ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރަމުންވެސް ޛިކުރުކުރެވޭނެ! އެއީ ކުރާ މަސައްކަތުގަ ބަރަކާތް ލައްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރަމުންވެސް ޛިކުރުކުރެވޭނެ! އެއީ ކުރާ މަސައްކަތުގަ ބަރަކާތް ލައްވަވާނެ ކަމެއް!

ޛިކްރުކުރުމަކީ ވަކި ވަގުތުތަކު އެކަނި ކުރަން އޮތް ކަމެއް ނޫނެވެ. ތިމާއަށް ލިބޭ ކޮންމެ ހުސްވަގުތަކުވެސް ކުރަން އޮތް ކަމެކެވެ. ޛިކުރުކުރަން ކޮންމެހެން އިށީނދެ އިންނާކަށްވެސް ނުޖެހެއެވެ. އެއީ މަސައްކަތުގައި އުޅެމުންވެސް ކުރެވެން އޮތް ކަމެކެވެ. މަސައްކަތް ކުރަމުން ވެސް ކުރަން އޮތް ކަމެކެވެ. ކުރަން ޖެހޭނެ ވެސް ކަމެކެވެ.  

އަންހެނުން ޢާންމުކޮށް ކުރާ ކަންކަމަށް ބަލާއިރު ބަދިގޭގަގައި ހޭދަކުރާ ވަގުތު އެ މަސައްކަތްކުރަމުން ވެސް ޛިކްރު ކުރެވޭނެއެވެ. އެއްޗެތި ދޮވުމުގެ މަސައްކަތުގައި އުޅޭ ވަގުތުތަކުގައިވެސް ކުރެވޭނެއެވެ. އަދި އެނޫން މަސައްކަތްތަކުގައި އުޅެމުން ވެސް ޛިކްރު ކުރެވޭނެއެވެ. ފިރިހެނުންނަށް ބެލި ނަމަވެސް މަސައްކަތުގައި އުޅެމުން ވެސް ޛިކްރު ކުރެވޭނެ ވަގުތުތައް ބައިވަރު ލިބޭނެއެވެ.  

ހިނގާފައި ނަމަވެސް، ބަހެއް ނުވަތަ ކާރެއްގައި ތަނަކަށް ދާން ހޭދަކުރާ ވަގުތަކީވެސް ޛިކްރުކުރާ ވަގުތު ކަމުގައި ހެދޭނެއެވެ. ޕާކެއް ފަދަ ތަނަކަށް ކުދިން ގޮވައިގެން ގޮސް ހުންނަ ވަގުތުވެސް ޛިކްރު ކުރެވޭނެއެވެ.  

ޛިކްރުކުރުމުގެ ލަފްޒީމާނައަށް ބަލައިފިނަމަ އެއީ ކަމެއް ހަނދާންކުރުމެވެ. ކަމަކާއިމެދު ވިސްނުމެވެ. ނަމަވެސް ދީނީ ގޮތުން ބަލައިފިނަމަ އެއީ ﷲ ތައާލާގެ މަތިން ހަނދުމަ ކުރުމެވެ. ﷲ ތައާލާގެ މަތިން ހަނދުމަކޮށް މަތިވެރިވެގެންވާ އިސްމްފުޅުތައް ކިޔުމެވެ. އިސްމުފުޅުތައް ކިޔާއިރު ކޮންމެފަހަރަކު ކޮންމެހެން ގުނާކަށްވެސް ނުޖެހެއެވެ. ތިބާ އިސްމުފުޅުތައް ކިޔާ އަދަދު މަލާއިކަތުން ލިޔުއްވަވަތެވެ. ވީމާ ކިޔެވި އަދަދުގެ ހިސާބު ދާނީ ތިބާގެ ހެޔޮކަމުގެ ފަތުގައި ބަރާބަރަށް ލިޔެވެމުންނެވެ.

ކުރިންވެސް ބަޔާންކުރި ފަދައިން ޛިކުރު ކުރުމަކީ ﷲ ތައާލާގެ މަތިން ހަނދުމަ ކުރުމެވެ. ﷲ ތައާލާގެ މަތިން ހަނދުމަކުރާ މީހާގެ މަތިން ﷲ ތައާލާ މާބޮޑަށް ހަނދުމަފުޅު ކުރައްވަވާނެތެވެ. އެމީހަކީ ﷲ ތައާލާގެ މަތިން ހަނދުމަކުރުނަމަތީގައި ދެމިހުންނަ މީހަކަށް ވެއްޖެނަމަ އެމީހާގެ މަތިން ﷲ ތަމާލާ ހަނދުމަފުޅު ކުރައްވަވާނެ މިންވަރު ހިތަށް ގެނެސްބަލާށެވެ. އެފަދަ މީހަކަށް ވެވިއްޖެ ނަމަ ދެއްވަވާނެ ސަވާބާއި ދަރުމަ ހިތްމައްޗަށް ނިކަން ގެނެސްބަލާށެވެ.  

ޛިކްރު ކުރުމަށް ކިޔަން ހުރި ގިނަ ކަލިތަކަކީ ދޫ މައްޗަށް ފަސޭހަ، އެކަމުގެ ސަވާބާއި ދަރުމަ ނުހަނު ގިނަ ކަލިތަކެކެވެ. އަދި އަބަދު ކިޔައި އުޅޭ ވެސް ކަލިމަތަކެކެވެ. ވީމާ ދަސްނުވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ.  

އަޖުމަ ބަލައިލަން ނަމަވެސް ޛިކުރުކުރުން ގިނަކޮށް ޛިކުރުކުރުންމަތީގައި ހުންނަން ނިކަން މަސައްކަތްކޮށްބަލާށެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަމުގައިވެސް ބަރަކާތް ލައްވަވައި ތަފާތުތައް ފެންނާނެއެވެ. އިން ޝާ ﷲ

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން