އަހުރެމެންނަށް ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވެން އޮތީ ހިތް ޠޯހިރުކޮށް ﷲ ތަޢާލާގެ އެންގެވުންތަކަށް ހިތުގައި ލޯބި އިތުރުކުރެވުނުވަރަކުންނެވެ. ނަމަވެސް މިއަދު ގިނަބައަކަށް ހިތުގެ ބޭނުންކުރެވެނީ ދުނިޔަވީ އުފާތަކުން އުފާވެރިކަން ހޯދުމަށެވެ. ވީމާ އިތުރަށް ވިސްނައިލަމާ ހިނގާށެވެ!
ތިމާގެ ހިތަކީ ﷲ ތަޢާލާއަށް ބިރުވެތިވާ، ސާފުޠޯހިރު ހިތަކަށް ވެގެން މެނުވީ ޤިޔާމަތް ދުވަހު ތިމާއަށް އެއްވެސް ކާމިޔާބީއެއް ނުލިބޭނެއެވެ. ހިތާއިމެދު ސަމާލުކަންދޭން އެހައިބޮޑަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހައިވަރުގަދައަށް ވަޞިއްޔަތް ކުރައްވަވާފައިވަނީ އެފަދަ އެތައް ސަބަބުތަކަށްޓައެވެ.
ތިމާގެ ހިތަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވާ ހިތެއްކަން ކަނޑައެޅުމަށްޓަކައި ދެކަމަކަށް ބަލައިލުން ރަނގަޅުވާނެއެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގެންނުވާ އެއްވެސް ކަމެއް ކުރަން ތިމާގެ ހިތް ޝައުޤުވެރިނުވުމެވެ. އެފަދަ ކަމެއް ކުރަން ބޭނުންނުވުމެވެ.
ދެވަނަ ކަމަކީ ޝިރުކުކުރުމާއި މީސްތަކުންދެކެ ރުޅިއައުމާއި ޙަސަދަވެރިކަމުން ސަލާމަތްވެފައިވާ ހިތަކަށްވުމެވެ.
ހަމައެއާއިއެކު ބޮޑުފައިދާއެއް ލިބެން އޮތް ވިޔަފާރިއެއް ނުލިބުމުން ވާނެދެރައަށްވުރެ ބޮޑަށް ޖަމާޢަތުގައި ނަމާދުނުކުރެވިއްޖެނަމަ ދެރަވާ ހިތަކަށްވާންޖެހޭނެއެވެ. މިސާލަކަށް ބުނާނަމަ ދެރަވާންޖެހޭނީ ވަގުތުގައި ނަމާދު ނުކުރެވިގެނެއް ނޫނެވެ. ޖަމާޢަތުގައި ނުކުރެވިގެންނެވެ.
އަދި ބުނަންހެއްޔެވެ؟ ސާފުޠޯހިރު، ﷲ ތަޢާލާއަށް ބިރުވެތިވާ ހިތެއް ލިބުމުގެ އެންމެ މަތީ ދަރަޖައަކަށްވާނީ ނަމާދުވަގުތުޖެހޭތޯ ބަލަބަލައި ހުންނަ މީހަކަށްވުމެވެ. ނަމާދު ވަގުތުގެ އިންތިޒާރީގައި ހުންނަ މީހަކަށްވުމެވެ. އަދި އެމީހަކަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނަމާދުކުރުމުން ިބޭ ހިތްހަމަޖެހުންކަމުގައިވުމެވެ.
ވީމާ ގަދައަޅައި މަސައްކަތްކުރަންވީ މި ބަޔާންކުރި ޙާލަތަށް ދިއުމަށެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ލިބުންވަނީ އެފަދަ މީހުންނަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން