"ފިރިމީހާއަކީ ނުވަތަ އަނބިމީހާއަކީ ކުރިން ރަނގަޅު ހެޔޮލަފާ މީހަކު ކަމަށާއި އުޅުމަށް ނުބައި ބަދަލުތައް އަންނަން ފެށީ ފަހުންނެވެ. މިވެނި އެވެނި ބައަކާއިއެކު އުޅެން ފެށިފަހުންނެވެ." މިއީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އަބަދުހެން ސުވާލުތައް ލިބެމުން އަންނަ ކަމެކެވެ. އެހެންވެ މިގެނެސްދެނީ މިމައްސަލައަށް ފައިދާކުރާނެ ލިޔުމެކެވެ. ސަމާލުކަން ދެއްވައިގެން ވިދާޅުވެލައްވާށެވެ!
ގިނަ ބައެއްގެ ދިރިއުޅުމަށް ނުބައި އަސަރުތައްކޮށް ޒަވާޖީ ހަޔާތް ރޫޅިގެންދާ އެންމެ ޢާންމު ސަބަބާއި އަދި މަގުފުރެދި ދީނާއި ދުރުހެލިވެވިގެންދާ އެންމެ ޢާންމު ސަބަބަކީ އެއް ސަބަބެކެވެ. އެއީ ނުބައި މީހުންނާއިއެކުގައި އުޅެވުމެވެ. ރަނގަޅު ހެޔޮލަފާ ތަޤްވާވެރި އެކުވެރިން ޚިޔާރުކުރަން އޮންނަނީ އެސަބަބަށްޓަކައެވެ.
ތަކުރާރުކޮށްލާނަމެވެ. ގިނަ ބައަކަށް މިއަދު މަގު އޮޅެމުންދަނީ ޖާހިލުންނާއިއެކުގައި އުޅެވޭތީއެވެ. ޖާހިލުންނާއި ގާތް ގުޅުން ބާއްވާތީއެވެ. އެފަދަ މީހުން ފާހަގަކުރެވުމުން އެމީހުން އިޞްލާޙް ކުރުމުގެ ބާރު ނުވަތަ ކުޅަދާނަކަން ލިބިފައި ނުވާ މީހުންނަށް އޮތީ އެމީހުންނާއި ދުރުހެލިވުމެވެ. އެމީހުންނާއި އިތުރަށް ވާހަކަ ދެއްކުމެއް ނެތެވެ. އެމީހުންނަށްވެސް ސަލާމްކޮށްލައި ހެޔޮ ދުޢާއެއް ކޮށްލުމުން ފުއްދައިލާށެވެ.
އެފަދަ މީހުންނާއި ކުރިމަތިލުމުގެ ބާރާއި ހުނަރު ނެތި އެފަދަ މީހުންނާއިއެކުގައި އުޅުމުން އެމީހެއްގެ ކިބައިގައި ހުންނަ ސިފަތައް ތިމާގެ ކިބައިގައިވެސް އަށަގަންނާނެއެވެ. އާޚިރު ނަތީޖާއަކަށް ވެގެންދާނީ ޖާހިލުކަމުގެ ސިފަތައް ތިމާގެ ކިބައިގައިވެސް އަށަގަތުމެވެ. އެއިރުން ތިބާވެސް ވެގެންދާނީ އެފަދަ ޖާހިލުކަމުގެ ސިފަތައް ހުންނަ މީހަކަށެވެ.
ގިނަ ފަހަރު ޖާހިލުންނާއި އެކުވެރިވެގެން އުޅެނީ އެމީހުންގެ ކިބައިގައި ހުންނަ ތަނަވަސްކަމުގެ ސަބަބުން ކަމަށްވެދާނެއެވެ. ނުވަތަ ތިމާ ބޭނުންވާ ބައެއް ކަންކަން އޭނާގެ ކިބައިން ޙާޞިލްކުރެވޭތީކަމަށްވެސް ވެދާނެއެވެ. ތިމާއަށް އެހީތެރިކަމެއް ލިބޭތީކަމަށްވެދާނެއެވެ. އެފަދަ މީހުން ވިސްނައިލަންވީ އަލްޤަޞަޞް ސޫރަތުގެ 61 ވަނަ އާޔަތަށެވެ.
"ފަހެ، އެމީހަކަށް ރިވެތިވެގެންވާ وعد އަކުން ތިމަންރަސްކަލާނގެ وعد ކުރައްވާފައިވާ، އަދި އެ وعد ކުރެއްވެވިކަމެއް ލިބެނިވި މީހަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފާ ތިމަންރަސްކަލާނގެ އެމީހަކަށް ދެއްވި މީހަކާ އެއްފަދަ މީހެއް ހެއްޔެވެ؟ ދެން قيامة ދުވަހުން، އެމީހާވާހުށީ (عقوبات ލިބުމަށް) حاضر ކުރައްވާ މީހުންގެ ތެރެއިންނެވެ".
ތިމާގެ އާޚިރަތާއި ޢާއިލީ ދިރިއުޅުން ސަލާމަތްކުރަން ބޭނުންނަމަ އެކުވެރިންގެ ގޮތުގައި ޖާހިލުން ނުގެންގުޅެންވީ ސަބަބު ކީރިތި ޤްރުއާނުން މިއޮތީ ފެންނާށެވެ. ނުބައި އަމަލުތައް ކުރުންމަތީގައި ދެމިތިބޭ މީހުންނަކީ ހަމަ ޝައިޠާނުން ފަދަ ބައެކެވެ. ސަލާމަތްކަން ލިބުން އޮތީ އެފަދަ ޝައިޠާނުންތަކާއި ދުރުހެލިވެގެންނެވެ.
މިކަމުގެ އެންމެ ރީތި މިސާލު ފެންނާނީ ޢާއިލީ ދިރިއުޅުމުންނެވެ. ހަޔާތުގެ ބައިވެރިޔާއަށް ޚިޔާނާތްތެރިވާ މީހުން އެކުވެރިން ކަމުގައި ގެންގުޅޭނަމަ އެ ސިފަ އެމީހެއްގެ ކިބައިގައިވެސް އަށަގަންނާނެއެވެ. ފާހިޝް އަމަލުތައް މުންކަރާތްތަކަށް ބިރު ނުގަންނަ މީހުންނާއިއެކުގައި އުޅޭ ނަމަ ހަމަ އެ ސިފަތައް ތިމާގެ ކިބައިގައި އަށަގަންނާނެއެވެ. ތިމާގެ ޢާއިލީ ދިރިއުޅުމަށް އެކަމުގެ އަސަރުކޮށް ޢާއިލާ ރޫޅިފައިވަނީ ކިތައް މީހުންގެ ހެއްޔެވެ؟
ހަމަ އެއާއިއެކު ބަލާ ސީރީޒްތަކަށާއި ފިލްމްތަކަށްވެސް ސަމާލުކަން ދޭންޖެހޭނެއެވެ. މަސްތުވެގެން ތިބެ ދުނިޔޭގެ އުފާ ލިބިގަންނަ ވީޑިއޯތައް ބެލުމަކީ މަސްތުވުމަށް ހިތް ޖެހޭނެ ކަމެކެވެ. އަޚްލާޤް ނުބައި، މަކަރު ހަދާ ވީޑިއޯތައް ބަލާނަމަ އެ ސިފަތައްވެސް އަށަގަންނާނެއެވެ. ދޮގުހަދައި އޮޅުވާލައިގެން ކަންކަން ކުރާ ވީޑިއޯތައް ބަލާނަމަ އެ ސިފަތައް އަށަގަންނާނެއެވެ. އަތް އިސްކުރުމާއި ނުބައި ބަސް ބުނެ އަނިޔާވެރިވުން ފަދަ ކަންކަން ކުރާ ވީޑިއޯތައް ބަލާނަމަ އެފަދަ ސިފަތައްވެސް އަށަގަންނާނެއެވެ.
ފިލްމެއް ބަލަން ބޭނުންވެއްޖެ ނަމަވެސް ތިމާގެ ދިރިއުޅުމަށް އެކަމުން ޢިބްރަތް ލިބޭނެ، ފައިދާކުރާނެ ވީޑިއޯތައް ބަލާށެވެ! އަހަރެމެންގެ ތެރޭގައި އަނިޔާވެރިކަމާއި ނުބައި އަމަލުތައް ޢާންމުވަމުން މިދަނީ ޖާހިލުންނަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭތީއެވެ. ނޭދެވޭ ވީޑިއޯތައް ބަލާތީއެވެ. އަދި އެނޫންވެސް ގޮތްގޮތުން ޖާހިލުކަމާއި ކައިރިވެވޭތީއެވެ. އެކަންކަމަށް ސަމާލުކަން ދީފިނަމަ އާޚިރަތަށާއި އަދި ޢާއިލީ ދިރިއުޅުމަށް ވެސް އެކަމުގެ ފައިދާ ކުރާނެއެވެ.
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން