އަނބިމީހާއަށް "ތިއައީ އަހުރެންގެ މަންމައެއް" ފަދަ ބަސްތައް ބުނުމުގެ އަޑު 7 އުޑުމަތިން އައްސަވައި ކަމުގެ ޙުކުމް ބާވައިލެއްވެވި! އެއީ ކައްފާރާދޭން ޖެހޭ ބޮޑުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
އަނބިމީހާއަށް "ތިއައީ އަހުރެންގެ
މަންމައެއް" ފަދަ ބަސްތައް ބުނުމުގެ އަޑު 7 އުޑުމަތިން އައްސަވައި ކަމުގެ
ޙުކުމް ބާވައިލެއްވެވި! އެއީ ކައްފާރާދޭން
ޖެހޭ ބޮޑުކަމެއް!

 

ބައެއް މީހުންނަށް ރުޅިއައުދެވުމާއެކު ބުނަން

ބޭނުންވަނީ އެންމެ ހަރުކަށި ބަސްތަކެވެ. އެއީ ތިމާގެ ބާރުގަދަކަން ދެއްކުމަށެވެ. އެހެންވެ ބުނެވޭ ބަހާއިމެދު ވިސްނާނުލައި ހަރުކަށި ބަސްތައް ބުނެއެވެ. ބުނުން ހުއްދަ ނޫން ބަސްތައްވެސް ބުނެއެވެ.

މިގޮތުން ބައެއް މީހުން ހަމަ ރުޅިއަންނައިރަށް އެމީހުންގެ އަނބިންނަކީ އެމީހުންގެ މައިން ފަދަ ބައެއް ކަމުގައި ބުނެއެވެ. ރުޅި މަޑުވުމުން އެފަދަ ބަހެއް ބުނެވުނު ކަމަށްވެސް ނުހަދައި އެކީގައި އުޅެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. އެފަދަ ބަހެއް ބުނުމަށްފަހު އަނބުރައި ގެނެސް ރޭކުރަން ބޭނުންނަމަ، ދެމަފިރިންގެ ގޮތުގައި އެކުގައި އުޅެން ބޭނުންނަމަ ޖެހޭނީ ކައްފާރާ އަދާކުރާށެވެ.  

ވިސްނުންތެރިކަމާއެކު އަޑުއަހާށެވެ. ޚައުލާ ބިންތި ތަލާބާ (ރޢ)ގެ ފިރިކަލުންނަކީ ވެސް އަދި އެކަމަނާއަކީވެސް އުމުރުފުޅުން ދުވަސްވީ ދެ ބޭކަލުންނެވެ. ފިރިކަލުންނަކީ ވަރަށް ކޯފާ ގަދަ ބޭކަލެކެވެ. އެހެންކަމުން އަނބިކަނބަލުންނަށް ތަފާތު ބަސްތައް ވިދާޅުވަމުން ގެންދެވި ބޭކަލެކެވެ. އެގޮތުން އެއް ދުވަހަކު އަނބިކަނބަލުންނަކީ މައެއް ފަދަ ބޭކަނބަލެއް ކަމަށްވިދާޅުވިއެވެ. އަދި ކޯފާ މަޑުވުމުން ވަޑައިގެން އަނބިކަނބަލުންނާއިއެކު ރޭކުރައްވަން އުޅުއްވެވިއެވެ.  

ނަމަވެސް އެކަމަށް އެކަމަނާ އިންކާރު ކުރައްވަވައި އެކަމަނާ ބޭނުންފުޅުވީ ފިރިކަލުންގެ ޝަކުވާ ﷲ ތަޢާލާއަށް ދެންނެވުމަށެވެ. އެހެންވެ ވަޑައިގެން ރަސޫލް (ﷺ)އަށް އެކަމުގެ ޝަކުވާ ދެންނެވިއެވެ. އަދި މިއީ ﷲ ތަޢާލާގެ އަރިއަހުގައި ކުރައްވާ ޝަކުވާއެއް ކަމަށް ވެސް ވިދާޅުވިއެވެ. 

އެހިނދު ހަތް އުޑުމަތިން ﷲ ތަޢާލާ އެކަމަނާގެ ޝަކުވާ އަޑުއްއްސަވައި އަންނަނިވި އާޔަތްތައް ވަގުތުން ބާވައިލެއްވެވިއެވެ.  

"ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

"ތިޔަބައިމީހުންކުރެ އަނބިންނަށް ظهار ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެއްނޫނެވެ. އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެތެވެ. އަދި ހަމަކަށަވަރުން، އެއުރެން އެ ބުނަނީ مُنكَر ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ." 

"އަދި އެއުރެންގެ އަނބިންނަށް ظهار ކޮށް، ދެން އެއުރެން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް نصيحة ދެއްވާގޮތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

"ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ! އެއީ ތިޔަބައިމީހުން اللَّه އާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެއީ اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި كافر ންނަށް ވޭންދެނިވި عذاب ހުށްޓެވެ." 

(އަލްމުޖާދިލާ ސޫރަތުގެ 1 ން 4 އަށް)

މުސޫރަތަށް ނަން ދެއްވަވާފައި އެވަނީވެސް "ޝަކުވާކުރަން ދިއަ އަންހެނާ"ގެ ނަމުންނެވެ.  

އެކަމަނާގެ ފިރިކަލުންނަކީ އެއްވެސް ތަނަވަސްކަމެއް ނެތް ބޭކަލަކަށްވުމުން އަޅަކު މިނިވަންކުރެއްވޭކަސް ނެތެވެ. މުސްކުޅިފުޅުވެފައިހުރި ވަރުން ރޯދައެއް ނުހިއްޕެވެއެވެ. ފަޤީރަކަސް ކާން ދެއްވާނެ ފައިސާއެއް ވެސް އަތްޕުލަކު ނެތެވެ. އެނގޭ ހެއްޔެވެ؟ އެ ކަމަނާއަށްޓަކައި ފިރިކަލުން އަލުން ރުޖޫޢަކޮށްދެއްވެވުމަސް އެހީތެރިވެވަޑައިގެން ދެއްވެވުމުގެ ގޮތުން 30 މީހުންނަށް ކާން ދެއްވޭނެ ފަދަ ހަމަޖައްސަވައިދެއްވެވީ ރަސޫލް (ޞޢވ)އެވެ. އަނެއްބައި ހަމަޖެއްސެވީ އެކަމަނާއެވެ.

އެއަށްފަހު އެކަމަނާގެ ފިރިކަލުން ވެވަޑައިގަތީ އެންމެ މާތް ފިރިންގެ ތެރެއިންނެވެ. ދުވަހަކުވެސް ހުތުރު ބަސްފުޅެއްވެސް ވިދާޅެއް ނުވެއެވެ.  

ވީމާ ދުލުން ބުނާ ބަސްތަކަށް ފަރުވާތެރިވާށެވެ! ރުޅި އިސްނުކުރާށެވެ! ހަޑިހުތުރު ބަސްތަކާއި ނުރައްކައުތެރި ބަސްތައް ދުލުން ނުބުނާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން