ޢަލީ އިޙްޞާން
ފިރާޤް
ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހު ގެ ފުރިހަމަ ނަންފުޅަކީ، ޘާބިތު ބިން ޤައިސް ބިން ޝަމާސް އެވެ. މަންމާފުޅުގެ ނަންފުޅަކީ، ހިންދު އައްޠާއިއްޔާ އެވެ. އެކަލޭގެފާނަކީ އަންޞާރިއްޔަ ޞަޙާބީއެކެވެ. އެކަލޭގެފާނު ނިސްބަތްވަނީ، މަދީނާގެ ޤަދަރުހުރި ވަންހައެއްކަމުގައިވާ ޚަޒުރަޖު ވަންހައަށެވެ.
އެބައިމީހުންގެ ތެރޭގައި އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ خطيب الأنصار ގެ މަތިވެރި ލަޤަބުފުޅުންނެވެ. އެއީ، އެކަލޭގެފާނުގެ ދޫފުޅު ފަސޭހަކަމާއި، ބަސްފުޅުގެ ސީދާކަމުގެ ސަބަބުންނެވެ. ފަޞާހާތްތެރިކަމާއި ބަލާޣާތްތެރިކަމުންގެ ސަބަބުންމެއެވެ.
އަގަބާގެ ދެވަނަ ބައިއަތު ހިއްޕެވުމަށްފަހު މަދީނާގެ އަންޞާރު ބޭކަލުންގެ އެދިލެއްވުމުގެ މަތީން އެބައިމީހުންނަށް އިސްލާމްދީން އުގައްނަވައިދެއްވައި ކީރިތި ޤުރުއާން ކިޔަވައިދެއްވަން ބޭކަލަކު ފޮނުއްވިއެވެ. އެބޭކަލަކީ މުސްލިމުންގެ ފުރަތަމަ އެންބެސަޑަރު މުސްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނު ވަޑައިގެން މަދީނާގެ މީސްތަކުންނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމްދީން ޤަބޫލުކުރެއްވިއެވެ. އޭގެ ތެރެއިން ބާއްޖަވެރި އެއް ބޭކަލަކީ ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހު އެވެ.
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު صلّى اللّـه عليه وسلّم ގެ އަރިހުގައި ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހު ވަރަށް ގިނަ ހަނގުރާމަތަކާއި މައުރިކާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިމާމު ޛަހަބީ، ސިޔަރު އަޢުލާމު އައްނުބަލާގައި ވިދާޅުވެފައިވެއެވެ. ހިޖުރައިން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައިގައާއި ހިޖުރައިން ތިންވަނަ އަހަރު ކުރެވުނު އުޙުދު ހަނގުރާމައިގައި ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހު ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ بيعة الرضوان ގައިވެސް އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ހިޖުރައިން ނުވަވަނަ އަހަރު އައި ވަފުދުތަކުގެ ތެރޭގައި ބަނޫޙުނައިފަތު ވަންހައިގެ ވަފުދު ވެސް ހިމެނެއެވެ. އެބައިމީހުންގެ ވެރިއަކަށް އައީ މުސައިލަމަތުލް ކައްޒާބެވެ. އެބައިމީހުން މީނާ ގެނައީ ކީމައަކަށްލައިގެންނެވެ. އެއީ އޭނާގެ ޤަދަރުވެރިކަމަށްޓަކައެވެ. މީނާ އައީ އިތުރު ސާހިބާގެ އަރިހަށް އެކަލޭގެފާނުގެ ނަބީކަމުގައި އޭނާ ބައިވެރިކޮށް ދެއްވުމަށް އެދިގެންނެވެ. އޭނާ މަދީނާއަށް އައިސް ބުންޏެވެ.
[މުޙައްމަދުގެފާނުގެ ނަބީކަމުގައި ތިމަންނަ ބައިވެރިކޮށްފިނަމަ އަހަރެން އެކަލޭގެފާނަށް ތަބާވާނަމެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް މި ޚަބަރު ލިބިވަޑައިގެން އޭނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ވަޑައިގެންނެވީ ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހުއާ އެކުގައެވެ. އަތްޕުޅުގައި ކަދުރުރުކުގެ އޮށިގަނޑެއް އޮތެވެ. ވަޑައިގެން މުސައިލަމަތުލްކައްޒާބު އާ އޭނާގެ މީސްތަކުންނާ ބައްދަލުކުރައްވައި ޙަދީޘް ކުރެއްވިއެވެ.
[ކަލޭގެ އަހަރެންގެ ފަރާތުން އަހަރެންގެ އަތުގައި މިއޮތް ކަދުރު ރުކުގެ އޮށިގަނޑު ދިނުމަށް އެދުނުނަމަވެސް ނުދެއްވީމުއެވެ. ތިޔަބައިމީހުންނެއްކަމަކު މާތްﷲ ގެ އަމުރުފުޅެއް ނުމުގުރޭނެއެވެ. ތިޔަބައިމީހުން އިސްލާމްނުވެއްޖެނަމަ މާތްﷲ ތިޔަބައިމީހުން ހަލާކުކުރައްވާނެތެވެ.]
مسلمة الكذّاب ގެ ވަފުދު އެބައިމީހުގެ ރަށައްދިޔަތާ މާގިނަ ދުވަސްތަކެއް ނުވަނީސް އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގެންފިއެވެ. އޭގެ ކުރިން مسلمة الكذّاب ވަނީ އޭނާގެ ނަބީކަން އިއުލާންކޮށްފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގަތުމަށްފަހު ދެން އިސްލާމީ ދަޢުލަތުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވީ އަބޫބަކުރުގެފާނެއެވެ. އެކަލޭގެފާނު އެންމެ ބޮޑަށް އިސްކަމެއްދެއްވި އެއްކަމަކީ ނަބީކަމަށް ދަޢުވާކޮށް މީސްތަކުން ހައްލަމުން ގެންދާ كذّاب ންނާއި ހަނގުރާމަ ކުރައްވައި އެބައިމީހުން ޤަތުލުކުރެއްވުމެވެ. ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހު ޝަހީދުވީ މުސްލިމުން، މުސައިލަމަތުލް ކައްޒާބުއާ ކުރި ހަނގުރާމައިގެ ތެރޭގައެވެ.
ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހު ޝަހީދުވެވަޑައިގެންނެވި ފަހުން އެއްރެއަކު ލަޝްކަރުގެ މީހަކަށް އެކަލޭގެފާނު ހުވަފެނުގައި ފެނުނެވެ. ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހު އޭނާއަށް ވިދާޅުވިއެވެ.
[އިއްޔެ އަޅުގަނޑު ޝަހީދުކުރެވުނުފަހުން އަޅުގަނޑުގެ ހަށިގަނޑުގައިވާ ދަހަނާވަނީ މުސްލިމު މުޖާހިދަކު ގެންގޮސްފައެވެ. އެއީ ވަރަށް އަގުބޮޑު ދަހަނާއެކެވެ. އޭނާ މިހާރުވަޑައިގެންވީ މުސްލިމުގެ ފޭލިގެތަކުގެ ތެރެއިން ފޭލިގެއެއްގައެވެ. އެހެން ވިދާޅުވެ ޘާބިތުގެފާނު އެ ދަހަނާވީ ތަންވެސް ވިދާޅުވެދެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިބާގޮސް ޚާލިދުގެފާނުގެ އަރިހުގައި ދަންނަވައިގެން އެ ދަހަނާ ހޯއްދަވައިދެއްވާށެވެ. އެ ހޯއްދަވައިގެން މަދީނާއަށް ވަޑައިގެންނެވޭ ދުވަހަކުން މުސްލިމުގެ ޚަލީފާގެ އަރިހުގައި ދަންނަވާށެވެ. ތިމަންކަލޭގެފާނު އެވެނި މީހަކު އަތުން ނެގި ދަރަންޏެއްވެއެވެ. އަދި ތިމަންކަލޭގެފާނުގެ އަޅުކަލޭގެ މިނިވަންކޮށްފީމުއެވެ. ތިބާއަށް ތިޔަ ފެނުނު ހުވަފެނަކީ މާ ބޮޑުކަމެކޭ ނުހިތްތަވައި އެއަށް އަމަލުނުކޮށް ކޮންމެވެސް ދޫކޮށް ނުލައްވައްޗެވެ.]
އަނެއް ދުވަހު އިރު އެރުމުން އޭނާ ޚާލިދުގެފާނު ގެ އަރިހަށް ވަޑައިގެން ޘާބިތުގެފާނު ގެ ދަހަނާގެ ވާހަކަ ވިދާޅުވިއެވެ. ދެން އޭގެ ދެކަލުންވަޑައިގެން ހޯއްދެވިއިރު ޘާބިތުގެފާނު ވިދާޅުވިތަނުން އެ ދަހަނާފެނުނެވެ. ދެން އޭނާއަށް ފެނުނު ހުވަފެނުގެ ވާހަކަ އަބޫބަކރުގެފާނުގެ އަރިހުގައި ވިދާޅުވެ ދެއްވިއެވެ. އެކަލޭގެފާނު، ޘާބިތުގެފާނުގެ ވަޞީއްޔަތް ފުރިހަމަކޮށްދެއްވިއެވެ.
ޘާބިތު ބިން ޤައިސް ރަޟިޔަﷲ ޢަންހުއަކީ ޞަޙާބީންގެ ތެރެއިން ތަންކޮޅެއް އަޑުފުޅު ގަދަބޭކަލެކެވެ. ބަސްފުޅު ހަރުބޭކަލެކެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ބަނީ ތަމީމު ވަންހައިގެ ވަފުދެއް އަތުވެއްޖެއެވެ. އެބައިމީހުން އައިސް އިތުރު އެކަލޭގެފާނުގެ ފައިންޕުޅުދެކެ އެބައިމީހުންގެ ތެރެއިން އަމީރަކު އައްޔަން ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެހިނދު އަބޫބަކުރުގެފާނު އެދިވަޑައިގެންނެވީ އެބައިމީހުންގެ އަމީރަކަށް އަލްޤައުޤާޢު ރަޟިޔަﷲ ޢަންހު އައްޔަން ކުރެއްވުމަށެވެ. ނަމަވެސް ޢުމަރުގެފާނު މަޝްވަރާއެރުއްވީ އަލްއަޤްރަޢު ބިން ޙާބިސް އެބައިމީހުންގެ ވެރިއަކަށް އައްޔަންކުރެއްވުމަށެވެ. މީގެ ސަބަބުން ޢުމަރުގެފާނާއި އަބޫބަކުރުގެފާނުގެ ދެމެދުގައި ދެބަސްވުން އުފެދި އެދެބޭކަލުންގެ އަޑުފުޅު ތަންކޮޅެއް ގަދަވެގެން ދިޔައެވެ.
މި މައްސަލައާ ގުޅިގެން މާތްﷲ ޙުޖުރާތު ސޫރަތުގެ ދެވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ ﴿٢﴾
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ތިޔަބައިމީހުންގެ عمل ތައް باطل ވެދާނެތީއެވެ."
މި އާޔަތް ބާވައިލެއްވުމުން ޘާބިތުގެފާނު ހީފުޅުކުރެއްވީ އެ އާޔަތް ބާވައިލައްވާފައިވަނީ އެކަލޭގެފާނާ މެދުގައި ކަމަށެވެ. އެކަލޭގެފާނުގެ އަމަލުފުޅުތަށް ބާތިލުވެއްޖެކަމުގައި އެކަލޭގެފާނަށް ހީފުޅުކުރެވުނެވެ. އެކަމާ އެކަލޭގެފާނު ވަރަށް ދެރެފުޅުވެވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މަޖިލީސްތަކަށް ވަޑައިގެންނެވުންވެސް ހުއްޓާލެއްވިއެވެ.
އަނަސްގެފާނުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މަޖިލީސްތަކަށް ޘާބިތުގެފާނު ވަޑައިގެން ނޫޅުއްވާތީ އެކަމުގެ ހުސްކަން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އިޙްސާސްވެވަޑައިގެންނެވިއެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އެވާހަކަ ވިދާޅުވުމުން މީހަކު ދެންނެވިއެވެ.
[އަޅުގަނޑު އެކަލޭގެފާނުގެ ޚަބަރުބަލައިފައި ކަލޭގެފާނުގެ އަރިހަށް ޚަބަރުގެނެސްދޭނަމެވެ.]
ދެން އޭނާ އެގެއަށް ވަޑައިގެން ބެއްލެވިއިރު ޘާބިތުގެފާނު އިންނެވީ އިސްދަށަށް ޖައްސަވައިލައްވައިގެން ވަރަށް ދެރަފުޅުވެފައެވެ. ދެން އޭނާ ޚަބަރު އަހާލުމުން ޘާބިތުގެފާނު ވިދާޅުވިއެވެ.
[ނުބައި ޙާލަތެކެވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް އަޑުއުފުލާ މީހާގެ ހެޔޮކަންތައްތައް ނެތި ހިނގައްޖެއެވެ. އޭނާއަށް އޮތީ ނަރަކައެވެ.]
ދެން އޭނާގޮސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް މި ޚަބަރުދެއްވުމުން ޙަދީޘް ކުރެއްވިއެވެ. [ކަލޭގެ ގޮސް ޘާބިތު ބިން ޤައިސް އަރިހުގައި ދަންނަވާށެވެ. ކަލޭގެފާނަކީ ނަރަކަވަންތަވެރިއެއްނޫނެވެ. ކަލޭގެފާނަކީ ސުވަރުގެވަންތަވެރި އެކެވެ.]
އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [އޭގެފަހުން ތިމަންބޭކަލުންނާއެކުގައި ސުވަރުގެވަންތަވެރި ބޭކަލުން ހިންގަވާ އުޅުއްވާ މަންޒަރު އަހަރެމެން ދެކެމުއެވެ. ޔަމާމާގެ ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރު ފުރަތަމަ ފަހަތަށް ޖެހޭތަންފެނުމުން ޘާބިތު ބިން ޤައިސް ކަފުންކޮޅު ތުރުކުރައްވައިގެން ވަޑައިގެން ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ. އެންމެ ހުތުރު ކަމަކީ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ބިރުން ހަނގުރާމައިގެ މައިދާނުން ފިލާންދުވުމެވެ. އެހެންކަމުން ފަހުން އަންނަ ބަޔަކަށް ނުބައި މިސާލެއް ކަމުގައި ތިޔަބައިމީހުންނުވާށެވެ. މިހެންވިދާޅުވެ އެކަލޭގެފާނު ހަނގުރާމަކޮށް ޝަހީދުވެއްޖެއެވެ.]