ދީނީ ޢިލްންވެރިއަކަށް ނުވުމަކީ ދީން ފަތުރަން މަސައްކަތްނުކޮށް ހުންނަން އޮތް ސަބަބެއް ނޫން! ކޮންމެ މީހަކަށްވެސް ކުރެވޭނެ މިންވަރެއް އޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ދީނީ ޢިލްންވެރިއަކަށް ނުވުމަކީ ދީން ފަތުރަން މަސައްކަތްނުކޮށް ހުންނަން އޮތް ސަބަބެއް ނޫން! ކޮންމެ މީހަކަށްވެސް ކުރެވޭނެ މިންވަރެއް އޮންނާނެ!

ދީނީ ދަރުސްތައް އަޑުއެހުމަށްފަހު ބައެއް މީހުން ވަރަށް ދެރަވެލާފައި ބުނާއަޑުއިވެއެވެ. "އަހަރެމެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެމެންނަކީ ދީނީ ޢިލްމުވެރިންނެއް ނޫނެވެ." މިމޭރުމުން ވިސްނޭ މީހުންނަށް ތިރީގައިވާ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމުން ވަރަށް ރަނގަޅަށް ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ދަޢުވަތު ދިނުމަކީ، ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ވަޒީފާއެވެ. އެންމެ މަތިވެރި، އެންމެ މާތް ވަޒީފާއެވެ.  

މާތް ﷲ ގެ ދީނަށް ދަޢުވަތު ދިނުމޭ ބުނުމުން، ބައެއް މީހުންގެ ހިތަށް އަރަނީ، އެއީ ހަމައެކަނި ޢިލްމުވެރީންގެ ޒިންމާއެއް ކަމުގައެވެ. މިއީ  ރަނގަޅު ވިސްނުމެއް ނޫނެވެ. ތެދެކެވެ. ޢިލްމުވެރީންނަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ވާރުތަވެރީންނެވެ. އެ ބޭކަލުން ވާރުތައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދުލެއް ނުކުރައްވައެވެ. ދޫކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިއްޖެ މީހަކު، ޙަދީޘުގައިވާ ފަދައިން، ވަރަށް ބޮޑު ނަސީބެއް ހާސިލުކޮށްފިކަން ކަށަވަރެވެ. އެހެންކަމުން، ޢިލްމުވެރީންގެ ދަރަޖަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި، ކިޔަމަންތެރި ޒާހިދު އަޅުވެރިޔާއަށް ވުރެ މަތިވެރިވެގެންވެއެވެ.  

އާދޭހެވެ! މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް އެންމެ ފުރިހަމައަށް ދަޢުވަތު ދެވޭނީ ޢިލްމުވެރީންނަށް ކަމާމެދަކު ޝައްކެއް ނެތެވެ. އެހެނީ، އެ ބޭފުޅުންނަކީ ދީނުގެ މަޢުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނެވެ. ގިނަ އަހަރުތަކެއް ވަންދެން ދީން ދިރާސާކުރައްވައި މުޠާލިޢާކުރެއްވި ބޭފުޅުންނެވެ. ދީނީ ދަޢުވަތު ފެތުރުމަށް ބޭނުންވާ އެންމެ އަސާސީ ހަތިޔާރު ހުރީ އެ ބޭފުޅުންގެ އަތްޕުޅުގައެވެ. އަދި އެކަމަށް އެންމެ ރަނގަޅު މަގާއި އެންމެ ސާފު މަންހަޖަކީ ކޮބައިކަން ވެސް އެނގިވަޑައިގަންނަވާ ބޭފުޅުންނަކީ ހަމަ އެ ބޭފުޅުންނެވެ. 

ކަން އޮތީ އެހެން ކަމުގައި ވިޔަސް، ދީނީ ދަޢުވަތަކީ ހުރިހައި މުސްލިމުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އެ މީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. އެނގޭ މިންވަރަކުންނެވެ. އޭގައި ޢާލިމެއް ޖާހިލެއްގެ ތަފާތެއް ނެތެވެ. އެހެނީ، މާތް ނަބިއްޔާ ﷺ އުންމަތަށް އިރުޝާދު ދެއްވައިފައިވަނީ، އެކަލޭގެފާނުގެ އަރިހުން އެންމެ އާޔަތެއްގެ މިންވަރު ވިޔަސް އަނެކުންނަށް ފޯރުކޮށްދިނުމަށެވެ. އެހެންކަމުން، އެ މީހަކަށް އެނގޭ މިންވަރު އަނެކާއަށް ބަޔާންކޮށްދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް ވާޖިބުވެގެންވާ ކަމެކެވެ. 

އަޅުގަނޑުމެންގެ ތެރެއިން އެންމެންނަށް ވެސް، ނަމާދަކީ ފަރުޟެއްކަން އެނގެއެވެ. ޒަކާތާއި ރޯދައާއި ޙައްޖަކީ އަޅުކަމުގެ ތެރެއިން ފަރުޟު ކަންތައްކަން އެނގެއެވެ. ރާބުއިމާއި ޒިނޭކުރުމާއި ޖުވާކުޅުމާއި މީހުންގެ މުދާ ނުޙައްޤުން ކެއުމާއި ރިޝްވަތު ހިފުމާއި މީހުންގެ އަބުރުކަތިލުމާއި ޣީބަބުނުމާއި ވައްކަން ކުރުމާއި މާރާމާރީ ހިންގުމާއި މީހުން މެރުމާއި މި ނޫން ވެސް އެތައްއެތައް ކަމެއް މާތް ﷲ ވަނީ ނަހީކުރައްވައި ޙަރާމްކުރައްވައިފައިކަން ވެސް އެނގެއެވެ.  

އެހެންކަމުން، ނަމާދު ނުކުރާ މީހަކު ފެނިއްޖެއްޔާ، އޭނާއަށް ނަމާދަށް ފަރުވާތެރިވުމަށް ބާރުއަޅާން ޖެހޭނެއެވެ. ރޯދަ ނުހިފާ މީހަކު ފެނިއްޖެއްޔާ، ރޯދަ ހިފުމަށް ބާރުއަޅާން ޖެހޭނެއެވެ. ޒިނޭކުރުމާއި ރާބުއިން ފަދަ ނުބައި ޢަމަލެއް މީހަކު ކުރާކަން އެނގެންޏާ، އޭނާއަށް ނަސޭހަތްތެރިވެ، މާތް ﷲ އަށް ބިރުވެތިވުމަށް ގޮވައިލަން ޖެހޭނެއެވެ. މި އުންމަތް، އެންމެ މަތިވެރި އުންމަތް ކަމުގައި ވެފައިވަނީ، ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރާ އުންމަތަށް ވާތީއެވެ.  

އާލު ޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ   މާނައީ: "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާންވަމުއެވެ."

 

 

މިއަދު އޮންލައިން