެ.
بســم اللّـه الرّحمـن الرّحيــم
سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ. رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي يفقهوا قولي. اللهم لا سهل إلا ما جعلته سهلاً، فإنك تجعل الحزن إذا شئت سهلا
މައިންބަފައިންނަށް ކިޔަމަންތެރިވުމަށް އަމުރުކުރައްވާ، އެކަން ވާޖިބުކުރެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަން. މައިންބަފައިންނަށް ކިޔަމަންތެރިވާނެ ގޮތް އެންމެ ފުރިހަމަގޮތުގައި ތަމްސީލުކޮށްދެއްވި މާތް ނަބިއްޔާ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި ތިޔަ އެންމެހައި ޙާޟިރީންނާއި އަޅުގަނޑުގެ ނަފްސު އަދި އެންމެހައި އަޞްޙާބުބޭކަލުންނާއި އެންމެހައި ޞާލިހު އަޅުތަކުން ޝާމިލުކުރަން. ޢިއްޒަތްތެރި ޙާޟިރީން. އައްސަލާމަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
އާދެ ޝައްކެއްނެތް މައިންބަފައިންނަށް އަޅާލުމަކީ ނުވަތަ މައިންބަފައިންނަށް އިޙްސާންތެރިވުމަކީ، ހެޔޮކޮށް ހިތުމަކީ އެންމެ ބޮޑެތި އެންމެ މަތިވެރި އަޚްލާޤީ ސިފަތަކުގެ ތެރެއިން ސިފައެއް. ހަމައެހެންމެ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވުމަށް އަދާކުރެވޭ ކަންތައްތަކުގެ ތެރެއިން މަތިވެރި ކަމެއްމެ. ކަން މިހެން ހުރުމާއެކު އިސްލާމްދީނުގައި ވަރަށް ބޮޑަށް ސަމާލުކަންދެއްވާ ވަރަށް ބޮޑަށް މުހިންމުކަން ދެއްވާފައިވާ ކަމެއް. ކީރިތި ޤުރްއާނުގައާއި އިތުރު އެކަލޭގެފާނުގެ ސުންނަތުގައި، މައިންބަފައިންނަށް ކިޔަމަންތެރިވުމަށް އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ.
ސަބަބަކީ ޢިއްޒަތްތެރި އަޚުން. ކޮންމެ ބަދަހި މުޖުތަމައެއް، ކޮންމެ ހެޔޮ މުޖުތަމަޢެއް ބިނާވެގެންވަނީ އާއިލާގެ ގުޅުން ހަރުދަނާވުމުގެ މައްޗަށް. އާއިލަގެ ގުޅުން ހަރުދަނާވި ވަރަކުން އެމުޖުތަމަޢަކީ ބަދަހި ރަނގަޅު މުޖުތަމަޢަކަށް ވެގެންދާނީ. އާއިލާއެއްގެ ބިންގާ އެންމެ ފުރަތަމަ ފެށިގެންދަނީ މަންމައަކާއި ބައްޕައެއްގެ ފަރާތުން. އަހަރެމެން އެންމެން ދުނިޔެއަށް ވުޖޫދުވެގެން އައުމުގެ ސަބަބަކީވެސް މާތް ﷲ މެދުވެރިކުރެއްވި އަހަރެމެންގެ މައިންބަފައިން.
އެހެންވީމާ އެބައިމީހުންނަށް ހެޔޮކޮށްހިތާ ރަނގަޅަށް ކަންކަން ކުރުމަކީ ހަމަގައިމުވެސް އިންސާނީ ހައިސިއްޔަތުންވެސް އަޚުލާޤީ ހައިސިއްޔަތުންވެސް ވާޖިބުވާނެ ކަމެއްކަން ކަށަވަރު. އެބައިމީހުން އަހަރެމެނަށްޓަކައި ހުރިހާ ޚިދުމަތެއް ކޮށްދެއްވީ އަހަރެމެންގެ އަތްފައިނުހެލޭ ގޮތުގައި . އަހަރެމެންނަށް އެއްވެސް ކަމެއް އަހަރެމެންގެ އަމިއްލަޔަށް ނުކުރެވޭ ހިނދުގަ.
އަހަރެމެންގެ ތެރެއިން ގޯސްމީހުން އެބައިމީހުން ދޫކޮށްލަނީ އެބައިމީހުންނަށް އަހަރެމެންގެ ޚިދުމަތް އެންމެ ބޮޑަށް ބޭނުންޖެހިފައިވާނެ ވަގުތުގައި. އެހެންވީމާ އަހަރެމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ އަހަރެމެންނަށްޓަކައި، އަހަރެމެންގެ އެންމެ ނިކަމެތި ވަގުތުގައި އަޅާލި މީހުންނަށް އެބައިމީހުންނަށްޓަކައި ހެޔޮކޮށްހިތައި އަބަދުވެސް ދުޢާކުރަންވާނެ ހެޔޮކޮށްހިތަންވާނެ، ހެޔޮކަންތައް ކޮށްދޭންވާނެ.
އާދެ ކޮންމެއަކަސް މީ ހަނދާންކޮށްދިނުމުގެ ތެރެއިން ދެއްކޭ ވާހަކަކޮޅެއް ކަމުގައިވާތީވެ، ހަމައެއާއެކުގަ މި ކޮންމެ އެއްޗަކީވެސް وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ ހަނދާންކޮށްދޭށޭ. ހަނދާންކޮށްދިނުމަކީ، مؤمن ންނަށް މަންފާކުރާނޭ ކަމެކޭ އޮންނަ ބަސްފުޅަށް ޢަމަލުކުރުމެއް ކަމުގައި ވެގެންދާނެ.
އާދެ ކީރިތި ޤުރްއާނުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންގެ ޙައްޤު ވަރަށް މަތިވެރިކަން ބަޔާންކުށްދެއްވި. ނިކަން އަޑުއައްސަވަމާ ހިންގަވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި މަތިވެރި ކަލާމްފުޅަށް. އެއާ މެދުގަ ވިސްނާ ފިކުރުކުރަމާ ހިނގާ.
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ ﷲ ފައިޞަލާ ކުރައްވަނީ. އާދައިގެ ކަމެއްގެ ގޮތުގައެއްނޫން އަންނަނީކީއެއް. ސުންނަތެއްގެ ގޮތުގައެއް ނޫން. އިޙްސާންތެރިވުމުގެ އާދައިގެ ކަމެއްގެ ގޮތުގައެއްނޫން އަންނަނީ. ފަރުޟެއްކުރައްވައިފިޔޭ އެކަލާނގެ ފައިޞަލާކުރައްވާ ނިންމަވައިފިޔޭ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ އެކަލާނގެ ފިޔަވައި އެހެންފަރާތަކަށް އަޅުކަން ނުކުރުމަށާއި އެހެންފަރާތަކަށް ކިޔަމަންތެރިކަން އަދާނުކުރުމަށް. އެކަލާނގެއަށޭ އަޅުކަން ޚާލިޞްކުރަންޖެހޭނީ އަމުރުކުރެއްވުމަށްފަހުގަ އެކަލާނގެ މި ގެންނެވީ وَبِالْوَالِدَيْنِ إِحْسَانًا މައިންބަފައިންނަށް އިޙްސާންތެރިވުމަށް.
މީގަ އިއްޒަތްތެރި އަޚުން ޕޮއިންޓަކީ މީ ހަޤީގަތުގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ މަތިވެރި ޙައްޤެއް އަހަރެމެން އަދާކުރަންޖެހޭ . އަހަރެމެން ހެއްދެވުމުގެ މަޤުޞަދެއް އެއީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުން، އެކަލާނގެއަށް އަޅުކަންކުރުން. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމޭ. އިންސީންނައި ޖިންނީންވެސް ހެއްދެވީ ހަމައެކަނި ތިމަން ﷲ އަށް އަޅުކަން ކުރުމަށްޓަކައޭ. އެހެންވީމާ އެ މަތިވެރި ޙައްޤު އެކަލާނގެއަށް ޚާއްޞަވެގެންވާކަން ބަޔާންކުރެއްވުމާއެކުގަ އެކަލަނގެ މި ވަޙީކުރެއްވީ وَبِالْوَالِدَيْنِ إِحْسَانًا މައިންބަފައިންނަށް އިޙްސާންތެރިވުމޭ. ދެން ވަޙީ މިކުރައްވަނީ އެއަށްފަހުގަ އިންސާނާގެ މައިންބަފައިން އެމީހުން ގާތުގަ ދިމާވާނެ ހާލަތަކަށް إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ މީގެތެރއިން އެކަކު ނުވަތަ ދެމީހުންވެސް އުމުރުން ބޮޑުވެގެން ދުވަސްވެގެން އެމީހުންނަށް ކަމެއް ނުކުރެވޭ ހިސާބަށް ހިނގައްޖެއްޔާ فَلَا تَقُل لَّهُمَا أُفٍّ ނުރުހިގެން މިފަދަ ބަހެއްވެސް ނުބުނާށޭ. ނުބުނާށެ މިފަދަ ބަހެއްވެސް وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا އެބައިމީހުން ނިކަމެތިކޮށްނުލާށޭ. ދެރަނުކޮށްލާށޭ، އަޅާނުލާ ދޫކޮށްނުލާށޭ އެބައިމީހުންނަށް އިޙްތިރާމުކުރާށޭ، ރަނގަޅު ގޮތުގައި މުޢާމަލާތްކުރާށޭ، ރީތި ބަސް އެމީހުނަށް ބުނާށޭ، މަޑުމައިތިރި ކަމާއެކު ވާހަކަދައްކާށޭ.
އެހެންވެ ބަޔާންކުރުމުގެ ރީތި ޞީޣާ ނޫންނަމަ ބަޔާންކުރުމުގެ އެންމެ މަތިވެރި ގޮތް ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ ރަޙްމަތާ އޯގާތެރިކަމުގެ ސަބަބުން ނިކަމެތކަމުގެ ފިޔަގަނޑު ތިބާ އެބައިމީހުނަށްޓަކައި ތިރިކޮށްލާށޭ. މާނައަކީ ރީތިބަސް ، ތިމާ ނުރުހި ހުރިކަމުގައިވިޔަސް ތިމާ އަވަދި ނެތި އުޅުނު ކަމުގައިވިޔަސް ތިމާޔަށް އެހެން ހުރިހާ ކަމެއް ދޫކޮށްފަވިޔަސް އމީހުންނަށްޓަކައި ހެޔޮބަސް ބުނަން މިކަން ހަނދާންކުރާށޭ. މީ އެހެންވީމާ ވަރަށް މުހިންމު ކަމެއް ބަޔާންވެގެން އެދިޔެއް. ދެން އެކަލާނގެ ވަޙީކުރައްވަނީ ހުރިހާ ހާލަތެއްގައިވެސް އަހަރެމެންގެ ދުޢާއަކަށް ވާންވާނޭ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ތިމަންނަގެ ތުއްތު އިރުގަ ތިމަންނަ ކުޑައިރުގަ ތިމަންނަ ބަލާބޮޑުކުރި ފަދައިން ތިމަންނަ ރައްކާތެރިކުރި ފަދައިން ، އެދެމީހުންގެ ނިދި މަޙްރޫމުކޮށްފަ އެމީހުންގެ ގައިގެ ވޭނާއި ތަދު މި ހުރިހާ ކަމެއްވެސް ބަރުދާސްތުކޮށްފަ އަހަރެމެން ބެލިފަދައިން އެބައިމީހުންނަށްޓަކައި ހެޔޮ ރަނގަޅު ރަޙްމަތް ލެއްވުމަށް އެދި ދުޢާކުރަންވާނޭ.
- ޝައިޚް ޢަލީ ރިޒާގެ ދަރުސަކުން