މަރްޔަމް ސާޖިދާ
ކީރިތި ޤުރުއާނުގައި މާތްﷲއަށް އަޅުކަންކުރުމަށް އަމުރުކުރެއްވުމަށްފަހު، ދެން އެންމެ ބޮޑު އަމުރުފުޅެއްގެ ގޮތުގައި އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. މަންމައަށް ހެޔޮކޮށް ހިތުމުގެ ސަބަބުން މީހަކަށް ލިބިދާނެ އެންމެ މަތިވެރި ޝަރަފުގެ އެންމެ ފުރިހަމަ އެއް މިސާލަކީ ތާބިޢީ ބޭކަލެއްކަމުގައިވާ އުވައިސުލް ޤަރަނީއެވެ.
އުވައިސުލް ޤަރަނީގެ ޤުރުބާނީ:
އުވައިސުލް ޤަރަނީ އަކީ ރަސޫލާ ﷺ ގެ ޒަމާނުގައި ޔަމަނުގައި ދިރިއުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ރަސޫލާ ﷺ ދުނިޔޭގައި ހުންނަވަނިކޮށެވެ. ނަމަވެސް، މަދީނާއަށް ހިޖުރަކުރައްވަވައި ރަސޫލާ ﷺ އާއި ބައްދަލުކުރައްވަވައި ޞަޙާބީ ބޭކަލަކަށްވެވަޑައިގަތުމުގެ މަތިވެރި ޝަރަފަށްވުރެ އެކަލޭގެފާނުގެ ބަލި މަންމައަށް ޚިދުމަތްކުރެއްވުމަށް ޔަމަނުގައި މަޑުކުރެއްވުމަށް އެކަލޭގެފާނު އިސްކަންދެއްވިއެވެ. މަންމަގެ ރުހުން ހޯދުމަށްޓަކައި ކޮންފަދަ ބޮޑު ޤުރުބާނީ އެއްތޯއެވެ!
މަންމަގެ ޚިދުމަތުގައި ދެއްކެވި ނަމޫނާ:
އުވައިސުލް ޤަރަނީގެ މަންމާފުޅަކީ ލޯފަން މުސްކުޅި ބޭކަނބަލެކެވެ. މަންމަ ހައްޖަށްދާން ބޭނުންވި ނަމަވެސް، އެކަލޭގެފާނުގެ އަތްޕުޅުގައި ދަތުރުގެ ޚަރަދުގެ ކުރާނެ ފައިސާއެއްނެތެވެ. އެހެންކަމުން، ހައްޖަށް ދިޔުމަށްޓަކައި، މަންމަ ކޮނޑަށް ލައްވައިގެން ޔަމަނުން މައްކާއަށް ދަތުރުކުރެއްވިއެވެ. އެބުރަ ދަތުރުގައި އެކަލޭގެފާނު ދެއްކެވި ކެތްތެރިކަމާއި، އޯގާތެރިކަމަކީ އުޑުތަކުގެ އަހުލުވެރިންގެ އަރިހުގައި އެކަލޭގެފާނު މަޝްހޫރުވެގެންދިޔަ ސަބަބެވެ.
ﷲގެ ޙަޟްރަތުގައި ލިބިވަޑައިގަތް މަތިވެރި ދަރަޖަ:
ރަސޫލާ ﷺ އާއި ބައްދަލުވެވަޑައިނުގަތް ނަމަވެސް ރަސޫލާ ﷺ ވަނީ އުވައިސުލް ޤަރަނީއަކީ ތާބިއީ ބޭކަލުންގެ ތެރެއިން އެންމެ ހެޔޮލަފާ ބޭކަލަކީ އެކަލޭގެފާނު ކަމުގައި ސިފަކުރައްވަވާފައެވެ. މިއުންމަތުގެ ދެވަނަ ޚަލީފާ ޢުމަރު ބުން އަލްޚައްޠާބް އަށް އުވައިސުލް ޤަރަނީއާއި ބައްދަލުވެއްޖެނަމަ، އެކަލޭގެފާނުގެ އަރިހުން ދުޢާއަށް އެދުމަށް ރަސޫލާ ﷺ އިރުޝާދުދެއްވެވިއެވެ. ސަބަބަކީ އުވައިސުލް ޤަރަނީ އެކަލޭގެފާނުގެ މަންމައަށް ބެހެއްޓެވި އިޙުސާންތެރިކަމާއި އޯގާތެރިކަމުގެ ސަބަބުން، ﷲ ސުބުޙާނަހު ވަތަޢާލާގެ ޙަޟްރަތުގައި އެކަލޭގެފާނުގެ ދުޢާ އިޖާބަވާލެއް އަވަސްކަމުގެ ސަބަބުންނެވެ.
އަޅުގަނޑުމެން ލިބިގަންނަން ޖެހޭ ޢިބުރަތް:
އުވައިސުލް ޤަރަނީގެ ޙަޔާތްޕުޅަށް ނަޒަރު ހިންގާލުމުން އަޅުގަނޑުމެނަށް ލިބިގެންދާ އެންމެ މުހިންމު އެއް ފިލާވަޅަކީ ، މަންމައަށް ހެޔޮކޮށް ހިތުމަކީ، ﷲ ސުބުޙާނަހު ވަތަޢާލާގެ ރުހުން ލިބިގެންދާ ކަމެއްކަމެވެ. ދުނިޔޭގެ ކުރިމަތީގައި ތިމާއަކީ ކިތަންމެ އާދައިގެ މީހެއް ނަމަވެސް، މަންމައަށް ހެޔޮކޮށްހިތުމަކީ، އުޑުތަކުގެ އަހުލުވެރިންގެ އަރިހުގައި ތިމާގެ އަގު އަރައިގެންދާ ކަމެއްކަމެވެ. މީހަކަށް ލިބޭނެ މިއަށްވުރެ ބޮޑު ނަސީބެއް، އުފަލެއް އޮންނާނެތޯއެވެ. ނަތީޖާއެއްގެ ގޮތުން އެމީހެއްގެ ދުޢާއަކީ އިޖާބާވެވޭ ދުޢާއަކަށް ވެގެންދެއެވެ. އެހެންކަމުން އަޅުގަނޑުމެންވެސް، އަޅުގަނޑުމެންގެ މައިންބަފައިންގެ ބޭނުންތަކަކީ ކޮބައިތޯ ބަލައި، ލޯތްބާއި ވަގުތު އެމީހުނަށް ދޭންޖެހެވެ.
މަންމައަށް ހެޔޮކޮށް ހިތުމަކީ ހަމައެކަނި އަހަރަކު އެއްފަހަރު އަންނަ މަންމައިންގެ ދުވަހު އެކަނި ކުރަން އޮތް ކަމެއް ނޫނެވެ. ނަމަވެސް، އަޅުގަނޑުމެންގެ ދުވަހީ ތާވަލުން ކޮންމެވެސް ވަގުތުކޮޅެއް އެމަންމައަށްޓަކައި ހުސްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. ޚަރަދުކުރާނެ ފައިސާއަށްވުރެ، މިއަދު އެމަންމައަށް މުހިންމީ އަޅުގަނޑުމެން އެކުގައި ހޭދަކުރާ ވަގުތެވެ. ދުރުގައި ހުރި ނަމަ، ގުޅާ ޙާލު ބެލުމެވެ. މަންމަ ގުޅުމުން ފޯނަށް ޖަވާބުދިނުމެވެ.
އަޅުގަނޑުމެންގެ މަންމައިންނަކީ އަޅުގަނޑުމެންގެ ސުވަރުގެކަމުގައިދެކި މަންމައިންނަށް އޯގާތެރިވެ އިޙުސާންތެރިވަމާ ހިނގާށެވެ. އަދި މަންމަ ނިޔާވެފައިވާނަމަ، އެމަންމަގެ ނަމުގައި ޞަދަޤާތްކޮށް، ކޮންމެ ނަމާދެއްގެ ފަހުގައި މަންމައަށް ފާފަފުއްސެވުންއެދި ދުޢާކުރުންމަތީ ދެމިހުންނާށެވެ. މަންމައަށްކުރާ ޚިދުމަތަކީ ދުވަހަކުވެސް ބޭކާރުވެގެންދާނެ ޚިދުމަތެއް ނޫނޭވެ.
- މިއަދުނޫސް