މިކަނބުލޭގެ ފަދައިން ޘާބިތުވެވިއްޖެނަމަ ފިޔަނެތަސް އުދުހެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
މިކަނބުލޭގެ ފަދައިން ޘާބިތުވެވިއްޖެނަމަ ފިޔަނެތަސް އުދުހެވޭނެ!

އެއީ ބަނޑަށް 5 މަހުގެ މާބަނޑު އަންހެނެކެވެ.

އޮފީހުން ނިމިގެން ގެއަށްދިއައީ ހިނގާފައެވެ. މަގުމަތިން ބައްދަވާ ޒުވާން ފިރިހެނަކު އޭނާގެ ފަހަތުން ހިނގަމުން ވާހަކަދައްކަން މަސައްކަތްކުރިއެވެ.  

ފުރަތަމަ ކުރީ ތަޢްރީފެވެ. "ތިބާފަދަ ރީތި އަންހެނަކު މާބަނޑު އިރުގައިވެސް ގަދަހޫނުގައި ހިނގަންޖެހުނީތީ ދެރަވަމެވެ" ދެން އައީ ހުށަހެޅުމެވެ. "ފިރިމިހާއަށް ސިއްރުން އަހުރެންނާއި ގުޅުން ބާއްވާށެވެ. ބޭނުމިއްޔާ ސައިކަލެއް ނޫނީ ކާރެއްވެސް ގަނެދީފާނަމެވެ." ގުޅުން ބާއްވަން ކުރަންޖެހޭނީ ކޮންކަމެއްތޯ ސުވާލުކުރުމުން ބުނީ އެކަން އެނގޭނެ ކަމަށެވެ. އެހެން ބުނުމުން އިތުރަށް ވާހަކަ ނުދައްކައި ދިއައީއެވެ.  

ޖެހިގެން އައި ދުވަހުވެސް ޒުވާނާ ބައްދަލުކުރިއެވެ. ސުވާލުކުރީ ތިބާ ތެދުވެރިވާން ތިއަވަރަށް ހިފާފައިހުރިއިރު ފިރިމީހާ އުޅެމުން އަންނަ ގޮތް އެނގޭތޯއެވެ؟ ނޫނީ ހިތް ކަންކަމަށް ބޭނުންނުވަނީތޯއެވެ؟ ޖަވާބުގައި އޭނާ ބުނީ "ފިރިމީހާ ގޯސްކަމެއް ކުރާކަމެއް އެނގިފައެއް ނެތެވެ. ގޯސްކަމެއް ކުރާނަމަ އެކަމުން ދެރަލިބޭނީ އެކަންކުރާ މީހަކަށެވެ. ދެން ތިއަ ސުވާލުކުރީ ކަންކަމަށް ހިތް ނުއެދެނީތޯއެވެ؟ ކޮންމެ މީހެއްގެ ހިތްވެސް ބައިވަރު ކަންކަމަށް އެދޭނެއެވެ. ހިތް ކަންކަމަށް އެދުމަކީ ޢަބުރާ ޢިއްފަތް ވިއްކާލަން އޮތް ސަބަބެއް ނޫނެވެ.  

އަދިވެސް ބުނަން ހެއްޔެވެ؟ ތިއަގޮތަށް ވާހަކަ ތިއަދައްކަނީ ބައެއް އަންހެނުން ހައްލުވައިލެވޭތީއެވެ. ނަމަވެސް ކޮންމެ އަންހެނަކީ ހެއްލޭނެ އަންހެނެއް ނޫނެވެ. ހަމަޔަޤީނުންވެސް އަހުރެން ނުހެއްލޭނަމެވެ. ފާފައެއް ނުކުރާނަމެވެ. ފިރިމިހާއަށް ބޭވަފާތެރިއެއްވެސް ނުވާނަމެވެ. އެހެން ފިރިހެނަކަށް ތިއަގޮތަށް ބަލައިލާނީވެސް ކައިވެނި ރޫޅިއްޖެނަމައެވެ. ދުޢާއަކީ އެފަދަ ދުވަހެއް ނުދެއްކެވުމެވެ.  

މިކުރު ވާހަކަކޮޅުގައި ވަރަށް ފައިދާހުރި ފިލާވަޅުތަކެއްވެއެވެ. ފުރަތަމަ ކަމަކީ ސިފަރީތިނަމަ އަޅައިގެނެގެން ފަހަތުން ހިނގާނެ މީހުން ގިނަވާނެ ކަމެކެވެ. އެއްބައަކު ފުރަތަމަވެސް ދައުވަތު ދޭނީ ފާޙިޝް ކަންކަމަށެވެ. އަނެއްބައަކު ފުރަތަމަ އުޅޭނީ ލޯބިވާކަމަށް ހެދިގެންނެވެ. ބޭނުންވާ ކަންކަން ޙާޞިލުކުރަން ތަނަވަސްކަންވެސް ހުށަހަޅާނެއެވެ. ހިފަން ހުރިއްޔާ އެހީތައްވެސް ފޯރުކޮށްދޭނެއެވެ.  

ދެވަނަ ކަމަކީ މަޅީގައި ޖެހޭ އަންހެނުން މަދެއް ނުވާނެއެވެ. ނަމަވެސް ތިމާގެ ދިރިއުޅުމާއިމެދު ވިސްނާ ހަމައެކަކުވެސް ނުޖެހޭނެއެވެ. މަޅީގައި ޖެހޭ އަންހެނުން ގިނަވުމަކީ ހުރިހާ އަންހެނުން މަޅީގައި ޖެއްސުވޭނެ ސަބަބެއް ކަމަށް ހީވެސްނުކުރާށެވެ!

 

- ލައިމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން