ލޯބިވާކަމަށް ބުނެ އަނެކާގެ ހިތް ކަތިލުމުން އޮހޮރާ ކޮންމެ ކަރުނަތިއްކަކީ ބާރުގަދަ އެސްފީނާއަކަށްވުރެ ބޮޑު ނުރައްކަލެއް! ލިބޭ ދެރައިން ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ލޯބިވާކަމަށް ބުނެ އަނެކާގެ ހިތް ކަތިލުމުން އޮހޮރާ ކޮންމެ ކަރުނަތިއްކަކީ ބާރުގަދަ އެސްފީނާއަކަށްވުރެ ބޮޑު ނުރައްކަލެއް! ލިބޭ ދެރައިން ސަލާމަތެއް ނުވެވޭނެ!

އެއް ދުވަހަކު ދޮރުގެ ބެލްޖެހީމާ ހުޅުވުމުން ގެއަށްވަން ޒުވާން އަންހެނެކެވެ. އެއިރު ގޭގައި ތިބީ މަންމައާއި ދަރިފުޅެވެ. ގެއަށްވަން ކުއްޖާ ބުންޏެވެ! "އަހުރެންވެސް ޤަބޫލުކުރަމެވެ. ތިބާއަށްވުރެ އަހުރެން ފަޤީރެވެ. އަހުރެންގެ މައިންބަފައިންނަކީ ފަޤީރުންނެވެ. އެހެންކަމާއިއެކުގައިވެސް ތިބާ އަހުރެންދެކެ ލޯބިވާ ކަމަށާއި ކައިވެނިކުރާނެ ކަމަށް ވަޢުދުވަމުން އައިމަ އެއީ ތެދެއްކަމަށް ބަލައި އަހުރެން އަހުރެންގެ ފެންވަރުން ތިބާއަށް އެތައް ކަމެއް ކޮށްދިނީމެވެ.  

ނަމަވެސް މިއަދު ތިބާ ތިއަބުނަނީ އަހުރެން ފަޤީރުވީމާ ކައިވެނިކުރެވެން ނެތްކަމަށެވެ. ދެރައީ އަހުރެންނަކީ ފަޤީރަކުކަން ކުރިން ތިބާއަށް ނުއެނގުނީތީއެވެ. އެކަމަކަށްވެސް އެއްވެސް ޝަކުވާއެއް ނެތެވެ. އަހުރެން ކޮށްދިން އެއްވެސް ކަމަކަށް ބަދަލެއްވެސް ބޭނުމެއް ނޫނެވެ. އެހެންކަމާއިއެކުވެސް އެކިފަހަރުމަތިން ދަރަނީގެ ގޮތުގައި ނަގާފައިވާ 40،000 ރުފިޔާ އަނބުރައިދޭށެވެ. އެފައިސާދިނީ ބޭންކުން ލޯނުނަގައިގެންނެވެ. މަންމަ ބަލިވެ ހޮސްޕިޓަލުގައި އޮންނާތީ ޚަރަދުތައް ބޮޑުވެ ލޯނު ދެއްކޭކަށް ނެތެވެ. ބޭނުންކުން ކޮންމެ ދުވަހަކު ފައިސާ ހޯދަން އެބަގުޅައެވެ. ސިޓީ ފޮނުވައެވެ. ވީމާ އެކަން ހަމަޖައްށާލައިދޭށެވެ. އެއިރުން ނިމުނީއެވެ." އެހިސާބަށް ބުނެވުނުތަނާ ރޮވެން ފަށައިފިއެވެ.  

އެހިސާބުން އެކުއްޖާ އެދެއްކީ ތެދުވާހަކަތަކެއްތޯ މަންމަ ސުވާލުކުރުމުން ފުރަތަމަ އުޅުނީ ދޮގުިހަދާށެވެ. ނަމަވެސް މަންމަ ރުޅިގަދަވެފައިހުރިވަރުން ދޮގުހެދިކަން އެނގިއްޖެނަމަ އިތުރަށް ކަންކަން ގޯސްވެދާނެތީ ދޮގުހަދާކަށް ނުކެރުނެވެ.  

އެފައިސާ ދީފައި މަންމަ ބުންޏެވެ. "ފުރަތަމަ ކަމަކަށް ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްދޭއިރު މީހެއްގެ އަތުން ފައިސާ ހޯދަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ ދެވަނަ ކަމަކަށް ފަޤީރުންނާ ކައިވެނިނުކުރަން އޮތީ ކޮންފޮތެއްގައި ހެއްޔެވެ؟ ދަރިފުޅާއެވެ! ދެންވެސް ވިސްނާށެވެ! ލޯބިނުވާއިރުވެސްލޯބިވާކަމަށް ބުނެ، ކައިވެނި ނުކުރާނެއިރުވެސް ކައިވެނިކުރާނެކަމަށްބުނެ  ނިކަމެތި އަންހެނެއްގެ ހިތް ކަތިލުމުން އޭނާގެ ލޮލުން އޮހޮރާ ކޮންމެ ކަރުނަތިއްކަކަށްވެސް އަގުނުދައްކައި ސަލާމަތެއް ނުވެވޭނެއެވެ. އެއީ އެންމެ ނުބައި އެސްފީނާ ޖެހުމަށްވުރެވެސް ބިރުހުރި ކަމެކެވެ. ލޯބިވެގެން ކަމަސްބުނެ ލަނޑުދެމުންދުވާ މީހުންނަށް އުފާވެރި ދިރިއުޅުމެއް ނުއުޅެވޭ ސަބަބަކީވެސް އެއީއެވެ."  

އެހެންބުނެފައި އަންހެންކުއްޖާއަށް ބުންޏެވެ. "ދަރިފުޅާއެވެ! މަނަމަގެ ހޮސްޕިޓަލް ބިލް ދައްކައިދޭނީވެސް މަންމައެވެ. އަހުރެންގެ ދަރިފުޅަށް ހިތްހަލާލުކޮށްދޭށެވެ. ހިތުގައި ޙަސަދަވެރިކަން ނުބާއްވާށެވެ! އަދި އޭނާއަށްޓަކައި ހެޔޮދުޢާކޮށްދޭށެވެ! އިތުރަށްވެސް އެހީވާނަމެވެ!"

އަންހެން ކުއްޖާ ބުނީ ހިތް ޙަލާލު ކަމަށާއި ނަމަވެސް އިތުރު އެހީއަކަށް ބޭނުން ނޫން ކަމަށެވެ. އެހެން ބުނެފައި ނުކުމެގެން ދިއައީއެވެ.  

މިޙާދިސާއަށް ވިސްނާށެވެ! އެމަންމަ އެދިނީ ވަރަށް އަގުހުރި ނަޞީޙަތެކެވެ. އަންހެނުންނާއި ފިރިހެނުންވެސް ޤަބޫލުކުރަންޖެހޭ ނަޞީޙަތެކެވެ. އެއްވެސް މީހެއްގެ ހިތުގަ ޖައްސުވާފައި ތިމާއަށް އުފާވެރިކަން ލިބޭނެ ކަމަށް ހީވެސްނުކުރާށެވެ.

 

- މިއަދުނޫސް

 

މިއަދު އޮންލައިން