ޢަލީ އިޙްޞާން ފިރާޤް
މާތްﷲ ގެ އަމުރުފުޅާ އެއްގޮތަށް މަރްޔަމުގެފާނު ގެންދެވީ އެކަމަނާގެ ޙަޔާތްޕުޅުގެ ދުވަސްތައް އެކަލާނގެއަށް އަޅުކަން ކުރެއްވުމަށާއި ޒިކުރުކުރެއްވުމަށް ހުސްކުރައްވަމުންނެވެ. އެހެން އިންނަވައިފައި އެކަމަނާ އެއްފަހަރަކު ބޭނުންފުޅަކު މިޙްރާބުގެއިން ނުކުމެވަޑައިގެންނެވިއެވެ. ނުކުމެވަޑައިގެން ވަޑައިގެންނެވީ ބައިތުލް މަޤްދިސްގެ އިރުމަތީ ފަރާތަށެވެ. އެކަން ބަޔާން ކުރައްވައި، ކީރިތި ޤުރްއާނުގެ މަރްޔަމު ސޫރަތުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا﴿١٦﴾
މާނައީ: [އަދި ކަލޭގެފާނު މި ފޮތުން مريم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! އެކަމަނާ، އެކަމަނާގެ أهل ވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަކަށް ވަޑައިގަތްހިނދެވެ.]
ކޮންމެއަކަސް މަރްޔަމުގެފާނު ބައިތުލް މަޤްދިސްގެ އިރުމަތީ ފަރާތަށް ވަޑައިގެން މީސްތަކުންނާ ނިވާވެވަޑައިގެންނެވުމުން މާތްﷲ އެކަމަނާގެ އަރިހަށް މަލާއިކަތް ބޭކަލަކު ފޮނުއްވިއެވެ. އެމަލާއިކަތް ބޭކަލަކީ ޖިބްރީލުގެފާނުކަމުގައި މުފައްސިރުން ލިޔުއްވައެވެ. އެވާހަކަ މަރްޔަމު ސޫރަތުގެ 17 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވަނީ މިދަންނަވާ ފަދައިންނެވެ.
فَاتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا ﴿١٧﴾
މާނައީ: [ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ وحى ގެ ملائكة އާ، އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ ملائكة އާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ.]
މި މަޒުމޫނުގެ ކުރީގައި ބަޔާންކުރެވިފައިވާނޭ ފަދައިން މަރްޔަމުގެފާނަކީ ނުހަނު ތަޤްވާވެރި ދީންވެރި ބޭކަނބަލެކެވެ. ނުހަނު ޢިއްފަތްތެރި ބޭކަނބަލެކެވެ. އެހެންކަމުން ފުރިހަމަ ފިރިހެނެއްގެ ސިފައިގައި އެ މަލާއިކަތާ ފެނިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. ކަންބޮޑުވެވަޑައިގެން ވިދާޅުވި ބަސްފުޅު މަރްޔަމުގެ ސޫރަތުގެ 18 ވަނަ އާޔަތުގައި ޙިކާޔަތުގެ ގޮތުން މާތްﷲ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَالَتْ إِنِّي أَعُوذُ بِالرَّحْمَـٰنِ مِنكَ إِن كُنتَ تَقِيًّا﴿١٨﴾
މާނައީ: [އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، رحمن ވަންތަ ރަސްކަލާނގެ حضرة ން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (اللَّه އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ.]
މަރްޔަމުގެފާނު އިސްވެދެންނެވި ފަދައިން ވިދާޅުވުމުން މަލާއިކަތާ އެކަލޭގެފާނަކީ މާތްﷲ ގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްކަން އެކަމަނާއަށް ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ މާތްﷲ ގެ ޙަޟްރަތުން އެކަމަނާއަށް ދެއްވާނެ ޚާއްޞަ ބަޝާރަތަކާއިގެންނެވެ. އެއީ ޞާލިޙު ދަރިކަލަކު ލިބިވަޑައިގެންނަވާނެކަމުގެ އުފާވެރި ޚަބަރެވެ. މަރްޔަމުގެ ސޫރަތުގެ 19 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا ﴿١٩﴾
މާނައީ: [އެ ملائكة އާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އަކީމެވެ. ހެޔޮލަފާ، صالح ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށްޓަކައެވެ.]
މިދެންނެވި އާޔަތުގައިވާ ޞާލިޙު ދަރިކަލުންގައި ހުންނާނެ އިތުރު ސިފަތައް ބަޔާން ކުރައްވާ އާލު ޢިމްރާނު ސޫރަތުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
إِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّـهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ ﴿٤٥﴾
މާނައީ: [ملائكة ން ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އޭ مريم ގެފާނެވެ! ހަމަކަށަވަރުން، اللَّه، އެކަލާނގެ حضرة ންވާ كلمة ފުޅެއްގެ خبر ން ކަމަނާޔަށް އުފާވެރި خبر ދެއްވަތެވެ. (އެބަހީ: عيسى ގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ بشارة ދެއްވަތެވެ.) އެ ދަރިކަލުންގެ ނަންފުޅަކީ المسيح عيسى بن مريم އެވެ. އެ ދަރިކަލުން ވާހުށީ ދުނިޔެއާއި آخرة ގައި قدر އުފުލިގެންވާ ބޭކަލެއްކަމުގައެވެ. އަދި، اللَّه، حضرة އަށް ކުއްތަންކުރައްވާފައިވާ ބޭކަލުންގެ ތެރެއިންނެވެ.
އަދި އިތުރަށް ހަމަ އެސޫރަތުގެ 46 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا وَمِنَ الصَّالِحِينَ ﴿٤٦﴾
މާނައީ [އަދި، (އެކަލޭގެފާނު ވާހުށީ) ޅަފަތުގެ ދާނުގައްޔާއި، ދުވަސްވެފައިވާ عمر ގައިވެސް، މީސްތަކުންނާ ވާހަކަދައްކަވާ، އަދި، صالح ންގެ ތެރެއިންވާ ބޭކަލެއް ކަމުގައެވެ.]
ކޮންމެއަކަސް މިވާހަކަތަށް މަލާއިކަތް ބޭކަލެއްގެ ދޫފުޅުން އިވިވަޑައިގެންނެވުމުން އެކަމާ މަރްޔަމުގެފާނު ވަރަށް ޙައިރާންވެވަޑައިގެން އެއްސެވިއެވެ. އެ ދަރިކަލުން ލިބިވަޑައިގަންނަވާނީ މުސްތަޤްބަލުގައި ކުރެވޭ ކާވެނިފުޅެއްގެ ނަތީޖާއެއްގެ ގޮތުންތޯއެވެ. ނުވަތަ އެހެން ގޮތަކުންތޯއެވެ. މަލާއިކަތާ އެކަން ހިނގާނީ ކާވަނިފުޅަކާނުލައި މާތްﷲ ގެ އިޒުނަފުޅާ ކުޅަދުންވަންތަކަމުގެ ތެރެއިންކަމުގައި ބަޔާންކޮށްދެއްވިއެވެ. އެވަގުތު އެކަމަނާއަށް ލިބިވަޑައިގެންނެވި ހާސްކަމެއްގެ ސަބަބުން ވިދާޅުވެވުނު ބަސްފުޅު އާލު ޢިމްރާނު ސޫރަތުގެ 47 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.
قَالَتْ رَبِّ أَنَّىٰ يَكُونُ لِي وَلَدٌ وَلَمْ يَمْسَسْنِي بَشَرٌ ۖ قَالَ كَذَٰلِكِ اللَّـهُ يَخْلُقُ مَا يَشَاءُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ ﴿٤٧﴾
މާނައީ: [އެކަމަނާ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭނީ ކޮންފަދަޔަކުންތޯއެވެ؟ އެއްވެސް އިންސާނަކު ތިމަންއަޅާގެ ގަޔަކު ނުބީހެއެވެ. އެ ملائكة އާ ވިދާޅުވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ.]
މަރްޔަމު ސޫރަތުގެ 20 ވަނަ އާޔަތާއި 21 ވަނަ އާޔަތުގައި މިވާހަކަ ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا ﴿٢٠﴾قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ ۖ وَلِنَجْعَلَهُ آيَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا ﴿٢١﴾
މާނައީ: [އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް آدم ގެދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނާއީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ. އެ ملائكة އާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ حضرة ން މީސްތަކުންނަށް ފޮނުއްވި آية އެއް ކަމުގައްޔާއި، رحمة އެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.]
އަދި އެކަމަނާއަށް ލިބިވަޑައިގަންނަވާނެ ދަރިކަލުންގައި ހުންނަވާނެ އިތުރު ސިފަފުޅުތަކާއި އެކަލޭގެފާނުގެ ޝަރީޢަތުގެ ވާހަކަ މަލާއިކަތާ އެކަމަނާއަށް ބަޔާންކޮށްދެއްވިއެވެ. އާލު ޢިމްރާނު ސޫރަތުގެ 48 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 51 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنجِيلَ ﴿٤٨﴾ وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُم بِآيَةٍ مِّن رَّبِّكُمْ ۖ أَنِّي أَخْلُقُ لَكُم مِّنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّـهِ ۖ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّـهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٤٩﴾ وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِآيَةٍ مِّن رَّبِّكُمْ فَاتَّقُوا اللَّـهَ وَأَطِيعُونِ ﴿٥٠﴾ إِنَّ اللَّـهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۗ هَـٰذَا صِرَاطٌ مُّسْتَقِيمٌ ﴿٥١﴾
މާނައީ: [އަދި، ލިޔުމާއި، حكمة އާއި، توراة އާއި، إنجيل، އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވާނެތެވެ. އަދި، (އެކަލޭގެފާނު ވާހުށީ) إسـرآءيـل ގެދަރިންގެ ގާތަށް ފޮނުއްވާ رسول އެއް ކަމުގައެވެ. (އެކަލޭގެފާނު އެމީހުންނަށް ވިދާޅުވާނެތެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިމަންކަލޭގެފާނީ رسول އަކު ކަމަށް ހެކިދޭ) ސާފު دليل އަކާއިގެންނެވެ. (ފަހެ) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، ދޫނީގެ ސިފައިގައި، މަށިން އެއްޗެއް ހައްދަވައި، އެޔަށް ފުމެލެއްވުމުން، اللَّه ގެ إذن ފުޅުން އެ އެތި، ދޫންޏަކަށް ވެގެންދާނެތެވެ. އަދި، ތިމަންކަލޭގެފާނު، اللَّه ގެ إذن ފުޅާއެކު، ލޯކަނު މީހުންނާއި، برص ބަލިޖެހިފައިވާ މީހުން، ފަސޭހަކުރައްވައި، މަރުވެފައިވާ މީހުން ދިރުއްވާހުށީމެވެ. އަދި، ތިޔަބައިމީހުން ކައިއުޅޭ ތަކެއްޗާއި، ތިޔަބައިމީހުންގެ ގޭގޭގައި ފަހަށް ރައްކާކުރާ ތަކެތީގެ ވާހަކަ، ތިޔަބައިމީހުންނަށް، ތިމަންކަލޭގެފާނު ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުންނީ، إيمان ވާބަޔަކުކަމުގައި ވާނަމަ، (ތިމަންކަލޭގެފާނީ رسول އެއްކަމަށް ހެކިދޭ) ސާފު دليل އެއް އެކަންތަކުގައި ތިޔަބައިމީހުންނަށް ވާކަން ކަށަވަރެވެ. އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ) ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި توراة ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން) حرام ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް حلال ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ންވާ ސާފު دليل އަކާއިގެންނެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އަދި، ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެމެއެވެ. ފަހެ، ތިޔަބައިމީހުން، އެކަލާނގެޔަށް އަޅުކަންކުރާށެވެ! މިއީ، ސީދާވެގެންވާ ތެދުމަގެވެ.]
އަލްޙާފިޡު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. [ޖިބްރީލުގެފާނު އެވާހަކަތަށް ބަޔާކޮށްދެއްވުމުން މާތްﷲ މިންވަރުކުރެއްވި ގޮތާމެދު އެކަމަނާ ރުހިވަޑައިގެންނެވިއެވެ.] އަދިވެސް ވިދާޅުވެފައިވެއެވެ. [ވަރަށް ގިނަ ސަލަފުންގެ ބޭކަލުންގެ އަރިހުން ރިވާވެގެންވެއެވެ. ދެން ޖިބުރީލުގެފާނު އެކަމަނާ ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގެ މަންސަފާއަށް ފުމެލެއްވުމުން އެކަމަނާ އާލާސްވެއިންނަވައިފިއެވެ.]
އިބްނު އިސްޙާޤު ވިދާޅުވެފައިވެއެވެ. ދެން މަރްޔަމުގެފާނު އެކަމަނާގެ ކަންވާރަށް އެތަނުގެ ވަޅަކުން ފެންފުރުއްވައިގެން ވަޑައިގެންގެންނެވިއެވެ. އެކަމަނާ އާލާސްވެއިންނެވުމުން އެކަމާގެ ޙައިޟުގެ ކަންތައްތައް ކެނޑި އެހެން މީހުން ބަލިވެއިނުމުން ދިމާވާ ފަދަ އުނދަގޫތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިއެވެ. އެހެން އެކަންތައް ހިނގާން ފެށުމުން މީސްތަކުންނަށް އެކަންފާހަގަވެ މީސްތަކުން އެކަމަނާއާމެދު ތަފާތު ތުހުމަތުކޮށް ވާހަކަތައް ދައްކަންފެށިއެވެ. އެކަމުން އެންމެ ބޮޑުވޭނާކާއި ތުރާލެއް އުފުލައްވަން ޖެހިވަޑައިގެންނެވީ ޒަކަރިއްޔާގެފާނުގެ އަޙްލުވެރިންނަށެވެ. ބަނީ އިސްރާއީލުންގެ މީސްތަކުން އެކަމަނާއާ މެދު ތުހުމަތުކޮށް ބައިތުލް މަޤްދިސްގައި އުޅޭ ޔޫސުފްއޭ ކިޔުނު މީހަކާމެދު އެކަމަނާއަށް ތުހުމަތު ކުރަންފެށިއެވެ. އެހެނީ އޭރު އެގޮތަށް މިސްކިތުގައި ހުރި މީހަކީ އޭނާއެވެ. އެހެންކަމުން އެކަމަނާ އެބައިމީހުން ދޫކުރައްވައި އެހެންތަނަކަށް ވަޑައިގެންނެވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 244}