މުޞީބާތެއް ކުރިމަތިވެއްޖެނަމަ ސިކުނޑިއަށް ލުއިލިބި ހިތްހަމަޖެހުން ލިބޭނެ މަގު-: ޝައިޚް ޢާޞިމް އަލް-ޙަކީމް

ކިޔުމަށް ހޭދަވާނީ 3މ
މުޞީބާތެއް ކުރިމަތިވެއްޖެނަމަ ސިކުނޑިއަށް ލުއިލިބި ހިތްހަމަޖެހުން ލިބޭނެ މަގު-: ޝައިޚް ޢާޞިމް އަލް-ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ޝައިޚް، އަޅުގަނޑުގެ ސުވާލަކީ، މުޞީބާތެއް ކުރިމަތިވާ ހިނދު، ﷲ ގެ ނަޞްރާއި އެހީތެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އަމިއްލަ ނަފްސު މަޑުމޮޅިކޮށް ތަވާޟުޢުވެރިވާނީ ކިހިނެއްތޯއެވެ؟  

ޖަވާބު: މުޞީބާތެއް ޖެހޭ ހިނދު ތިމާގެ ނަފްސަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި، ބައެއް ކަންކަން ދެނެގަންނަން ޖެހެއެވެ. 

ފުރަތަމަ ކަމަކީ، މި މުޞީބާތަކީ ކާއިނާތު އުފެއްދެވުމުގެ 50،000 އަހަރު ކުރިން ﷲ މިންވަރުކުރައްވައި ލިޔުއްވާފައިވާ ކަމެއްކަން ދެނެގަތުމެވެ. އެތައް ހާސް އަހަރެއް ކުރިން މިކަން އޮތީ ލިޔެވި ނިމިފައެވެ. މި މުޞީބާތް ތިބާއަށް ކުރިމަތިވާނެއެވެ. އެއްވެސް އެއްޗަކަށް އެކަން ނުހުއްޓުވޭނެއެވެ. އެހެންކަމުން، ކަމެއް ދިމާވުމުން، އާދެ! އަހަރެމެން ދެރަވެއެވެ. މާޔޫސްވެސް ވެދާނެއެވެ. ދަރިއަކު ވަކިވެދިއުމުން، ނުވަތަ ވިޔަފާރިއެއް ގެއްލުމުން، ނުވަތަ އެކްސިޑެންޓެއް ނުވަތަ ބައްޔެއް ޖެހުމުން އަހަރެން އުފަލެއް ނުވެއެވެ. އެކަމަކު އަހަރެން މިހުރީ ރުހިގެންނެވެ. ސަބަބަކީ ﷲ އެކަން މިންވަރުކުރައްވާފައިވާނަމަ ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތީމައެވެ. އެއީ އަހަރެން އަމިއްލައަށް ކުރި ކަމެއް ނޫނެވެ. އެއީ ﷲ ގެ ހަޟްރަތުން އައި އިމްތިހާނެކެވެ.

ޔޫސުފްގެފާނަށް ބައްލަވާށެވެ! އެކަލޭގެފާނަކީ ﷲ ގެ ރަސޫލެކެވެ. އަމިއްލަ އުޚުތުން އެކަލޭގެފާނު އެކަހެރިކޮށް ވަޅަކަށް އެއްލާލިއެވެ. އެއަށްފަހު އަޅެއްގެ ގޮތުގައި ވިއްކާލެވުނެވެ. ދެން އުޅުއްވި ގަނޑުވަރުގެ ސާހިބުކަމަނާ އެކަލޭގެފާނު މަގުފުރައްދަން އުޅުނެވެ. އެކަމަށް އިންކާރު ކުރެއްވުމުން އެތައް އަހަރަކު ޖަލަށްލެވުނެވެ. އެކަލޭގެފާނު ކުރެއްވި އެއްވެސް ކުށެއް ނެތެވެ. އެހެންނަމަވެސް އެކަލޭގެފާނު ހުންނެވީ ރުހިވަޑައިގެންނެވެ. ދަޢުވަތު ދެއްވުމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ އެއީ ﷲ ގެ ހަޟްރަތުން އައި ކަމެއް ކަމެވެ. 

ދެވަނަ ކަމަކީ، ތިމާއަށް ކުރިމަތިވެފައިވާ މުޞީބާތުގެ ބުރަދަން ލުއިކޮށްދޭނެ ފިކުރެކެވެ. އެއީ ތިމާ މިހާރު ހުރި ހާލަތަށްވުރެ މާ ނުރައްކާތެރި ނުވަތަ މާ ހިތްދަތި ހާލަތެއް މިންވަރު ކުރެއްވުމުގެ އިހުތިމާލު އޮތްކަން ދެނެގަތުމެވެ. އެހެންކަމުން، ކޮންމެ ހާލަތެއްގައިވެސް ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުން މުހިންމެވެ. ތިބާއަށް ބައްޔެއް ޖެހި، އޭގެ ތަދާއި އުނދަގޫ ބޮޑުވި ނަމަވެސް 'الحمد لله' ކިޔާށެވެ. އެއީ ފަރުވާ ނުކުރެވޭ ފަދަ ނުރައްކާތެރި ކެންސަރު ބައްޔަކަށް ނުވިކަމަށްޓަކައެވެ. ނުވަތަ އެ ބަލި ތިބާގެ މައިންބަފައިންނަށް، ދަރިންނަށް ނުވަތަ ބައިވެރިޔާއަށް ޖެހި، އެބައިމީހުންގެ ތަދު ބަލަން ނުޖެހުނު ކަމަށްޓަކައެވެ. މިއަށްވުރެ މާ ގޯސް ގޮތެއް މިންވަރު ކުރެއްވުނީސްކަން ހިތަށް އެރުވުމަކީ ހިތަށް ކެތްތެރިކަން ލިބޭނެ ކަމެކެވެ. 

ޣައްޒާގެ މީހުންނަށް ބައްލަވާށެވެ. ﷲ އެބޭފުޅުންނަށް ކެތްތެރިކަމާއި، މަތިވެރި ދަރަޖަ ދުނިޔެއާއި އާޚިރަތުގައި މިންވަރު ކުރައްވާށިއެވެ. އެއިން ކޮންމެ މީހަކު މަދުވެގެން ސަތޭކަ ނުވަތަ ސަތޭކަ ފަންސާސް ގާތް ތިމާގެ މީހުން ވަނީ ގެއްލިފައެވެ. މައިންބަފައިން، އަނބިދަރިން، ޢާއިލާ އެއްކޮށް ނެތިގޮސްފައި އެބަހުއްޓެވެ. އޭނާގެ ދަރިފަސްކޮޅުން ބާކީ ހުރި މީހަކު ނެތް މީހުން އެބައުޅެއެވެ. މި ހުރިހާ ކަމެއް މި ހިނގަނީ ދުނިޔޭގެ ކުރިމަތީގައެވެ. މުސްލިމުން ބަލަން ތިއްބައެވެ. އެއްވެސް ކަމެއް ނުކޮށް، އިނގިލިވެސް ހަލުވާނުލާ ތިއްބައެވެ. ނަމަވެސް އެބައިމީހުންނަށް އެނގެއެވެ، މިއީ ﷲ ގެ ހަޟްރަތުން އައި ކަމެއްކަމަށް އެބައިމީހުން ތިބީ ރުހިގެންނެވެ. ޤިޔާމަތް ދުވަސް އަންނާނެކަން އެމީހުން ދަނެއެވެ. އަދި އިހުމާލުވި މީހުންނަށް އޭގެ ނަތީޖާ ފެންނާނެކަންވެސް ދަނެއެވެ. ވީމާ، މިއަށްވުރެ މާ ގޯސް ހާލަތެއް އަތުވެދާނެކަން އިހުސާސްވުމުން، ތިބާގެ ހާލަތަށް ޝުކުރުވެރިވާން ފެށޭނެއެވެ. 

- ޝައިޚް ޢާޞިމް އަލް-ޙަކީމްގެ ދަރުސަކުން 

- މިއަދުނޫސް

 

 

މިއަދު އޮންލައިން