ތަނަވަސްކަން ކުޑަވުމުން ކައިވެނިކުރަން ކުފޫ ހަމަނުވާކަމަށް ނިންމައިގެން އުޅޭ ބައަކު ތިބުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ. އެމީހުންގެ ވިސްނުން އެމީހުންނަށް ދޫކޮށްލާށެވެ! ޔަޤީންކުރަންވީ ތިބާގެ ކުށެއްނެތި ލޯބިވެރިޔާ ކައިވެނި ނުކުރެވޭނީ އެކައިވެނި ކުރެވުމުން ލިބޭނެ ދެރަ މާބޮޑުވާނެތީ ކަމެވެ.
މިފަދަ މައްސަލަތަކުގައި ކިޔުންތެރިން ސުވާލުކުރައްވަމުން ގެންދަވާތީ ޖަވާބެއް ދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ
އަޅުގަނޑުގެން ކޮލެޖުގައި ކިޔެވީ އެކުގައެވެ. އެކުގައި އުޅުނު އަންހެން ކުއްޖަކު ދެކެ ލޯބިވެވުނެވެ. އެކަމަކު އެއްވެސް ގުޅުމެއް ނުހިންގަމެވެ. އެކަން ކައިވެނި ކުރެވޭނެ ދުވަހަކަށް ފަސްކޮށްފައި ބޭއްވީއެވެ.
ކޮލެޖް ނިމި ވަޒީފާވެސް ލިބުނުފަހުން ކައިވެނިކުރަން ހުށަހެޅުމުން އަންހެންކުއްޖާގެ މައިންބަފައިން އަޅުގަނޑު ޤަބޫލެއް ނުކުރިއެވެ. އެމީހުންނަކީ ތަނަވަސް ބައަކަށްވެފައި އަޅުގަނޑުގެ މައިންބަފައިންނަކީ ފަޤީރުން ކަމަށްވީތީއެވެ. އެހިސާބުން މަޖުބޫރުވީ ދެމީހުން ދުރުވާށެވެ. ނަމަވެސް އެހަނދާންތައް އެހައި ފަސޭހައިން ނައްތައެއް ނުލެވުނެވެ. 3 އަހަރުވީއިރުވެސް އުޅެން މިޖެހެނީ އެކަމުގެ ހިތާމައިގައެވެ. އަޅުގަނޑު އަންހެން ކުއްޖާ ކުށްވެރިއެއް ނުކުރަމެވެ.
މިއަޅުގަނޑުގެ ސުވާލަކީ ތަނަވަސް މީހުންގެ ދަރިން ކައިވެނިކުރަންޖެހޭނީ ހަމައެކަނި ތަނަވަސް މީހުންނާތޯއެވެ؟
ޖަވާބަކީ ތިއަ ކަމަކީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައަކަށްވުމުން އެހައި ބޮޑަށް ކަންބޮޑުނުވާށެވެ! ތަނަވަސްކަން އެކި މީހުންނަށް ދެއްވަވާނީ އެކިވަރަށެވެ. ތިބާގެ ކުށެއް ނެތި ކައިވެނި ނުކުރެވުމުން އެބާބު ހިތުން ފުހެލަން މަސައްކަތްކުރާށެވެ! އަދި އެންމެ ތަނަވަސް މީހަކަށް ނުވެވުނަސް ފުދުންތެރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރާށެވެ! މާނައަކީ ފުދުންތެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ.
މިގޮތަށް ވިސްނާށެވެ! އޭނާ އާއި ކައިވެނި ނުކުރެވުނީ ކައިވެނިކުރެވުނުނަމަ ލިބެން އޮތް ބޮޑު ދެރައަކުން ނުވަތަ ހިތްދަތިކަމަކުން ސަލާމަތްކުރައްވަވަން ކަމެވެ. އެވިސްނުމުގައި ހުރެ ކިޔުންތެރިޔާގެ ދިރިއުޅުން މާއުޖާލާކޮށްދޭނެ ބައިވެރިޔާއަށް އިންތިޒާރުކުރާށެވެ! ﷲ ތަޢާލާގެ އިންތަކުގައި ޘާބިތުވެ ހުރެއްޖެނަމަ އެއަންހެނަކު ތިބާއަށް ދައްކަވާނެތެވެ. އިން ޝާ ﷲ
ހަމައެއާއިއެކު ވިސްނާށެވެ! ތަނަވަސްކަން ހުންނަ އަންހެނުންވެސް އަދި ފިރިހެނުންވެސް އެމީހުން ބޭނުންވެގެން ފަޤީރުންނާއިވެސް ކައިވެނިކުރެއެވެ. ދަރިން ފަޤީރުންނާއި ކައިވެނިކުރުވަން ބޭނުންވާ މައިންބަފައިންވެސް ތިބެއެވެ. ތިބާއަށް ލޯބިވެވުނު ކުއްޖާގެ މައިންބަފައިންގެ ވިސްނުން ތަފާތީއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ ޢާއިލާއެއްގެ ތެރެއަށް ވަންނަން ނުވިސްނުމެވެ.
- މިއަދުނޫސް