ފުރަތަމަ މިކިޔައިދެނީ ކުރުކުރު ވާހަކައެކެވެ.
އޮފީހުގެ ބޮސްއަށް އެތަނުގައި މަސައްކަތްކުރާ މުވައްޒިފެއްގެ އަނބިމީހާ މާރީތިވެ ކަމުގޮސްގެން އެތައް މަސައްކަތަކުން ދެމީހުން ވަރިކުރުވައި އަންހެންމީހާ އާއި ކައިވެނިކުރިއެވެ. އަދި އެކަމަށް ފަޚުރުވެރިވެ ވާހަކަދެއްކުމުން ކުރީގެ ފިރިމީހާ ދިން ޖަވާބު އެނގޭހެއްޔެވެ؟ "ތިއަކަމުގަ ކަލޭގެ އެއްވެސް މޮޅުކަމެއް ނެތެވެ! އަހަރެންނަށް ރަޙްމަތަކަށް ނޫނީ ތިއަކަން ތިއަ ގޮތަކަށް މެދުވެރިއެއް ނުވާނެއެވެ! އިން ޝާ ﷲ"
ކައިވެނިކުރިތާ 3މަސްވެސް ނުވަނީސް އެކްސިޑެންޓްވެ އަނބިމީހާގެ އުނގަނޑުން ތިރިން ވާގިހިނގައްޖެއެވެ. ފަރުވާ ހޯދަންނުދާ ހޮސްޕިޓަލެއް ނެތެވެ. އެމެރިކާ، ޖަރުމަން، ބެންކޮކަށް ދިއައެވެ. ކުރި އެއްވެސް ފައިދާއެއް ނެތެވެ!
އެހިނދު ކުރީގެ ފިރިމީހާ ބުންޏެވެ. "ކޮބާ ދެން ހަދާނީ ކިހަކުން ހެއްޔެވެ.؟ އަތުން މިލިއަނުން ޚަރަދުކޮށްގެން ތިއައަންހެނަކު ހޯދުމުން ކުރީ ކޮންފައިދާއެއް ހެއްޔެވެ؟ އެކަމަކު ބުނަންހެއްޔެވެ؟ އަހަރެންނަށް ލިބުނު އަނބިމީހާ މާފުރިހަމައެވެ.
ބޮސްއަށް ޖެހުނީ އަނގައިންވެސް ނުބުނެވި މަޑުންހުންނާށެވެ!
މިވީ ކިހިނަކުންކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ!
އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއްކަމަކީ ތިމާގެ ތަނަވަސްކަން ނުވަތަ ތިމާގެ ބައިވެރިޔާ އެހެންމީހަކު "ޖަހައިގަނެގެން" ގެންގޮސްފާނެތީއެވެ! ނަމަވެސް އެއީ ހަމަ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ!
މިހެން ބުނުމުން މާނަ އޮޅުވާނުލައި ރަނގަޅަށް ވިސްނާށެވެ! މީހަކު ކުރާކަމަކުން ތިބާއަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުންނެވެ. މިޘާލަކަށް ބަޑިޖަހަން އެންމެ މޮޅު މީހުން އަމާޒުކޮށްފައި ފޮނުވައިލާ ކިތައް ވަޒަން އަމާޒުކުރާ މީހާގެ ގައަށް ނާރައިދޭހެއްޔެވެ؟ އޭނާގެ މޮޅުކަމާއި ބަޑީގެ މޮޅުކަން ކޮބައިހެއްޔެވެ؟
ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަންވަނީ އެއްވެސް ތަނަވަސްކަމެއް ނެތިއެވެ. ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމެއް އެމީހެއްގެ އަތުން ނިދުޅައިގަތުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މީހަކު ކުރި ކަމަކުން ތަނަވަސްކަން ގެއްލިގެން ދިއަނަމަވެސް އެކަން އެގޮތަށް މެދުވެރިވާނީ ﷲ ތަޢާލާ އެކަމަށް މިންވަރު ކުރައްވަވާފައިވާނަމައެވެ. އެކަން ޤަބޫލުކުރާ މީހާ މީހަކު ދީފާނެ ދެރައަކަށް ބިރެއް ނުގަންނާނެއެވެ.
ހަމައެފަދައިން ތިބާގެ ބައިވެރިޔާ އެހެން މީހަކަށް ގެންދެވޭނީވެސް އެކަމަށް ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމައެވެ. އަދި އޭނާއަށް ތިބާ ދޫކޮށްފައިދެވޭނީވެސް ެކަމަށް ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމައެވެ. ވީމާ އެއީ ކަންބޮޑުވާންޖެހެންވީ ސަބަބެއް ނޫނެވެ.
މީގެ މާނައަކީ މީހަކު ތިބާއަށް ދެރައެއް ދޭން އުޅޭކަމަށް ތުހުމަތުކުރެވޭނަމަ އެކަމަށް ސަމާލުކަން ނުދިނުމެއް ނޫނެވެ. އެކަމަށް ސަމާލުކަންދޭންވާނެއެވެ. އެކަމެއް ހުއްޓުވަން ތިބާއަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރަންވާނެއެވެ. އެމަގުން މަސައްކަތްކުރަމުން ދަނިކޮށް ތިބާގެ ހިތް ނޭދޭ ގޮތަކަށް ކަމެއް މެދުވެރިވެއްޖެނަމަ އޮތީ ދެރަވެ ހިތާމަކުރުމެއް ނޫނެވެ! ވަކީލްކުރުމެވެ. ވަކީލްކުރާ އަޅުންނަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
މިހެން މިބުނަނީ މީހަކު ދީފާނެ ދެރައަކަށް ބިރުގަނެ ވިސްނަން ހަދައިގެން އެކަން ބޮޑު ބައްޔަކަށްވާ ހިސާބަށް ކަންކަން ދާތީއެވެ. ތިބާ ބޭނުންވާ ގޮތަށް ކަންކަން ޙާޞިލުކުރަން ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ ހުރެ މަސައްކަތްކުރަނިކޮށް އެކަން ކާމިޔާބުނުވުމުން އޮތީ ހިތްހަމަޖައްސައި އުފާކުރުމެވެ! ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާނުން ފާސްވާނީ އެއިރުންނެވެ. ހަމައެއާއިއެކު ޔަޤިންކުރަންވީ ކިތަންމެ ނިކަމެތި މީހަކަށް ނަމަވެސް ދެރައެއްދީފިނަމަ އެކަން އެނބުރި އައިސް ތިމައާއި އަރައިހަމަކުރާނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އިންސާނާގެ ކަންކަން ތަދުބީރުކުރުން؛
އިބްނު މަސްޢޫދު رضي الله عنهގެ އަރިހުން ރިވާވެގެންވާ، މަޝްހޫރު ޙަދީޘްފުޅެއްގައި ވެއެވެ.
« إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ. ثُمَّ يُرْسَلُ إِلَيهِ المَلَكُ، فَيَنفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأجَلِهِ، وَعِمَلِهِ، وَشَقِيٌّ أَمْ سَعِيدٌ »
މާނައަކީ [ހަމަކަށަވަރުން ތިޔަބައިމީހުންކުރެ (ކޮންމެ) މީހާކު، އޭނާގެ މަންމަގެ ބަނޑުގައި (ރަޙިމުގައި) ސާޅީސް ދުވަސް ވަންދެން (މަނިތިއްކެއްގެ ގޮތުގައި) އޭނާގެ ޚަލްޤު އެކުލެވިގެންދެއެވެ. އެއަށްފަހު ގަނޑު ލޭކޮޅެއްގެ ގޮތުގައި އެހާ ދުވަހެވެ. އެއަށްފަހު މަސްކޮޅެއްގެ ގޮތުގައި އެހާ ދުވަހެވެ. އެއަށްފަހު މަލާއިކަތަކު ފޮނުއްވޭނެއެވެ. އަދި އޭގައި ފުރާނަ އަޅުއްވާނެއެވެ. އަދި އެ މަލާއިކަތާއަށް ހަތަރުކަމެއް (ލިޔުއްވުމަށް) އަމުރުކުރެއްވޭނެއެވެ. އެއީ އޭނާގެ ރިޒްޤާއި އަޖަލާއި ޢަމަލާއި އަބާއްޖަވެރިއަކު ކަމުގައި ވުމަށް ނުވަތަ ބާއްޖަވެރިއަކު ކަމުގައި ވުމަށެވެ.]
- މަސްދަރު: ދިސަލަފިއްޔާ