ދައްޖާލުންތައް ފައުޅުވެ ފުރިއްޖެއެވެ. މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. އެނގިހާމަވަމުންދާ ކަންކަމުން އެނގެނީ މިއީ އެންމެންނަށްވެސް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމެވެ. ސަލާމަތްވާން މަސައްކަތްކުރަންޖެހިފައިވާ ކަމެއްކަމެވެ. ހަމަ ކޮންމެ މީހަކަށްވެސް އޮތީ ދައްޖާލަކަށްނުވެ ހުންނަން މަސައްކަތްކުރުމެވެ.
އެންމެ ހިތާމަހުރިކަމަކީ ދައްޖާލުންނާއިމެދު ދޭންޖެހޭ ސަމާލުކަން ނުދެވޭކެމެވެ. އިސްލާމީ އުންމަތަށް ބޮޑެތި ގެއްލުންތައް ލިބެމުން މިދަނީ އެކަމަށް ސަމާލުކަން ނުދެވޭތީއެވެ.
ކުދި ދައްޖާލުންތައް މުސްލިމުންގެ ތެރޭގައިވެސް ބައިވަރެވެ. އެއިގެ ތެރެއިން އެންމެ ނުރައްކާތެރި އެއްވައްތަރަކީ ތިމާ މަސައްކަތްކުރާނީ އިސްލާމްދީން މަތިވެރިކުރަން ކަމަށްބުނެ ދޮގުހަދައި މީސްތަކުންނަށް އޮޅުވާލަމުން ދީނަށް ގެއްލުންދޭ މީހުންނެވެ. ގިނަބައަކަށް މަގުއޮޅި ދީނާއި ދުރަށް ދެވޭ ސަބަބަކީ މިފަދަ ދައްޖާލުންނަކީ މާތް ބައެއް ކަމަށް ޤަބޫލުކުރެވޭ ކަމެވެ. އެމީހުންގެ ކިބައިން ތިމާގެ އާޚިރަތް ގެއްލިގެން ހިނގައިދާނެކަން ނުވިސްނޭ ކަމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ދައްޖާލުންނަކީ ކޮބައިކަން ދަސްކޮށްލައްވާށެވެ!
ދައްޖާލޭ ބުނީމާ އުފެދިދާނެ ހަމަ ސުވާލެއް ކާކުހޭ ދައްޖާލަކީ. ކީއްވެގެންބާއޭ ދައްޖާލޭ ކިޔުނީ.
ދައްޖާލޭ މިކިޔަނީ ޙަޤީޤަތުގައި ޢަރަބި ބަހުގައި ދޮގުހަދާ އޮޅުވާލާ މީހުންނަށް. އެއީ ދައްޖާލުންނަކީ. އަޅުގަނޑުމެންވެސް މިހެންއުޅޭއިރ ބައެއްފަހަރު ކިޔޭ ދެއްތޯ ދައްޖާލޭ، މީ ދައްޖާލެކޭ. ޙަޤީޤަތުގައި އެއީ ލުޣަވީގޮތުން، އެހެންގޮތަކަށް ބުނާނަމަ ބަހަވީ ގޮތުން އޭތި ބުނެވޭ އެއް މާނަ އެއީ، އެއްކަލަ އޮޅުވާލާމީހާ، ދޮގުހަދާ މީހާ، އެފަދަމީހުންނަށް ނިޞްބަތްކުރެވޭ.
އެކަމަކު މަސީޙުއް ދައްޖާލު، މަސީޙް އައް ދައްޖާލު ނިޞްބަތްވަނީ އެންމެ މީހަކަށް. އެއީ އަޅުގަނޑުމެން މިކިޔާ ޤިޔާމާތުގެ ބޮޑު ޢަލާމާތްތަކުގެ ތެރެއިން މިއަންނަ މަސީޙުއް ދައްޖާލުގެ ވާހަކަ.
- އައްޝެއިޚް އަބްދުﷲ ސަޢުދާންގެ ބަސްފުޅަކުން