ތިމާގެ ސިފަ ރީތިކުރަންވީ ދުނިޔޭގައި އުޅުމަކަށް
ނޫނެވެ. އާޚިރަތަށްޓަކައެވެ. އާޚިރަތަށްޓަކައި ސިފަރީތިކުރަން ﷲ ތަޢާލާ ތިމާ ދުނިޔެއަށް ފޮނުއްވެވި ސިފައަށް ބަދަލުގެންނާކަށް ނުޖެހޭނެއެވެ. އިޞްލާޙްކުރަންޖެހޭނީ ތިމާގެ ކިބައިގައި ހުންނަ ނުރަނގަޅު ސިފަތަކެވެ.
އިންސާނާ ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ އެދިވޮޑިގަންނަވާ ސިފައިގައެވެ. ނަމަވެސް މީސްތަކުން މިއަދު މިއުޅެނީ އެކަން ޤަބޫލުނުކުރެވިގެންނެވެ. ކޮންމެވެސް އެހެން މީހަކު އުފައްދަވާ ސިފައިގައި ހުންނަން ބޭނުންވެގެންނެވެ.
އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އެމީހާ ދުނިޔެއަށް އަންނަން ބޭނުންވާ ސިފައަކަށް ނޫނެވެ. އެމީހަކު ބޭނުންވާ ކުލައެއްގައެއްވެސް ނޫނެވެ. އެމީހަކު ބޭނުންވާ ނަސްލަކުންވެސް ނޫނެވެ. އަދި އެމީހާގެ މައިންބަފައިން ކަމަށްވަނީވެސް އެމީހަކު ބޭނުންވާ ބައެއް ނޫނެވެ. މިހުރިހައި ކަންކަމެއް މިންވަރު ކުރައްވަވަނީ އިންސާނާ ދުނިޔެއަށް ފޮނުއްވަވާ ﷲ ތަޢާލާ އެވެ.
އެހެނަސް މިއަދު ގިނަ ބައަކު އެންމެ ގިނައިން ހޯދަން ބޭނުންވާ މައުލޫމާތަކީ އެމީހާގެ ސިފަ ރީތި ކުރާނެ ގޮތުގެ މައުލޫމާތެވެ، ގައިގެ ކުލަ ދޮންކޮށް ހަށިގަނޑުގެ ބައްޓަން ބަދަލުކުރާނެ ގޮތުގެ މައުލޫމާތެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އާޚީރަތް ދުވަހަށް އެއްވެސް ފައިދާއެއް ކުރާނެ ކަންކަމެއް ނޫނެވެ.
އާޚިރަތް ދުވަހު ފައިދާ ކުރާނީ އެމީހާގެ ކިބައިގައި ހުރި ތަޤްވާވެރިކަމަކުންނެވެ. ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ. ކުރި އަޅުކަމަކުންނެވެ. ވީއިރު ސިފަ ބަދަލުކުރަން މިހައި ބޮޑު ސަމާލުކަމެއް ދެނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! އެންމެ ފައިދާހުރި މައުލޫމާތަކީ ﷲ ތައާލާ އާއިބެހޭ މައުލޫމާތެވެ. އިސްލާމް ދީނުގެ މައުލޫމާތެވެ. އިސްލާމް ދީނަށް އަމަލުކުރުމުގެ މައުލޫމާތެވެ. ކުރަންޖެހޭ އަޅުކަމުގެ މައުލޫމާތެވެ. ވީމާ އާޚިރަތް ދުވަހު އެއްވެސް ފައިދާއެއް ނުކުރާނެ މައުލޫމާތު ހޯދުން މުޅިން ހުއްޓައިލާށެވެ! އާޚިރަތް ދުވަހު ތިމާއަށް ފައިދާކުރާނެ މައުލޫމާތު ހޯދުން އިތުރުކުރާށެވެ! އިސްލާމް ދީނަށް އަމަލުކުރުން އިތުރުކުރާށެވެ!
ކޮންމެ މީހަކަށްވެސް ފައިދާކުރާނީ ބޮޑެތި ބިޔަ ފަރުބަދަތައް ސައިޒުގަ، އެންމެ ބިރުވެރި ސިފައިގަ ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވެވުނޫމައެވެ. ސިފަ ރީތިކުރަންވީ މިއަދަކަށް ނޫނެވެ، ދުނިޔޭގައި އުޅޭ ދުވަސްތަކަކަށް ނޫނެވެ! އާޚިރަތް ދުވަހަށެވެ! ގަދައަޅައި މަސައްކަތްކުރަންވީ އެންމެ ރިވެތި ސިފައިގައި ސުވަރުގެ ވައްދަވާނެ އަޅަކަށް ވުމަށެވެ.
--ޝައިޚް ސިރާޖް ވައްހާޖްގެ ދަރުސަކުން