ކައިވެނި ރޫޅި އެކަނިވެރިވާންޖެހުމުން ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައި އިން އަންހެނަކު ތަކުރާރުކޮށް ބުނަމުން ގެންދިއައެވެ. "އަހުރެންނަށް މައްޗަށް ނުކިޔެވުނީ އޭނާއަށް ކިޔަވައިދޭން ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްކުރަން ހަދައިގެންނެވެ. އަހުރެންގެ ބޭނުންތައް ނުފުއްދައިވެސް އޭނާގެ ބޭނުންތައް ފުއްދައިދިނީމެވެ. އެއީ ކައިވެނިކޮށް ދަރިން ލިބުމުން ގޭގައި އިންނާނީ އަހުރެންކަމަށްވެފައި ވަޒިފާއަދާކުރާނީ އޭނާ ކަމަށް ވިސްނައިގެންނެވެ.
ފުރަތަމަ ބުނީ ކައިވެނިކުރާނީ ޔުނި ނިމުމުން ކަމަށެވެ. ޔުނި ނިމުމުން ފުރަތަމަ ބުނީ އަހުރެންނަކީ ނުކިޔަވައި ހުރި އަންހެނަކަށްވާތީ ކައިވެނިކުރަން ކަމުނުދާ ކަމަށެވެ. ޙަޤީޤަތް އެނގޭ އެކުވެރިންގެ މަލާމާތަށް ކެތްނުކުރެވިގެން ކައިވެނިކުރިއެވެ. ކައިވެނިކުރެވުމުން އަހުރެން އުންމީދުކުރީ ދެން ދެމީހުން ވަކިނުވާނެ ކަމަށެވެ.
ނަމަވެސް ކައިވެނީގައިވީ 3 މަސްދުވަހެވެ. ވަރިކޮށްލައި އެކަނިވެރިކޮށްފައި އެދިއައީއެވެ. "ޔާ ﷲ! މިއަޅާގެ ޙަޔާތުން އޭނާ ގެންދެވީ ކީއްވެގެންތޯއެވެ؟ މިއަޅާއަށް މިހައި ބޮޑު ހިތްދަތިކަމެއް މިންވަރުކުރެއްވެވީ ކީއްވެގެންތޯއެވެ؟ މިއަޅާއަށް ކުރެވުނީ ކޮން ކުށެއްތޯ؟"އެވެ.
އެއްރެއަކު ހުފަނެއް ފެނުނެވެ. ފެންނަނީ ދުވަހަކުވެސް ފެނިފައިވާ ނުވާފަދަ ރީތި، މާތް ބޭކަލެކެވެ. ދުރުގަ ހުއްޓައި ގޮވާލެއްވުމުން އަރިއަހަށް ދިއުމުން ވިދާޅުވިއެވެ. މިއުޅެނީ ކަނބުލޭގެ ﷲ ތަޢާލާގެ ހަޟްރަތަށް ކުރިމަތިކުރުވަމުން ތިއަ ގެންދާ ސުވާލުތަކަށް ޖަވާބުދޭށެވެ!
"މިއަޅާގެ ޙަޔާތުން އޭނާ ގެންދެވީ ކީއްވެގެންތޯއެވެ؟ މިސުވާލުގެ ޖަވާބަކީ އޭނާ ތިބާއާއިމެދު ރާވަމުންދިއަ މަކަރުވެރި ރޭވުންތައް ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. ތިބާއަށް ދޭންވިސްނާ ބޮޑުދެރަވެސް ދެނެވޮޑިގެންވާތީއެވެ.
މިއަޅާއަށް މިހައި ބޮޑު ހިތްދަތިކަމެއް މިންވަރުކުރެއްވެވީ ކީއްވެގެންތޯއެވެ؟ މިސުވާލުގެ ޖަވާބަކީ ހިތްދަތި ތިއަވެވެނީ އެކަމުން ތިބާއަށް ކުރަން އޮތް ފައިދާގެ ބޮޑުކަން ނުއެނގޭތީއެވެ. އެނގޭނަމަ ހުންނާނީ އުފަލުން ހިތްފުރިގެންނެވެ.
މިއަޅާއަށް ކުރެވުނީ ކޮން ކުށެއްތޯ؟"އެވެ. ދަރިފުޅާއެވެ! އެބޮޑު ރަޙުމަތް އެލެއްވެވީ ދަރިފުޅު އެއްވެސް ކުށެއް ނުކުރާތީއެވެ. ދެންވެސް ތިއަ ކަންކަމަށް ވިސްނުން ހުއްޓާލައި ﷲ ގެ ރަޙްމަތަށް އެދިގެން ދުޢާކުރުން ގިނަކުރާށެވެ!
ހޭލެވުމާއިއެކު ވުޟޫކޮށްގެން ނުކުމެ ދެރަކްޢަތް ނަމާދެއްކޮށް ހުވަފެނުގައި އެބޭކަލަކު އެވިދާޅުވެދެއްވެވި މަގުން ދުޢާކުރީމެވެ. އަދި ވިސްނުންވެސް އެމަގަށް ބަދަލުކުރަން މަސައްކަތްކުރަން ފެށީމެވެ.
އެއިގެ ފަހުން ސާޅީސް ވަނަ ރެއަކީ އަހުރެންގެ ދެވަނަ ކައިވެނި ކުރެވުނު ރެއެވެ. ތަޤްވާވެރި ވަރަށް ރަނގަޅު ޒުވާނަކާއިއެވެ. އެކައިވެންޏަށް މިހާރު 30 އަހަރުވީއެވެ. ދިރިއުޅެމުން މިއަންނަނީ އުފަލުން ހިތްފުރިގެން ހުރެއެވެ.
މިއީ ހަމަ އެފަދަ މާޔޫސްކަމެއްގައި ހުޓައި އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. އަޅުގަނޑަށް މިވާހަކައިން ވަރަށް ހިތްވަރު ލިބުނެވެ. ފައިދާވެސް ކުރިއެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް