ޢިބްރަތްތެރި ވާހަކަ: އެކައުންޓުގަ ހުރި ފައިސާއާ ކާރު ވަގަށްނަގައިގެން ލޯބިވެރިޔާއާއެކު ފިލަންދަނިކޮށް މަރުވުމުންވެސް މާފުކުރި އަންތބަކަށް މާއުފާވެރި ދިރިއުޅުމެއް ލިބުނުގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ޢިބްރަތްތެރި ވާހަކަ: އެކައުންޓުގަ ހުރި ފައިސާއާ ކާރު ވަގަށްނަގައިގެން ލޯބިވެރިޔާއާއެކު ފިލަންދަނިކޮށް މަރުވުމުންވެސް މާފުކުރި އަންތބަކަށް މާއުފާވެރި ދިރިއުޅުމެއް ލިބުނުގޮތުގެ ވާހަކަ-

މާފުކުރަން އެނދަގޫވަނީ އެކަމުންކުރާނެ ފައިދާ ނުވިސްނޭތީއެވެ. މާފުކުރަންވީ އަނިޔާދިން މީހާއަށްޓަކައެއް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެންނެވެ. ދެރަދިން މީހާ ދިން ދެރަ މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަމުގެ ކަންކަން ނިންމެވުން ﷲ ތަޢާލާގެ ޙަޟްރަތަށް ދޫކޮށްލައި މާފުކުރާ އަޅުންނަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތް މާބޮޑުވެގެންދާކަން ތިރީގައިވާ ޙާދިސާއިންވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ   

އަހަރެމެން ދެމީހުން ކައިވެނިކުރީ 3 އަހަރުވަންދެން ލޯބިވެގެން އެކުގައި އުޅެފައެވެ. އަހަރެން ޤަބޫލުކުރީ އެހައިދުވަސްވަންދެން އެކީގައި އުޅުމުން ފިރިމީހާގެ ޙަޤީޤަތް އޮންނާނީ ދަސްވެފައި ކަމަށެވެ. އަދި ފިރިމީހާއަށް އަހަރެންގެ ޙަޤީޤަތްވެސް އޮންނާނީ އެނގިފައި ކަމަށެވެ.

ކައިވެނީގެ ކުރީކޮޅު ދިއައީ ވަރަށް ރަނގަޅަށެވެ. މައްސަލަތައް ޖެހެންފެށީ ބަލިވެއިނދެ ބަނޑަށް 5 މަސްހައިތަނުގައެވެ. ބަލިވެ އުޅެން ޖެހުމުންނެވެ. ހަށިގަނޑަސްވެސް ބަދަލުތައް އައިސް މޫނު ދުޅަވާންފެށުމުންނެވެ. އެހިސާބުން ފިރިމީހާ އަހަރެންނާއި ދުރުހެލިވާންފެށިއެވެ. އަހަރެން ދެކެންވެސް އޭނާ ބޭނުންނުވާފަދައެވެ.  

ހުރިހާ ކަމަކަށްވެސް ކެތްތެރިވީމެވެ. ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އަނގައިން ބަހެއް ނުބުނަމެވެ. އެންމެ މުހިންމު ކަމަކީ ވިހައިގަދަވުން ކަމަށް ޤަބޫލުކޮށްގެން ކެތްތެރިވީއެވެ. އެހެން އިންދައި ދުވަސްތައް ފާއިތުވަމުން ގޮސް ވިހަން އެންމެ 7 ދުވަހަށް ކައިރިވެފައިވަނިކޮށް އެއްރޭ އަހަރެން ވަރިކޮށްލައިފިއެވެ. ގެއިންވެސް ނުކުމެގެން ހިނގައްޖެއެވެ.

އެކަމާއި ވިސްނުނުވަރުންކަން ނޭނގެއެވެ. ނުކުމެގެންދިއަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބަނޑުގައި ރިއްސަން ފަށައިފިއެވެ. ކާރުގެ ތަޅުދަނޑި ހޯދަހޯދައި ނުފެނުމުން ކާރުގައި ތަޅުދަނޑި އޮތްތޯ ބަލައިލަން ތިރިއަށް ގޮސް ގަރާޖްބެލިއިރު ކާރެއް ނެތެވެ. ފިރިމީހާ އެދިއައީ ބުނެވެސް ނުލައި ކާރުގައެވެ. ކާރަކީ ބައްޕަ އަހަރެންނަށް ދީފައި އޮތް ކާރެކެވެ. އެހެންކަމުން އޭނާ އަހަރެން ވަރިކޮށްލާފައިދާއިރު ކާރުގައި ދާންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ.  

ވީދެރައިން މައްޗަށް އަރައި ފޯނު ހުޅުވައި އެކައުންޓް ބަލައިލިއިރު އެކައުންޓުގައި ހުރީ އެންމެ 100 ރުޕީސްއެވެ. އެދިއައީ އެކައުންޓުގައި ހުރި ފައިސާކޮޅުވެސް ވަގަށްނަގައިގެންނެވެ. ހޮސްޕިޓަލަށް ދެވޭނެ ގޮތެއްވެސް ނެތުނީއެވެ.  

ދެން އެހެން ގޮތެއް ނެތުމުން ބައްޕައަށް ގުޅީމެވެ. ހަމަގުޅިތަނާ ބައްޕަ އައިސް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ޑޮކްޓަރަށް ދައްކާއިރަށް ޙާލަތު ވަރަށް ގޯސްކަމަށްބުނެ ސިޒޭރިއަން ހަދަން ވަގުތުން ވައްދައިފިއެވެ.

ހޭއަރައި ވާހަކަ ދައްކައިލެވޭވަރުވުމުން ދަރިފުޅުގެނެސްދިނެވެ. ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ލިބުނު އުފާވެރިކަމުގެ ބޮޑުކަމުން ދަރިފުޅާއިދިމާއަށް ބުނެވުނެވެ. "ދަރިފުޅުގެ ބައްޕަ ދަރިފުޅު އުރާލަން އަންނާނެއެވެ." އެހެން ބުނުމުން ވެސް ބައްޕަމެން އެއްވެސް އެއްޗެއް ނުބުނެއެވެ.  

ދެވަނައަށް އޮތް ދުވަހު ނޫސްބަލަނިކޮށް ފެނުނު ޚަބަރަކުން ދިއައީ ސިއްސައިގެންނެވެ. ފިރިމީހާވަނީ ގެއިން ދިއަރޭ ހައިވޭގައި ބާރުސްޕީޑުގައި ދުއްވާފައިދަނިކޮށް އެކްސިޑެންޓްވެ މަރުވެފައެވެ. ކާރުގައި އިން އަންހެނަކު ސީރިއަސް ޒަޚަމްތަކާއިއެކު ސަލާމަތްވިއެވެ. އެއީ ފިރިމީހާގެ ލޯބިވެރިޔާއެވެ.  

އަހަރެންގެ ހިތަށް އެރިއެވެ. "ވިހަން ވަގުތު ކުޑަތަންވެފައިވަނިކޮށް އަހަރެންގެ އެކައުންޓުގައި ހުރި ފައިސާކޮޅު ވެސް ވަގަށްނަގައިގެން އަދި އަހަރެންގެ ކާރުވެސް ވަގަށް ނަގައިގެން ލޯބިވެރިޔާއާއިއެކު ދާންއުޅުނުތަނަކަށް ނުދެވުނުތާއެވެ. ދާންއެޖެހުނީ ކައްވަޅަށެވެ. އެކަމަކުވެސް އެއީ އަހަރެންގެ ދަރިފުޅުގެ ބައްޕައެވެ. އެންމެ ރަނގަޅު ގޮތަކީ އޭނާއަށް މާފުކުރުމެވެ." އެހެން ހިތަށް އެރުމާއިއެކު އޭނާއަށް ވަގުތުން މާފުކުރީމެވެ. އަދި އޭނާއަށްޓަކައި ހެޔޮދުޢާވެސްކުރީމެވެ.  

އަހަރެން ވިހެއުމުގެ ހުރިހާ ކަންކަންކޮށްދިނީ މަންމަ އާއި ބައްޕައެވެ. ގެއަށްދެވުމުންވެސް އެހީތެރިވިއެވެ. ބައްޕަމެންގެ އެހީތެރިކަމުގައި ދިރިއުޅޭތާ އަހަރެއްހައިދުވަސްފަހުން އެއްދުވަހަކު ބައްޕަ ގުޅާފައި ބުނީ މެހްމާނަކާއިއެކު އެރޭ ކާން އަޅުގަނޑުގާތަށް އަންނާނެ ކަމަށެވެ.

ބައްޕަ އައީ ޒުވާނަކާއިއެކުގައެވެ. ބައްޕަ ބުނީ އެޒުވާނާއަކީ ބައްޕަ މަސައްކަތްކުރާ އޮފީހުގެ ވެރިމީހާގެ ދަރިފުޅު ކަމަށެވެ. އަނބިމީހާ މަރުވުމުން އެކަނިވެރިކަމުގައި ހުރި ޒުވާނެއްކަމަށާއި އަހަރެންނާއި ކައިވެނިކުރަން އޭނާ ބޭނުންވާ ކަމަށެވެ. ޖަވާބުގައި އަހަރެން ބުނީ އެންމެ ބަހެކެވެ. "ބައްޕައަށް ފެންނަ ގޮތެކެވެ."  

އަހަރެން އަމިއްލައަށް ލޯބިވެރިއަކު ހޯދައިގެން 3 އަހަރު އެކީއުޅެފައި ކުރި ކައިވެނީގައި ކަންކަންވީގޮތުން ލޯބިވެގެން އުޅުން އަހަރެންނަށް އެހައި މުހިންމެއް ނޫނެވެ. އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި މުހިންމީ އެކަކު އަނެކަކަށް އަޅައިލުމެވެ. އެހީތެރިވުމެވެ. ރަނގަޅު އަޚްލާޤެއް ހުރުމެވެ.

އަހަރެމެންގެ ކައިވެނިކުރެވުނެވެ. ކައިވެންޏަށް މިހާރު ސިލްވަރޖުބިލީވެސް ފުރި އިތުރު 2 އަހަރުވެސް ވެއްޖެއެވެ. ފިރިމީހާއަކީ ޖަވާހިރެއް ފަދަ ފިރިއެކެވެ. އޮފީހުން ގެއަށް އައުމަށްފަހު ވަރަށް މަދު ފަހަރަކު ނޫނީ އަހަރެން ނުލައި ބޭރަށްވެސް ނުދެއެވެ. އަބަދުވެސް އުޅޭނީ އަހަރެންނަށް ކަމެއްކޮށްނުދެވިގެންނެވެ.

އަހަރެން ޤަބޫލުކުރާ ގޮތުގައި މިހައި ރަނގަޅު ފިރިއަކު އަހަރެންނަށް ލިބުނީ އަނިޔާވެރި ފިރިމީހާ ދިން އަނިޔާތަކަށާއި ގެއްލުންތަކަށް ނުވިސްނައި އޭނާއަށް މާފުކޮށް މުސްތަޤްބަލް ﷲ އަށް ވަކީލްކުރުމުންނެވެ.  

އަހަރެން ބުނާނީ މަކަރުވެރި، އަނިޔާވެރި ފިރިންވެސް އަނބިންވެސް އުޅޭނެއެވެ. މިހާރު ގިނަވާނީވެސް އެފަދަ މީހުންނެވެ. އަނިޔާއެއް ދީފިނަމަ އެކަން ހިތުގައި އަޅައިގެން އުޅެގެން ކުރާނެ ފައިދާއެއް ނެތެވެ. ލިބުނު ދެރަ ﷲ އަށް ވަކީލްކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. 

 

- ފަރީޙާ ޢަބްދުއްރައްޒާޤް / ލާހޯރު ޕާކިސްތާން

- އިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން